- މި ވޯޓް ކާމިޔާބު ކުރަން އެމްޑީޕީގެ އެހީ ހޯދާކަށް ނުޖެހޭ
- ނޮވެމްބަރު 11 އަންނާނީ ނައިބު ރައީސް ބޭރު ކުރުމަށްފަހު
- ޕީޕީއެމާއި އެމްޑީއޭ އާއި ޖޭޕީގެ ވޯޓުން މިކަން ނިމޭނެ
ޖުމްހޫރީ ދުވަސް، ނޮވެމްބަރު 11 އަންނާނީ ނައިބު ރައީސްގެ މަގާމުން އަހުމަދު އަދީބު ދުރުކުރުމަށް ފަހު ކަމަށާއި މަޖިލީހުގައި އެމަނިކުފާނު މައްޗަށް ނަގާވޯޓް އިތުބާރު ނެތް ކަމުގެ ވޯޓް ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ވިލިމާފަންނު ދާއިރާގެ މެންބަރު ނިހާން މިރޭ ވިދާޅުވީ ރާއްޖެއަށް ދިމާވި ދަތި ދަނޑިވަޅުގައި ރައީސް އަބްދުﷲ ޔާމީން ހުންނެވީ ވަރަށް ސާބިތު ކަމާއެކު ކަމަށާއި އެމަނިކުފާނުގެ ސަރުކާރު ވެސް އޮތީ އެހާ ސާބިތު ކަމާއެކު ކަމަށެވެ. އެއްވެސް ދިމާއަކުން ސަރުކާރު ހުއްޓިފައި ނެތް ކަމަށެވެ.
" 28 ސެޕްޓަމްބަރުގައި ރައީސް ޔާމީން އަވަހާރަ ކޮށްލަން [ފިނިފެންމާގައި ] ދިން އުދުވާނީ ހަމަލަ، ދިން ގެއްލުމާމެދު އަޅުގަނޑުމެ މުޅި މަޖިލިސް ވެސް ކެބިނެޓްވެސް ސަރުކާރުވެސް އޮތީ ސަމާލުވެ، މިހުރިހާ ހިނގާއިރު ވެސް ރައީސް ޔާމީން ހުންނެވީ ސާބިތު ކަމާއެކު ކުރިޔަށް ވަޑައިގަތުމުގައި،" ނިހާން ވިދާޅުވި އެވެ.
މެޖޯރިޓީ ލީޑަރު ވިދާޅުވީ މިއަދާ ހަމައަށް އާއިރު ރައީސް އަވަހާރަކޮށްލަން ދިން އުދުވާނީ ހަމަލައަށް ތުމަތު ކުރެވޭ މީހަކަށްވީ ނައިބު ރައީސް އަހުމަދު އަދީބު ކަމަށާއި އެހެންވެ އެކަމުގެ އެކަށޭނަ ހެކިތަކާއެކު ނައިބު ރައީސް އަދީބު މަގާމުން ދުރު ކުރުމުގެ ގަރާރު މިއަދު 52 މެންބަރުންނާއެކު ވެއްދީ ޔަގީން ކަމާއެކު ކަމަށެެވެ.
"މިއަދު ހުށަހެޅި އިތުބާރު ނެތްކަމުގެ ވޯޓަކީ [ތަހުގީގު] ޖަލުގައި ހުންނެވި ނައިބު ރައީސް މައްޗަށް ގާނޫނު އަސާސީ ބަޔާން ކުރާ މިންވަރަށް ސާބިތުވެ، އެ މަނިކުފާނަށް ދެން ރައީސުލް ޖުމްހޫރިއްޔާއަް އެހީތެރިވެދެއްވޭނެ ގޮތެއް ނެއްކަން ކަށަވަރުމުން ވެއްދި ގަރާރެއް. ގާނޫނު އަސާސީ 100 ވަނަ މާއްދާގެ ގައިވާ ހަމަތަކުގެ ތެރެއިން. އެ ހަމައިގެތެރެއިން އިތުބާރު ނެތްކަމުގެ ވޯޓްނަގަން ޖެހޭ، އެއީ އިތުބާރު ގެއްލުނުމީ 90 ވަރަކަށް ދުވަސްތެރޭގައި،"
ނިހާނު ވިދާޅުވި މި ގަރާރު ވައްދާފައި ވަނީ ރައީސް ނޫނީ ކެބިނެޓުން އެދިގެން ނޫން ކަމަށާއި އެއީ މިނިވަން ކަމާއެކު ޕީޖީ ގްރޫޕުން ނިންމި ނިންމެއް ކަމަށެވެ. އެކަން އެގޮތަށް ކުރީ ގާނޫނުއަސާސީ 17 ވަނަ މާއްދާގައި ބުނާ ހަމަތަކުގެ މަތިން ކަމަށެވެ.
މި ގަރާރު ވެއްދުމުގައި ޕީޕީއެމާއި އެމްޑީއޭ އާއި ޖޭޕީ ބައިވެރިވި އެވެ. އެ ތިން ޕާޓީގެ މެންބަރު އެކުވުމުން 59 މެންބަރުން ހަމަވާއިރު ވޯޓަށް ވޭނުންވަނީ 57 އެވެ.
"މިކަން ނިމޭ 57 ވޯޓުން. އެކަމަކު އިތުރަށް އެއްވޯޓްލައިގެން 58 ކަމަށް ބަލާނީ، އެހެންވީމާ 14 ދުވަހުގެ ތެރޭގައި އަޅުގަނޑުމެނަށް ނައިބު ރައީސް އަދީބު މަގާމުން ދުރުކޮށް ފޮނުވާލެވޭނެ، މިކަމުގައި ވަރަށް ޔަގީންކަން އެބައޮތް އިތުބާރު އެބައޮތް" ނިހާން ވިދާޅުވި އެވެ. "މިކަމުގައި އަޅގަނޑުމެން އެމްޑީޕީގެ އެހީ ހޯދަން ވާހަކަ ދައްކާކަށްވެސް ނުޖެހޭ ނުވެސް ދައްކަން"
ނިހާން ވިދާޅުވީ މިއަދު ގަރާރު ވެއްދި އިރު 52 ސޮއި އޮތީ ބައެއް ބޭފުޅުން ދަތުރުތަކުގަ އާއި ބޭރުގައި ތިއްބެވުމުން ކަމަށާއި މި މައްސަލަ ވެއްދި ތްރީލައިން ވިޕެއްގެ ތެރެއިން އިއްތިފާގުން ފާސްކޮށްގެން ކަމަށެވެ.
"މީ ވަރަށް ފަސޭހަ ވޯޓެއް ވަރަށް ޔަގީން ކަން އެބައޮތް ނޮވެމްބަރު 11 އަންނާނީ މި ވޯޓް ނަގައިގެން އަހުމަދު އަދީބު މަގާމުން ދުރުކޮށްގެން،"
މީގެ އިތުރުން ނިހާން ވިދާޅުވީ މި މައްސަލަ މިގޮތަށްް ދާއރު ނައބު ރައީސްގެ މާގާމުގެ ވާހަކަ ގާނޫނު އަސާސީގައި އޮންނަ ބޭނުމާމެދު ސީރިއަސްކޮށް ވިސްނަން ޖެހިފައިވާ ކަމަށާއި އެކަމަށް ބަދަލެއް ގެންނަން ޖެހޭ ކަމަށް މިޙާރު ވިސްނަން ޖެހިފައިވާ ކަމަށެވެ.
އިތުބާރުގެ ވޯޓް ކުރިޔަށްދާ އުސޫލު
ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހަޅާ ގަރާރުގައި ބަޔާންކޮށްފައިވާ މައްސަލަ ތަހުގީގުކޮށް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކާއި އެ މައްސަލަ މަތިކުރެވިދާނެ އެވެ. ނައިބު ރައީސް ގާމުން ވަކިި ކުރުމުގެ ބަހުސު މަޖިލީހުގައި ފެށުމުގެ 14 ދުވަސް ކުރިން ނާއިބު ރައީސް އަންގަންޖެހެ އެވެ. ދިފާއުގައި އަނގަބަހުންނާއި ލިޔުމުން ވެސް ނާއިބު ރައީސް އަށް ޖަވާބުދާރީ ވުމުގެ ހައްގު ނައިބު ރައީސަށް ލިބޭނެ އެވެ. ގާނޫނީ ވަކީލުން ވެސް ބޭނުން ކުރެއްވިދާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް މަގާމުން ވަކި ކުރަން މަޖިލީހަށް ވެއްދޭނީ ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން މެންބަރުންގެ ތިން ބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާ އެކު ސަބަބު ބަޔާންކޮށެވެ. ނާއިބު ރައީސްގެ އިތުބާރު ނެތް ކަމަށް ނަގާ ވޯޓުގައި މަޖިލީހުގެ ތިންބައިކުޅަ ދެބައި ވޯޓު ލިބެންޖެހެ އެވެ. އެއީ 57 މެންބަރުންގެ ވޯޓެވެ. މަޖިލީހުގައި ތިއްބަވަނީ 85 މެންބަރުންނެވެ.