ހަބަރު

ހަރަދު ކުޑަކޮށްގެން ނުވަ ބިލިއަން ރުފިޔާ ސަލާމަތް ކުރެވުނު

Feb 4, 2021
1

ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ހީނަރުވެ، އާމްދަނީ ދަށްވުމުގެ ސަބަބުން ދައުލަތުގެ ހަރަދު ކުޑަ ކުރަން ސަރުކާރު އެޅި ފިޔަވަޅުތަކުގެ ސަބަބުން، މިދިޔަ އަހަރު ބަޖެޓު ކުރި އަދަދުން ނުވަ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވުނުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިދިޔަ އަހަރަށް މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓްގެ ޖުމްލަ ހަރަދަކީ 37.9 ބިލިއަން ރުފިޔާ ކަމަށެވެ.

ނަމަވެސް، ކޮވިޑް-19 އިގެ ތެރޭގައި އިގުތިސާދީ ހަރަކާތްތައް ހުއްޓުމާ ގުޅިގެން، ސަރުކާރުގެ މާލީ ސިޔާސަތު ތަންފީޒުކުރުމުގައި، ހަރަދު ކުޑަކުރުމަށް ވަރަށް ބޮޑަށް އިސްކަމެއް ދެވިފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ.

އޮފީސްތަކުގެ އިދާރީ ބައެއް ހަރަދުތަކާއި، ދަތުރުތައް ފަދަ ސަރުކާރުގެ އާންމު ހަރަދުތައް ކުޑަކުރަން މިދިޔަ އަހަރު ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ރައީސް މިއަދު ވިދާޅުވީ ކޮވިޑްގެ ހަރަދުތަކާއެކު، މިދިޔަ އަހަރުގެ ޖުމްލަ ހަރަދު 28.5 ބިލިއަން ރުފިޔާއަށް ދަށްކުރެވުނު ކަމަށެވެ.

ހަރަދުތައް ކުޑަކޮށްގެން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދެވިފައިވަނީ، ސިވިލް ސާވިސްގެ އެންމެ މުވައްޒަފެއްގެ މުސާރަވެސް އުނިނުކޮށް، އަދި އެންމެ މުވައްޒަފަކުވެސް ވަޒީފާއިން ވަކިނުކޮށްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުން، އެތައް ދިވެހިންނެއްގެ ވަޒީފާ ސަލާމަތްކުރެވުނު. ކުދި އަދި ބޮޑެތި ވިޔަފާރިތައް ބަނގުރޫޓުނުވެ ހިންދެމިލާނެ ފުރުސަތު ލިބުނު. އާއިލާތަކާއި ގޭބީސީތަކަށް ރައްކާތެރިކަން ލިބުނު،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު މިއަދު އިއްވެވި، 3211 ލަފުޒު ހިމެނޭ ރިޔާސީ ބަޔާނުގައި 2020 ވަނަ އަހަރު ސަރުކާރުން ކުރި މުހިންމު މަސައްކަތްތަކާއި 2021 އަށް ސަރުކާރުން ކަނޑައަޅާ އަމާޒުތަކުގެ ތަފްސީލުވެސް ދެއްވި އެވެ.

އަދި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ މައްސަލަތަކާއި އެ މައްސަލަތަކުން އަރައިގަތުމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލުވެސް އެމަނިކުފާނު މިއަދު ވަނީ ދެއްވައިފަ އެވެ.