(2 ފެބްރުއަރީ 2021 އާ ގުޅޭ)
އެނދުން ފޭބި ގޮތަށް ނޯޔާ އައިސް ދައްތަގެ ގައިގާ ބައްދާލިއެވެ. އަނގަޔަކުން ނުބުނެއެވެ. ފުންނޭވާއެއް ދޫކޮށްލި ނެހާ ކޮއްކޮގެ ގައިގާ މަޑުމަޑުން ޖަހާލިއެވެ. ރުޅި ނާންނާށޭ ނޯޔާ ބުނެލީ ދެނެވެ. ނެހާއާ ދުރަށް ޖެހިލައި ދައްތަގެ އަތުގައި ހިފާލައިގެން ހުރެ އައިސް އެނދުގައި ދެބެން އިށީނެވެ. ނޯޔާގެ ލޮލުން ފައިބަން ތައްޔާރަށް ހުރި ކަރުނަ ފެނުމުން ނެހާގެ ރުޅި ފިނިވެއްޖެއެވެ.
"އަހަރެންގެ ސްމާޓް ކޮއްކޮ، މިކަހަލަ ސްޓުޕިޑް، ސްޓުޕިޑް ކަމަކަށް އެއްބަސްވެދާނޭ ހިޔެއްނުކުރަން، އަދި ކުރަން ނިންމިއިރު އަހަރެން ކައިރީ ބުނެވެސްނުލި." ނެހާއަށް އަނެއްކާ ވެސް ދެފަރާތަށް ބޯހޫރާލެވުނީއެވެ.
"ތާތިއަށް ނޭނގޭ ކަމެއް ހަމައަސްލު ވެސް އަހަންނަކަށް ނޭނގެ، އަހަރެން ބުނަންވީ ކީކޭކަމެއް ވެސް ނޭނގިފަ މިހުންނަނީ، އޭނާ މިއަދު ގުޅާނަމޭ ބުނެފަ އޮތީމަ، މަޑުކުރީ އޭނާ ބުނަނީ ކީކޭތޯ ބަލަން، އެއަށްފަހު ތާތިއަށް ނޭނގި އޮތިއްޔާ ބުނާނީއޭ ހިތަށް އެރީ."
"ދެން ކީކޭ އޭނާ ބުނީ؟" ނެހާ ވަގުތުން ސުވާލުކުރިއެވެ.
"އޭނާ ވެސް ހުރީ ކައިވެނި ކުރާގޮތަށް، ވީހާ ވެސް އަވަހަކަށް." އަސްލަން ދެއްކި ހުރިހާ ވާހަކައެއްގެ ތަފްސީލު ނުދިނަސް މައިގަނޑު ވާހަކަ ނޯޔާ ހާމަކުރިއެވެ.
"ދެން ހަމަ ކައިވެނި ކުރަނީތަ؟" ޤަބޫލުނުކުރަން ބޭނުންނުވެފައި އިންހެން ނެހާއަށް އަހާލެވުނެވެ. ދައްތައަށް ބަލަން އިނދެ ނޯޔާ މަޑުމަޑުން ބޯޖަހާލީއެވެ. ފަހަތަށް ބޯގެންގޮސްފައި ދެއަތުން ބޮލުގައި ނެހާ ހިފަހައްޓާލިއެވެ. މާޔޫސްކަމުގެ އަޑެއް އޭނާ ލައްވާލިއެވެ. ދެން ބޮލުން އަތް ނަގަމުން ނޯޔާއަށް ބަލާލިއެވެ.
"އަންނާނަން މަންމައާ ވާހަކަދައްކާފަ، ހިޔެއްނުކުރަން މަންމަ ވެސް އެފާޑު ވެދާނޭ."
"ތާތި ނޫން... ނުދާތި..." އެނދުން ނެހާ ތެދުވެދާނޭތީ އޭނާގެ އަތުގައި ނޯޔާ އަވަހަށް ހިފެހެއްޓިއެވެ.
ނޯޔާ ހިފެހެއްޓީތީ ނެހާ އެނދުން ފައިބާކަށް ނޫޅުނެވެ. ކޮއްކޮއަށް ބަލަހައްޓައިގެން އިނީއެވެ. ނޯޔާގެ ނިންމުން ބަދަލު ކުރަން ނެހާ އެދެއެވެ. ނޯޔާ ހާމަނުކުރިޔަސް އޭނާ ކަންބޮޑުވާކަން އެ ދެ ލޮލުން ނެހާ ދުށްޓެވެ. ކޮއްކޮގެ ދެއަތްތިލައިގަ ނެހާ ހިފަހައްޓާލިއެވެ. އުމުރުން ސައުވީސް އަހަރު ފުރިފައި ވާއިރު ލޯތްބަކީ ނޯޔާ އަތްނުލާ އޮތް ބާބެކެވެ. އެކަން ނެހާއަށް ރަނގަޅަށް އެނގެއެވެ. ލޯތްބަށް ފުރުޞަތެއް ނުލިބި އެ އިޚްތިޔާރުން ނޯޔާ ބާކީވިއޭ ނެހާގެ ހިތަށް އެރިއެވެ. އޭނާ ވިސްނާ ގޮތުގައި ޒަވާޖީ ހަޔާތް ބާއްޖަވެރިވަނީ އެކަކުއަނެކަކުދެކެ ލޯބިވާ ދެ މީހުން ގުޅުނީމައެވެ. ހަޔާތަށް ބައިވެރިއަކު ހޮވުމަކީ އަމިއްލަ އިޚްތިޔާރެއް ކަމެވެ. އެ ފުރުޞަތުން ކޮއްކޮ މަހުރޫމްވެއްޖެކަން ހިތަށް އަރާވަރުން ނެހާ ދެރަވިއެވެ.
"މަންމަ ކީއްވެ ނިންމި ނިންމުމެއްމީ." ބޭއިޚްތިޔާރުގައި ނެހާއަށް ބުނެލެވުނެވެ.
"އެމީހުންގެ ނިޔަތް ގޯހެއްނޫން، މަންމަގެ މޫނުގައިވި ހާސްކަމާއި، އެ ދެ ލޮލުގައި ހުރި ރަތްކަން އަހަރެން ދުށީން، ބައްޕަ ހުރިހާ ވާހަކައެއް ދެއްކިއިރު މަންމަ އެގޮތަށް ހިމޭންވެފައި އިންނާތީ ނުދެކެން، މަންމައާއި ބައްޕަ އެ ވާހަކަ އަހަރެން ކައިރީ ބުނީ ވަރަށް އުންމީދާއެކު، އެމީހުންނަށް ވެސް އެއީ ފަސޭހަ ނިންމުމެއްނޫންކަން އަހަރެންނަށް ވިސްނޭ، އެމީހުންގެ ޢަމަލުތަކާއި މޫނުގައިވި އަސަރުން ހުރިހާ އެއްޗެއް އަހަރެންނަށް ނަގައިގަނެވުނު، މިއަދާ ހަމައަށް އަހަރެން އެދުނު އެއްވެސް ކަމެއް އެމީހުން ނުކޮށްދީއެއްނެތް، ބޭނުންވި ހުރިހާ ކަމެއް ފުރިހަމަކޮށްދިން، ސުވާލު ގިނައެއް ނުކުރޭ، އަހަރެންގެ ނިންމުމުގައި އަހަންނަށް ސާބިތުކަން ދޭން އެމީހުން ތިބި، ކުރިއަށްދާން ހިތްވަރުދިން، ތާތި! އަހަންނަކަށް ނޭނގެ މިކަމުގެ ނަތީޖާއަކީ ކޮބާކަމެއް، އެކަމަކު މަންމައާއި ބައްޕައަށް ޓަކައި އަހަރެން މިކަން ކޮށްދޭން ބޭނުން، އެމީހުން އަހަރެންނަށް ޓަކައި ކޮށްދިން ހުރިހާކަމެއް އަގު ކުރާނަމަ، އަހަރެން މިކޮށްދޭން އުޅެނީ ވަރަށް ކުޑަ މިންވަރެއް، އެމީހުން އަހަރެންނަށް ވާނެއޭ ބުނެފިނަމަ އެކަމެއް ވާނެ، އަހަރެން ކުރާނަން... ހިތްވަރު ދުލެއްނުކުރާނަން، ސޯ ޕްލީޒް، މަންމައާއި ބައްޕައާ ދިމާއަށް އެއްޗެއް ނުބުނާތި، އެމީހުންނަށް ޓަކައި ވިޔަސް މީތި ވޯކް ކުރަން އަހަރެން ބޭނުން."
"ނޯޔާ..." ނޭހާ ކުރިއަށް ޖެހިލައި ނޯޔާގެ ކޯތާފަތުގެ ދެފަރާތުން ހިފަހައްޓާލިއެވެ. ބަދަލުވަމުން އަންނަ ޒަމާން ގެނެސްދިން ތަރައްޤީއާއި ތަހުޒީބުގެ ތެރެއިން އަންހެނުންނަށް އުނގެނުމުގެ ފުރުޞަތުތައް ފުޅާވެއްޖެއެވެ. މިފަދަ ދުވަސްވަރެއްގައި ގިނަ ދާއިރާތަކުގައި އަންހެނުން އަންނަނީ ފިރިހެނުންނެކޭ އެއްހަމާގައި ފައިހަމަ ކުރަމުންނެވެ. ނަމަވެސް މިޒަމާނުގެ ވަށްޓަފާޅިއަށް ލޯހުޅިފައިވާ އާންމު އަންހެންކުދީންނާ ނޯޔާގެ ވިސްނުން ތަފާތުކަމީ ނެހާއަށް ނޭނގޭ ކަމެއްނޫނެވެ. ނެހާ ފަހަނަ އަޅައިނުދާނޭ އުސޫލުތަކެއް އަބަދުވެސް ގެންގުޅެއެވެ. މަންމައާއި ބައްޕަ އެ ދެބެން ވެސް ގެންގުޅުނީ ނުލާހިކު ޅަކޮށްގެންނެވެ. ދަރީންދެކެ އިންތިހާއަށް އެމީހުން ލޯބިވާކަން ނެހާއަށް ވެސް އެނގެއެވެ. ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ރިވެތި އަޚުލާޤު ދެބެންނަށް ބުނެދީ އާދަކުރުވިއެވެ.
"ލޯތްބާއި އަޅާލުމަކީ ވެސް މުހިންމު އެއްޗެއް، އޭނާއަކީ މީހަކާ އިނދެފައި ހުރި މީހެއް، އެ ކައިވެންޏަށް ތިން ދަރީން ވެސް އެބަތިބި، އޭނާއަށް ނޯޔާ މުހިންމުނުވެއްޖެއްޔާ." ނެހާ ބުންޏެވެ.
"ތިހެން ހީނުކުރޭ ތާތި، ﷲ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވޭ، އަހަރެން ހުރިހާކަމެއް ވަކީލު ކުރީ އެކަލާނގެއަށް، ބައްޕަ ބުނި، ދެރަގޮތެއްނުވާނޭ... އަހަރެންގެ މަޤްޞަދު މާތް، މަންމައާއި ބައްޕަ އަހަރެންނަށް ދަސްކޮށްދިން ހުރިހާކަމެއް އެކުދީންނަށް ދަސްކޮށްދޭން މަސައްކަތްކުރާނަން، އިންޝާﷲ." މުސްތަޤުބަލާމެދު ހިތްބިރުގަތަސް ނޯޔާގެ ހިތުގެ އަލިކަން އޭނާއަށް ސާބިތުކަން ދިނެވެ.
ނޯޔާގެ ކޮޓަރިން ނެހާ ނުކުތް އިރު ވެސް ހިތަށް ލިބުނު ނުތަނަވަސްކަން ފިލައިގެން ނުދިޔައެވެ. ރިދާންއާ ވާހަކަދައްކަން އޭނާ ހިތަށް އެރިއެވެ. އެކަމަކު ރިދާންއާ ދައްކަން އޮތީ ކޮންވާހަކައެއް ހެއްޔެވެ. ނޯޔާ އެ ހުރީ ހުރިހާ ކަމެއް ނިންމައިގެންނެވެ. އެޕާޓްމެންޓުން ނުކުންނަން އައި ނެހާއަށް މަންމަގެ އަޑު އިވި ހުއްޓެވުނެވެ.
"ކޮންދުނިޔެއްގަ؟ މަންމަ ދެފަހަރަށް ގޮވިފަހުން ނެހާއަށް އިވުނީ." ރޫމާ ހުރީ ކާމޭޒު ކައިރީއެވެ. ނެހާގެ ބަލާލުން ރޫމާ ހާސްކުރުވިއެވެ.
"ކިހިނެއްވީ؟ ކޮބާ އިޔާން؟ ނޫމާ ރަނގަޅުތަ؟" ނެހާގެ މޫނުގައިވި އަސަރުތަކުން ރޫމާގެ ސުވާލުތައް ފައްޗަކަށް އަމުނާލިއެވެ.
"މަންމަ ކީއްވެ ނުބުނީ؟ ކޮއްކޮ ވެސް ނުބުނޭ... ރިދާން ނުބުނިނަމަ..." ކާމޭޒު ކައިރިއަށް އައިސް ހުއްޓިލި ނެހާގެ އަޑުގައިވީ ޝަކުވާއެވެ. ދަރިފުޅުގެ މޫނަށް ބަލަން ހުރެފައި ރޫމާ އިސްޖަހާލީއެވެ. ފުންނޭވާއެއް އޭނާ ދޫކޮށްލިއެވެ. ކޮޅަށް ހުންނަން އުނދަގޫވެގެން ކާމޭޒުގެ ގޮނޑިއެއްގައި އޭނާ އިށީނީއެވެ.
"މަންމާ..." ނެހާއަށް ގޮވާލެވުނީ ކަންބޮޑުވުމާއެކުއެވެ.
"ކުއްލިއަކަށް ހުރިހާކަމެއް ހަމަޖެހުނީ، މީ އަހަރެން ވެސް ބޭނުންވީ ގޮތެއްނޫން، މަންމަ އިސްވެ ފާޅުކުރި ޚިޔާލެއްނޫން، އެކަމަކު ﷲ ދެއްކެވި މަގުކަން ޔަގީން، ދެކޮޅު ހެދެން ނެތީ އެހެންވެ، މީ އަހަރެންނަށް ކުރިމަތިވާނޭ އެންމެ ބޮޑު އިމްތިހާނު ފަދަ."
"ކޮއްކޮ ކިހިނެއް އުޅޭނީ، ކިހިނެއް ތިން ދަރީންނާ ފިރިއެއްގެ މަޞްޢޫލިއްޔަތު އުފުލާނީ... ދެމީހުންގެ ޚިޔާލު އެއްގޮތްވާނެ ކަމެއް ވެސް ނޭނގެ." ނޭހާގެ ކަންބޮޑުވުން ރޫމާ ބަލައިގަތެވެ. އެއީ އޭނާއަށް ވެސް އެންމެ ބޮޑަށް ވިސްނޭ ކަންކަމެވެ.
"އިންޝާﷲ، ރަނގަޅުވާނެ ކަމަށް ބަލަމާ، އެކުދީންގެ ލޯތްބާއި އަސްލަންގެ އެއްބާރުލުން ނޯޔާއަށް ލިބޭނޭ މަންމަގެ ހިތް ބުނޭ."
"އެ އަސްލަން އަޅައިގަނެފަ ވެއްޓުނަސް އިސްއުފުލާ ބަލާނުލާނެ، ބަލާލިޔަސް ހީވާނީ ރުޅި އައިސްފަ ހުންނަ މީހެއްހެން، ރިދާން ކަހަލަ ކޫލްކަމެއް އޭނާގެ ނުހުރޭ، އެ ސީރިއަސް މީހާއާ ކޮއްކޮއާ އެއްގޮތަކަށް ވެސް ނުގުޅޭ." ނެހާ ބުނެލި ގޮތުން ރޫމާ ހީނލިއެވެ. ޚުދު ރޫމާގެ ހިތުގައި ވެސް ތަސައްވުރު ކުރެވުނު ޖޯޑަކީ ރިދާނާއި ނޯޔާއެވެ.
ނެހާ އެނބުރި އޭނާ އުޅޭ ފަންގިފިލާއަށް ދިޔައީ މަންމަ ގާތު ވަރަށް ޝަކުވާކޮށްފައެވެ. ކައިވެނި ކުރިޔަސް އަސްލަންމެން ގެއަށް ނޯޔާ ފޮނުވާނުލަން ނެހާ އެދުނެވެ. ނޯޔާއާ މެދު އަސްލަން ކަންތައްކުރާނޭ ގޮތަކާމެދު ނެހާ އުޅެނީ މާ ބިރަކުންނެވެ. ދަރިންބަލާ އާޔާއެއްގެ މަޤާމު އޭނާގެ ކޮއްކޮއަށް އަސްލަން ދީފާނޭ ހީކުރެވެނީއެވެ. އެއްވެސް އުފާވެރިކަމެއްނެތް އެކަނިވެރި ދިރިއުޅުމެއްގައި ކޮއްކޮ ބަނދެވިފައި ހުރެދާނޭ ހީވަނީއެވެ.
އަސުރު ނަމާދުކޮށްގެން މިސްކިތުން ފޭބި އައްޔޫބު ދިޔައީ ރޫމާއަށް ބާޒާރުކޮށްދޭށެވެ. އޭނާ ދީފައި އޮތް ލިސްޓަށް އެއްޗެހި ގަނެގެން އެމީހުން ދިރިއުޅޭ ބަޔަށް އައިސް ވަނެވެ. ކާމޭޒުމަތީގައި ހުރި ބިއްލޫރި ފުޅިތައް އައިސްއަލަމާރިއަށް ލާން ރޫމާ އުޅެއެވެ. ފުޅިތަކަށް ފެން އެޅީކަން އައްޔޫބު ދެނެގަތެވެ.
"ރީތި ބަށިކޮޅެއް ނުފެނުން، އެހެން ހުރިހާ އެއްޗެއް ލިބުނު، ހުންނާނެ ކާހިތުން މޭބިސްކަދުރުކޮޅެއް ގެނެސްފަ." ބާޒާރުކޮށްގެން ގެނައި ކޮތަޅުތައް ކާމޭޒުމަތީ އައްޔޫބު ބެހެއްޓިއެވެ.
"ނެހާއަށް އެނގިއްޖެ، އަހަރެމެންނަށް ނުބުނެވިގެން އުޅެނިކޮށް އެގޭ ރިދާން އެވާހަކަ ދައްކައިފި." ފިރިމީހާއާ ހަތަރުކަޅި ހަމަކޮށްލުމާއެކު ރޫމާ ބުންޏެވެ.
"ނެހާ ޤަބޫލެއްނުވާނެ." ދަރިފުޅުގެ ގޮތް އެނގޭތީ އައްޔޫބަށް ބުނެވުނެވެ.
"ވަރަށް ދެރަވެފަ ވާހަކަދެއްކީ، ވަރަށް ކަންބޮޑުވެފަ ހުރީ." ރޫމާއަށް ބުނެވުނެވެ. އައްޔޫބު އެއްވެސް އެއްޗެކޭ ނުބުންޏެވެ. އެ ކަންބޮޑުވާ ކަންބޮޑުވުން ފިލައިގެންދާން ދުވަސް ނަގާނޭ އައްޔޫބުގެ ޟަމީރު ބުނެއެވެ. ކޮންމެ ގޮތެއް ވިޔަސް ނޯޔާއަކީ ގޭގެ އެންމެ ހަގު ކުއްޖާއެވެ. އެއީ އެގޭ އެންމެންގެ ހިތުގެ ފިނިކަމެވެ.
އައްޔޫބު އައިސް ނޯޔާގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. ބައްޕައޭ ބުނެ ނޯޔާއަށް ގޮވާލިއެވެ. އެނދުން ފުންމާލައިގެން އަވަހަށް އައިސް ނޯޔާ ދޮރު ހުޅުވިއެވެ. ނޯޔާ ފެނުމުން ފަރުވާތެރިކަމާއެކު ދަރިފުޅަށް ބަލާލިއެވެ.
"ބައްޕަ ވަންނަންތަ؟" އައްޔޫބު އަހާލިއެވެ. ނޯޔާ އަވަސްއަވަހަށް އާނއެކޭ ބުނެ އެތެރެއަށް ވަނީއެވެ.
ކޮޓަރިތެރެއަށް ބަލާލަމުން އައްޔޫބު އައިސް ނޯޔާގެ އެނދުގައި އިށީނެވެ. ނޯޔާއަކީ އަބަދުވެސް ސާފުތާހިރުވެފައި ތަރުތީބު ކަމަށް ލޯބިކުރާ ކުއްޖެކެވެ. ނޯޔާއަށް ގޮވާލާފައި އިށީންނަން އައްޔޫބު ބުންޏެވެ.
"ދަރިފުޅު ހިތަށް އަރާފާނެ ބައްޕަ ވަރަށް އަމިއްލަ އެދުން ބޮޑޭ." އައްޔޫބުގެ ގާތުގައި ނޯޔާ އިށީނުމާއެކު ވާހަކަދެއްކިއެވެ.
"އެކަހަލަ އެއްޗެއް ދުވަހަކުވެސް ހިތަކަށް ނާރާ، ނުވެސް އަރާނެ... ބައްޕަ އެ ދުވަހު ދެއްކީ ރަނގަޅު ވާހަކަތަކެއް، އެކަން ޤަބޫލުކުރަން، މިތަނަކީ އިމްތިހާނުން ފުރިފައިވާ ތަނެއްކަން ބައްޕަ ބުނީމެންނު."
"އާން! އިންސާނާ ދުނިޔޭގައި ހުންނާނީ ކިހާ ދުވަހެއްގައި ކަމެއް އެއްގޮތަކަށް ނޭނގެ، އުމުރުގެ މިހިސާބަށް އާދެވުނުއިރު ވެސް ބައްޕަ ބިރުގަންނަނީ ހެޔޮކަމުގެ ތިލަފަތް ލުއިވެދާނެތީ، ދަރީންނަކީ ހެޔޮލަފާ، ދީނުގެ ކަންކަމުގައި ހިފަހައްޓާ ކުދީންނަށް ހެދުމަކީ ބައްޕަ ކުރަންޖެހޭނެ ކަމެއް، ދަރީންނަށް ރަނގަޅު މަގު ދައްކައިދޭންވާނެ." އައްޔޫބު ބުންޏެވެ.
"އަސްލަން ގުޅި، އެއްވެސް މައްސަލައެއް ނެތިއްޔާ ކުރިއަށް އޮތް މަސް ތެރޭ ކައިވެނި ކުރަން ބުނީ، ކައިވެނީގެ ހުރިހާކަމެއް މަންމައާއި ބައްޕަގެ އަތްމައްޗަށް ދޫކޮށްލައިފިން، ބައްޕަމެން ބޭނުންވާ ގޮތަކަށް ހަމަޖައްސަންވީ." އައްޔޫބަށް ބަލާލާ ނޯޔާ ބުންޏެވެ. ފަހަރެއްގައި އެ ވާހަކައިން ބައްޕައަށް ހިތްހަމަޖެހުން ލިބިދާނޭ ހީކޮށެވެ.
* * * * *
"އަވަހެއްނޫންތަ؟" ރިދާނަށް ބުނެވުނެވެ.
ސަބީނާގެ ބަޔަށް އަސްލަން އައުމާއެކު އެމީހުންގެ ގާތުން ރިދާން ދުރަށް ނުދެއެވެ. ކައިވެނީގެ ވާހަކަ އެނގިގެން ރިދާން އެވާހަކަ ސަބީނާއާ ދެއްކިއެވެ. މަންމަ އަސްލަންއަށް ޓަކައި ނޯޔާ ހޯދާނެއެކޭ ރިދާން ހިޔެއްނުކުރެއެވެ.
"ލަސްކުރަނީ ކީއްކުރަން." ސަބީނާ ބުންޏެވެ.
"މަންމަ ވެސް ކުރާ ކަންތައް، އަސްލަންބެ ކުއްޖަކު ޗޫޒްކުރަން ދޫކޮށްލިނަމަ، ރެޑީނުވެ ހުރެ ލައިފެއް ފެށުމަކީ ރަނގަޅު ޚިޔާލެއްނޫން، މިދުވަސްކޮޅަށް ނެނީއެއް ވެސް ހޯދުނީސް، ދޯ އަސްލަންބެ." ބަހެއް ނުކިޔާއިން އަސްލަންއަށް ރިދާން ދޯ ދިނެވެ. ދެން ވެސް އޭނާ އަނގަޔަކުން ނުބުންޏެވެ.
"އަސްލަން އަމިއްލައަށް ނުނިންމާނެކަން މަންމައަށް އެނގޭ، ރިދާން ނޫނީ ދެން ކާކު ހުރީ މިކަމުގައި މަންމައަށް އެއްބާރުލުންދޭން." ސަބީނާ ބުންޏަސް ރިދާންއަށް ލިބިފައިވި ސިހުމުގެ އަސަރު އަދިވެސް ފިލައިގެން ނުދަނީއެވެ. މަންމައާ ދެކޮޅުވުމުގެ ގަސްދެއް ހަޤީޤަތުގައި އޭނާގެ ނެތެވެ. ނޯޔާއާ ގާތްކަމެއް ބޭއްވުމުގެ ޝައުގުވެރިކަން ހިތުގައި އުފެދިފައިވަނިކޮށް ކުއްލިއަކަށް އެ އިޙްސާސްތައް މުލުން ލުހެލަން ޖެހުނީތީ އެކަމާ ރިދާންގެ ހިތް ދެކޮޅު ހަދަނީއެވެ. އަސްލަންގެ މީހަކަށް ނޯޔާ ވެއްޖެއްޔާ ހުރިހާ ދޮރެއް ރިދާންއަށް ބަންދުވާނެކަން ޔަގީން ވާތީއެވެ.
"ރޫމާއާ ވާހަކަދައްކާނަން، އަސްލަންގެ މިހާރު އެއްވެސް މައްސަލައެއްނެތެއްނު، ވަލީމާ ބާއްވަން ބޭނުންވާ ގޮތާމެދު އަސްލަންގެ ޚިޔާލެއް އޮތިއްޔާ ކުރިން ބުނަންވާނެ." ސަބީނާ ބުންޏެވެ.
"މަންމައާއި އެ ފެމެލީ މީހުން ބޭނުންވާ ގޮތަކަށް ކުރިޔަށް ގެންދިޔައީމަ އޯކޭވާނެ." ފަރުވާކުޑަ ގޮތަކަށް އަސްލަން ބުނީ އެއީ އޭނާއަށް މުހިންމު ކަމެއްކަމުގައި ނުފެންނާތީއެވެ. ގޭގައި ނޫނީ ކޯޓުގައި ވިޔަސް ކައިވެނި ކޮށްލެވުމުން އެކަން ނިމުނީކަމުގައި އޭނާއަށް ޤަބޫލުކުރެވެއެވެ. މައިރާއާއެކު ދިރިއުޅުމެއް ފެށީ އޭނާ އެކަމަށް ނުހަނު ބޭނުންވެގެންނެވެ. އިންތިހާއަށް ލޯބިވެގެންނެވެ. ކުލަގަދަކޮށް ކައިވެނީގެ ޙަފުލާ ފާހަގަކުރީ އެހެންވެއެވެ. ނަމަވެސް މިހާރު ކުރެވެން އުޅޭ ކައިވެންޏަކީ އަސްލަންގެ ނަޒަރުގައި އެއްވެސް ކުލައެއްނުވާ ޤަނޫނީ ގޮތުން ޖަހާލެވޭ ގޮށެކެވެ. ހިލޭ އަންހެނަކާއި ފިރިހެނެއްގެ ގޮތުގައި އެއްތަނެއްގައި ނޫޅެވޭނެތީވެ ކުރަންޖެހިގެން ކުރާ ކަމެކެވެ.
* * * * *
ބޮޑު ވާހަކައެއް ބުނަންވެފައި އޮތްކަން ނޯޔާ ބުނުމާއެކު ޔަޝާ ހުރީ އެ ގެއަށް އަންނަން ތައްޔާރު ވެގެންނެވެ. ނޯޔާގެ ހަމައެކަނި ހުރި ރަޙުމަތްތެރިއަކީ އެއީއެވެ. އޭނާގެ ގާތުގައި ކޮންމެހެން ވެސް ބުނަންޖެހޭނެއެވެ. ކައިވެންޏެއް ކުރެވި ނިމިގެންދާއިރު ޔަޝާއަކީ ނޯޔާގެ ގާތުގައި ހުރުމަށް އޭނާ އެދޭ މީހުންގެ ތެރެއިން އެކަކެވެ.
"އަވަސް އަވަސް..." ސައިބޯން ކާމޭޒު ކައިރީ ދެ އަންހެން ކުދީން އިށީނުމާއެކު ޔަޝާ ދެއަތުން އިޝާރާތް ކުރަމުން ބުންޏެވެ. އޭނާ އެބުނީ އަވަހަށް ދައްކަން އޮތް ވާހަކަ ފަށަންކަން ނޯޔާއަށް އެނގުނެވެ.
"އަހަރެން... މެރީ ކުރަން މިއުޅެނީ."
"ހާ..ހާ... ވެރީ ފަނީ، ބަޓް ދެޓްސް ދި ވޯސްޓް ޖޯކު މިހާތަނަށް އިވުނު." ޔަޝާ ބުންޏެވެ. ނޯޔާ އިރުކޮޅަކަށް ހިމޭންވިއެވެ.
"އަސްލަށޭ، މެރީކުރަން މިއުޅެނީ." ނޯޔާ ދެވަނަ ފަހަރަށް ބުންޏެވެ.
"ވަޓް ދަ..." ޔަޝާ ބުނަން އުޅުނު ބަސްތައް ނޯޔާގެ ލޯ އަޅާލުމާއެކު ހުއްޓާލިއެވެ. ވަގުތުން އަނގަމަތީ ޔަޝާ އަތް އެޅިއެވެ. އެހެން އިނދެ އޭތިމީތި އޭނާ ކިޔައިފިއެވެ. އޭނާގެ ހިތުން އަނގަމަތީ އަތް އެޅުމުން ކިޔާ އެއްޗެއް ސާފުނުވަންޏާ އެހިސާބުން ބަސްތައް ސެންސަރުވީއެވެ. އެގޮތަށް އޭނާ ބޭނުން އެއްޗެއް ކިޔިދާނެކަމެވެ. ދެ ލޯ ބޮޑުކޮށްގެން ދެބުމަ ކައިރިކޮށްލައިގެން ނޯޔާއަށް ބަލަން ޔަޝާ އިނެވެ.
"ފިރިހެން ކުދީންނާ އެލާޖީކު ކަމަށް އަހަރެން މިހާ ދުވަހު ހީކޮށްގެން ހުރީ، ދެން ކޮންތާކުން އައި މެރިއޭޖެއް." ހައިރާންވެ އަންތަރީސްވެފައި އިނދެފައި ޔަޝާ ބުނެލިއެވެ.
"ފެމެލީ ތެރެއިން ހަމަޖެހުނު ކަމެއް."
"ވަޓް؟... އޭނާ އެހާ ވެސް ހެންޑްސަމްތަ؟ ދައްކަބާ؟ ކޮބާ ފޮޓޯ؟ ބަލާފަ އެނގޭނީ އެއްޗެއް ބުނަން." ޔަޝާ ހިތް އަވަސްވިއެވެ. އޭނާގެ އެކުވެރިޔާގެ ހިތް އަތުލެވުނު ގޮތެއް އެނގެން ބޭނުންވިއެވެ. ޔަޝާގެ ޠަބީޢަތް އެނގޭތީ ތެދަށް ހުރިހާކަމެއް ކިޔާދޭން ނޯޔާ ޖެހިލުންވިއެވެ. އެހެންވިޔަސް ޔަޝާ ހުއްޓާނުލާނެކަން ވެސް އެނގެއެވެ.
"ފޮޓޯއެއްނެތް، ކުރިމަތީ ހުރި ގޭގަ އުޅެނީ، އެއީ ފެމެލީ ފްރެންޑްސްއޭ ބުނީމެންނު."
"އެކަމަކު ހާދަ ފާސްޓެކޭ ތިކޮށްލީ، މަށަށް ދައްކައިފިއްޔާ ހިތްކިޔާފާނެތީތަ ފޮޓޯއެއް ވެސް ނެތޭ ތިބުނީ، ގެނޭ ފޯނު." ޔަޝާއަށް ބުނެލެވުނެވެ.
"ނޫން، އަސްލު ވެސް ނެތޭ ފޮޓޯއެއް، ދެން އެހެންނޫނަސް އަވަހަށް ނިންމާލީމަ ރަނގަޅެއްނު." މާނަވީ ގޮތަކަށް ނޯޔާ ބުނެލިއެވެ.
"އެހެންވީރު މަށަށް ތިމީހަކު ފެންނާނީ ކޮންއިރަކުން، ނަމެއް ވެސް ނުބުނަމެންނު."
"އަސްލަން ކިޔަނީ، ކައިވެނި ކުރާއިރު ޔަޝާ ހުންނާނަމެންނު، އޭރުން ފެންނާނެއެއްނު." ނޯޔާއަށް ހަމައެއްގޮތަކަށް ވެސް ކައިވެނީގެ ފުރިހަމަ ތަފްސީލު ދޭކަށް ނުކެރުނެވެ. ދޮގެއް ހަދާކަށް ވެސް ނޯޔާ ބޭނުމެއްނޫނެވެ. އެހެންވެ އޭނާ ވާހަކަދެއްކީ ނިކަން ވިސްނައިގެން އިނދެއެވެ.
ޔަޝާއަށް ހީވީ ޢާއިލާއިން ހަމަޖެއްސި ނަމަވެސް ނޯޔާ އެހާ ރުހިގެން އިނީ އޭނާއަށް އަސްލަން ވަރަށް ބޮޑަށް ކަމުގޮސްގެން ކަމުގައެވެ. ކައިވެނީގެ ކަންކަން ރޭވެމުންދިޔަ ވަރަކަށް ޔަޝާއަށް އަންގާނެކަމުގައި ނޯޔާ އެއްބަސްވިއެވެ. އެކުވެރިޔާއަށް ލިބެން އުޅޭ އުފަލާމެދު ޔަޝާ އުފާވިޔަސް ޝަކުވާ ވެސް ކުރިއެވެ. އެހާ އަވަހަށް މީހަކާ އިންނަން އުޅޭތީއެވެ.
"ޖޮބަށް ކިހިނެއް ހަދަނީ؟ ކުރިން ދުވަހު ބުނީމެންނު ސިޓީއެއް ލައިގެން އުޅޭ ވާހަކަ."
"އަދި ނޭނގެއެއްނު ލިބޭނެކަމެއް." ނޯޔާ ނިކަން އަވަހަށް ބުންޏެވެ.
"ލިބޭނެ، މަށަށް ނުލިބުނަސް ނޯޔާއަށް ލިބޭނެ އިރާދަކުރެއްވިއްޔާ، ތީ އޮނާސް ސްޓޫޑެންޓެއް، ބެޗްގެ ދެވަނަ، މަވެސް ބައްޕަ ކައިރީ ބުނެފިން، ބައްޕަގެ ހުންނާނެ ފްރެންޑެއް... ލޯފާމްއަކުން ލިބިއްޖެއްޔާ ސަޅިއެއްނު، ޗާންސް ލިބިއްޖެއްޔާ ނޯޔާއަށް ގުޅާނަން." ޔަޝާ ބުންޏެވެ. ހިނިތުންވެލައިގެން އިން ނޯޔާގެ ސިކުނޑިއަށް އެތައް ޚިޔާލުތަކެއް އަރާ ފައިބަމުން ދިޔައެވެ. ވަޒީފާއަކަށް ދިއުމަށްވުރެ، ބުރަ މަސްޢޫލިއްޔަތަކާ އޭނާ ހަވާލުވާން ތައްޔާރުވާއިރު އެކަން ޔަޝާ ގާތު ނުބުނެވުނެވެ. އެންމެ ގާތް މީހާ ގާތުގައި ވެސް ކަންކަން ޚިއްޞާ ކުރަން ޖެހިލުންވާ ހާލަތެއް މެދުވެރިވެދާނޭކަން ނޯޔާއަށް މިހާރު ވިސްނެއެވެ. ނޯޔާ ބޭނުންވަނީ އޭނާއަށް ފާޑުކިޔުމެއްނެތި މިހާރު އެކުވެރިޔާގެ ފަރާތުން އެ ފެންނަ އެއްބާރުލުމާއި ގަޔާވުން ދުށުމަށެވެ.
* * * * *
ދެ ޢާއިލާއިން ކައިވެންޏަށް އެއްބަސްވިތާ ހަފްތާއެއް ފަހެވެ. ފުރަތަމަ އައި ހޯމަ ދުވަހެވެ. މުޙައްރަމު މަހުގެ ފުރަތަމަ ދުވަސް މެއެވެ. ރަންކިޔުން ހަމަޖެހިފައި އޮތީ ފެހިއާބާދު ގޭގަ ރޫމާއާއި އައްޔޫބު އުޅޭ ފަންގިފިލާގައެވެ. އަސުރުން ފޭބި ގޮތަށް ސަބީނާ ވެސް އެގެއަށް އަތުވެއްޖެއެވެ. ދެ ޢާއިލާ ފިޔަވާ އިތުރު ބަޔަކަށް އަންނަން ހަމަޖެހިފައި އޮތީ ކައިވެނީގެ ކަންކަން އައްޔޫބު ޚަވާލުކޮށްގެން އުޅޭ ކޯޓުގެ ރަޙުމަތްތެރިއެކެވެ. ފޯމު ފުރުމާއި ކޯޓަށް ފޯމު ވެއްދުމުގެ މަސައްކަތްތައް ކުރާނެ މީހަކީ އެއީއެވެ.
"ފައިނަލް ވެއްޖެ؟ ނުކިޔާތި ކުޑަކޮށް، އަހަރެންގެ ކޮއްކޮ އެހާ ބޭނުމިއްޔާ އޭނާ ޖެހޭނީ އަގުބޮޑުކޮށް ގަންނަން." ނޯޔާގެ ކޮޓަރިއަށް ވަން ގޮތަށް ނެހާ ފެށިއެވެ. ލުއި ހިނިތުންވުމަކާއެކު ނޯޔާ ބޯޖަހާލިއެވެ. ރަންކިޔާ ޙަފުލާއަކީ ކިހިނެއްވާ ކަމެއްކަން ނޯޔާއަށް އެނގުނީ ނެހާގެ ކައިވެނީގެ ކަންކަން ހިނގައިދިޔަ ގޮތް ފެނިފައި ހުރީމައެވެ. އެއީ މަޖާ ޙަފުލާއެއްގެ ގޮތުގައި ނޯޔާއަށް ސިފަވިއެވެ. އަޔާންގެ ޢާއިލާގެ މެންބަރުން ވެސް އެހާ ގުޅެއެވެ. ބޮޑަށް ފޯރި ނެގީ ވެސް އެމީހުންނެވެ.
"ކިހާވަރެއް؟" ނެހާ އަހާލިއެވެ. އެހިނދު ނޯޔާ ކަނާއަތުގެ ޝަހާދަތް އިނގިލި ގެނެސް ތުންފަތުގައި ޖައްސާލީއެވެ. އެއީ ސިއްރެކޭ ބުނެލާ ފަދައިންނެވެ.
"ދެން ބުނަންވީ..." ނެހާ ކެތްތެރިކަން ކުޑަވިއެވެ. ކުރީބައިގަ އޭނާއަށް އެނގިފައި އޮންނަން ޖެހޭ ކަހަލައެވެ. ކޮއްކޮގެ އެއްވެސް ކަމެއް އޭނާއަށް ސިއްރުކޮށްގެން ނުވާނޭ ކަހަލައެވެ.
"މަންމައަށް އެނގޭނެ، ގޮސް އަހާ." ނޯޔާ ބުނެލިއެވެ.
"ސަބިއްތަ އެބައުޅޭ، މަންމަ ނުބުނާނެ." ނެހާ މާޔޫސްވީކަން ދައްކާލިއެވެ. ސަބީނާ އުޅެނިކޮށް އެފަދަ މުހިންމު ވާހަކައެއް މަންމަ ނުބުނާނޭކަން ނެހާއަށް ޔަގީންވާތީއެވެ.
"ނާވަސް؟..." އިރުކޮޅަކު ކޮއްކޮއަށް ބަލަން އިނދެފައި ނެހާ އަހާލިއެވެ. ލުއި ހިނިތުންވުމަކާއެކު ނޯޔާ ބޯޖަހާލިއެވެ. އެކަކަށް ވެސް އޭނާ ފޮރުވަމުން އަންނަ ހާސްކަމެއް ނުފެނެއެވެ. ހިތްބިރުގެންފައި އިންވަރެއް ނޭނގެއެވެ. އަތްފައި ގަނޑުފެންކޮޅެއްހާ ފިންޏެވެ.
ހަތަރެއް ޖެހިއިރު ރިދާނާއެކު އަސްލަންއާއި އޭނާގެ ކުދީން އަތުވެއްޖެއެވެ. އަސްލަންއާ ފުރަތަމަ ވެސް ސަލާމްކުރީ ދޮރުކައިރީ ދަރިފުޅު އުރާލައިގެން ހުރި އަޔާނެވެ. ސޯފާއިން ތެދުވި ގޮތަށް އެކޮޅަށް އަންނާށޭ އައްޔޫބު ގޮވާލިއެވެ. ރިދާނަށް ހޯދާލެވުނީ ނޯޔާ ފެންނަން ނެތީމައެވެ.
"ޒާހިދު ބުނި ކައިރިކުރަނީއޭ، އޭނާ އައިމައެއްނު ފެށޭނީ." އައްޔޫބު ހާމަކުރިއެވެ.
"ރޫމާ، ނޯޔާއަށް ގޮވާލަންވީނު." ބަދިގެ ފަރާތުގައި އުޅުނު ރޫމާއަށް އައްޔޫބު ގޮވާލާފައި ބުންޏެވެ.
"ޒާހިދު އައީމައެއްނު." ރޫމާ ގަސްދުކުރީ ސީދާ ވަގުތަށް ދަރިފުޅު ނެރޭށެވެ. އެތަނުގައި މާގިނައިރު އިންނާކަށް ނޯޔާއަށް ފަސޭހައެއް ވެސް ނުވާނޭ ރޫމާގެ ހިތަށް އެރީއެވެ.
"އަރީން ކޮބާ؟" ސަބީނާ އަހާލިއެވެ.
"ރެޑީވަނީ." ރިދާން ޖަވާބު ދިނެވެ. ސަބީނާއަށް ތުންފިއްތާލެވުނެވެ. އަރީންއަށް އެތަނުގައި ހިނގާ އެއްވެސް ކަމެއް މުހިންމު ނުވާނޭކަން ސަބީނާއަށް އެނގެއެވެ. އޭނާ އަސްލަންއާއި ނޯޔާ އިންނަން އުޅޭކަން އެނގުނު ހިނދުން ފާޑުކިޔަން ފަށައިފިއެވެ. އެކަކަށް ވެސް ސަބީނާގެ ހިތުގައި އޮތް އެއްޗެއް ވިސްނޭހެނެއް ހިޔެއްނުވެއެވެ. އޭނާ އަސްލަންގެ ކައިވެނި އަލުން ކުރަން ނިންމީ ވަރަށް ފޮނި އުންމީދާއެކުއެވެ. އެ ދަރިފުޅަށް އުފާވެރި ހަޔާތެއް އަލުން ލިބެން އެދޭތީއެވެ.
ޒާހިދު އައިއިރު ވެސް އަރީންގެ ޢާއިލާއަށް އެގެއަށް އަދި ނާދެވެއެވެ. އެހެންވިޔަސް އަރީނަށް މަޑުކުރަން ސަބީނާ ބޭނުމެއްނުވިއެވެ. އައްޔޫބު ގާތު ފަށަން ޚިޔާލު ދިނީ އެހެންވެއެވެ. އެއާއެކު އައްޔޫބު ބަލާލީ ރޫމާއަށެވެ.
"އެންމެން އަތުވެއްޖެ." ނޯޔާގެ ކޮޓަރީގައި ޓަކިދީފައި ހުޅުވާލި ރޫމާ ބުންޏެވެ. ރީތިވާ މޭޒު ކައިރިން ތެދުވި ނޯޔާގެ ގާތުގައި ރޫމާ އައިސް ހުއްޓުނެވެ. ރަނގަޅުކޮށްލަން ނުޖެހުނަސް ނޯޔާގެ ޝޯލް ރޫމާ ރީތިކޮށްލިއެވެ. މަންމަގެ ދެ ލޮލުން އެތައް އަސަރެއް ނޯޔާ ދުށްޓެވެ. ދެމައިން އެކަކުއަނެކަކާ ބަދަލުކޮށްލީ މާނަފުން ހިނިތުންވުމެކެވެ.
"މަންމާ... ބުނަންތަ އަހަރެމެންގެ ނޯޔާއެއް ނުލިބޭނެ." އެނދުން ތެދުވި ނެހާ ބުނެލިއެވެ. ދޮރުން ނުކުންނަން އުޅޭ ގޮތް ދައްކާލިއެވެ. ރޫމާ އަތް ހޫރާލިއެވެ.
"މިހިރަ ދަރިއެއް." ރޫމާ ބުނެލިއެވެ. ނޯޔާއާއި ނެހާ އެކަކުއަނެކަކަށް ބަލާލާފައި ހީނލިއެވެ. ރޫމާއަށް ވެސް ހީނލެވުނެވެ. ތިންމައިން އެކުގައި ކޮޓަރިން ނުކުތެވެ.
(ނުނިމޭ)