ޓީޗަރުން

ޓީޗަރުންނަށްވެސް ވެކްސިން ދޭން ފަށައިފި

ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް މިހާރު ފަށައިފައިވާ ވެކްސިން ޕްރޮގްރާމްގެ ދަށުން ޓީޗަރުންނަށްވެސް ހާއްސަ އިސްކަމެއް ދީގެން ވެކްސިން ދޭން ފަށައިފި އެވެ.

ވެކްސިން ދޭން ފަށައިފައިވަނީ އިއްޔެއިން ފެށިގެން ނެވެ. އަދި ވެކްސިން ޖެހުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ވަނީ ޓީޗަރުންނަށް ހުޅުވާލައިފައެވެ.

އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު "އަވަސް" އަށް ވިދާޅުވީ މިވަގުތު ވެކްސިން ދެނީ މާލެ ސިޓީއާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށީ ސިޓީގެ ޓީޗަރުންނަށް ކަަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ރާއްޖޭގެ އެހެން ސަަރަހައްދުތަކުގެ ޓީޗަރުންނަށްވެސް ވެކްސިން ދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓީޗަރުންނަށް ވެކްސިން ދެނީ އެމީހުންގެ ގައިގައި އެއްވެސް ބައްޔެއް ހުރިތޯ ނުވަތަ ހަކުރު މައްޗަށް ދިއުމާއި ލޭ މައްޗަށް ދިއުންފަދަ ބަލިތައް ހުރޭތޯ ބަލުމަށްފަހު އެވެ.

މިދިޔަ ހޯމަ ދުވަހު އިފްތިތާހްކުރި ވެކްސިން ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ޖަހަން ފަށައިފައިވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އެގައުމުގެ ސިރަމް އިންސްޓްޓިއުޓްގައި އުފެއްދި އޮކްސްފޯޑްގެ "ކޮވިޑް ޝީލްޑް" ވެކްސިން އެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވެ އެވެ.

ވެކްސިން ދިނުމުގައި އެންމެ ފުރަތަަމަ އިސްކަންދީފައިވަނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރީންނަ ށެވެ. އަދި މިހާރު ޓޫރިޒަމް ދާއިރާގެ ބޭފުޅުންނަށް ހާާއްސަ އިސްކަމެއްދީގެން ވެކްސިން ޖެހުމަށްވެސް މިހާރު ދަނީ ތައްޔާރުވަމުން ނެވެ.