ހަބަރު

މާލޭ މީހުނަށް ސަރުކާރު އޮތް ސިޔާސަތު ސާފުވެއްޖެ: މުއިއްޒު

ގުޅިފަޅުގައި ޕޯޓު ހެދުން ކުރިއަށްދާނެ ކަމަށް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާނުގައި އިއުލާނު ކުރެއްވުމުން މި ސަރުކާރުގައި މާލޭ ރައްޔިތުންގެ ބޯހިޔާވަހި ކަމަށް އޮތް ސިޔާސަތު ސާފު ވެއްޖެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގައި ގުޅިފަޅުގައި ޕޯޓް ހެދުން ކުރިޔަށް ދާނެ ކަމަށް އިއުލާނު ކުރެއްވި ކުރެއްވުމަކީ މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގާއި، އެކަމުގެ އުންމީދާމެދު މި ސަރުކާރުގެ ސިޔާސަތު އޮތްގޮތް ސާފުވެގެން ދިޔަ ކަމެއް ކަމަށެވެ.

"ރައީސްގެ ރިޔާސީ ބަޔާނުގައި ހިޔާ ފްލެޓްތަކުގެ ވާހަކަ އެއްވެސް ވަރަކަށް ނުދެއްކެވީތީ ހިތާމަކުރަން" މުއިއްޒު އިތުރަށް ވިދާޅުވި އެވެ.

ހިޔާފްލެޓްތައް އަތުލި ނިކަމެތި ރައްޔިތުންގެ އިހުސާސުތަކާއި ފްލެޓްތައް ލިބޭ ރައްޔިތުންގެ އިންތިޒާރަށް އެއްވެސް ސަމާލުކަމެއް ނުދެއްވާކަން ވެސް ސާފުވެގެން ދިޔަ ކަމަށް މުއިއްޒު އިތުރަށް ވަނީ ވިދާޅުވެފަ އެވެ.

މިއަހަރަށް މަޖިލީސް ހުޅުވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް މިއަދު ވިދާޅުވީ މާލޭގައި މިހާރު ގާއިމުވެފައި އޮތް ރާއްޖޭގެ މަރުކަޒީ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫއުގެ ތެރެއިން ބިންހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް، މިދިޔަ އަހަރު ނިމިފައިވާ ކަމަށެވެ. އެބަނދަރު ހެދުމުގެ އަމަލީ މަސައްކަތް މި އަހަރު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރަައީސް ވިދާޅުވިއެވެ. އަދި މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ބްރިޖުން ގުޅައިލުމުގެ އަމަލީ މަސައްކަތް ވެސް، ކުރިއަށް އޮތް ހަ މަސްތެރޭގައި ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.