ކޮވިޑް-19 ވެކްސިން ޖަހަން ބޭނުންވާ މީހުން ޕޯޓަލްގައި ރަޖިސްޓްރީވާން ހުޅުވާލުމަށް ފަހު ރަޖިސްޓްރީނުވެ ވެކްސިން ދޭން ފެށުމުން ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެޗްޕީއޭއިން ވަނީ ކޮވިޑް ވެކްސިން ދޭން ފެށުމުގެ ކުރިން ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް ރަޖިސްޓްރީވުމަށް ހާއްސަ ޕޯޓަލްއެއް ހުޅުވާފައެވެ. އެ ޕޯޓަލްގައި 20،000 ވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީވެފައެވެ. އެޗްޕީއޭއިން ބުނީ ވެކްސިން ދޭނީ ރަޖިސްޓްރީވާ ތަރުތީބުން ކަނޑައަޅާފައިވާ ވަކި ކެޓަގަރީތަކަށް އިސްކަން ދީގެން ކަމަށެވެ.
އަދި ވެކްސިން ޖަހަން ކިއުގައި ޖެހެން ނުޖެހޭނެ ކަމަށާ ވެކްސިން ޖަހަން ވުން އަންނާނެ ކަމަށްވެސް ބުންޏެވެ.
ނަމަވެސް އިއްޔެ އެޗްޕީއޭއިން ވަނީ 65 އަހަރުން މަތީގެ މީހުން ވެކްސިން ޖެހުމަށް ސެންޓަރުތަކަށް ދިއުމުން ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ. އެޗްޕީއޭއިން ބުނީ މާލޭގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮވިޑް ވެކްސިން މިއަދު ޖަހަން ފަށާފައިވާ ކަމަށެވެ. މި އުމުރުގެ މީހުން ސޯޝަލް ސެންޓަރުގައި ގާއިމުކޮށްފައިވާ ވެކްސިން ސެންޓަރަށާއި ހުޅުމާލެ ވެކްސިން ސެންޓަރަށް ދިއުމަށް ވަނީ އެދިފައެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 9 ކުން ހަވީރު ފަހަކަށް ވެކްސިން ޖަހައިދޭނެ ކަމަށްވެސް ބުންޏެވެ. ރަޖިސްޓްރީ ނުވި ނަމަވެސް އެ އުމުރުގެ މީހުންނަށް ވެކްސިން ދޭނެ ކަމަށް ބުންޏެވެ.
އެޗްޕީއޭގެ އުސޫލު މިހާ އަވަހަށް ބަދަލުވުމުން ގިނަ ބަޔަކު ވަނީ އެކަމާއި ޝަކުވާ ކޮށްފައެވެ. އަދި އެ ނިންމުން ނިންމީ ކޮން އުސޫލަކުންތޯ އެޗްޕީއޭގެ އިސްވެރިންނާއި ސުވާލުކޮށްފައިވެއެވެ.
ވެކްސިން ޓީމުގައި ހަރަކާތްތެރިވާ ޑރ. އަހުމަދު ފައިސަލް ވަނީ މިވީ ގޮތެއް ބަލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
"މި ވާގޮތެއް އެބަޖެހޭ ބަލަން. ކުރިން އަޅުގަނޑުމެން ގާތުވެސް ބުނި ކިއޫ ހަދާކަށް ނުޖެހޭނެއޭ، ގުޅާނެއޭ، އެހެން ބުނާށޭ މީޑިއާއަށް އަރާފައި،" ފައިސަލް ވިދާޅުވެފައިވެއެވެ.
ވެކްސިން ޖަހަން ދާއިރު އައިޑީކާޑު ގެންދިއުމަށާއި ބޭނުންކުރާ ބޭހެއް ވާނަމަ އެ ބޭހެއްގެ މައުލޫމާތު އެނގޭނެހެން ދިއުން އަދި ގަޔަށް ދޫ ހެދުމެއްގައި އައުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ރަނގަޅަށް ކައިގެން އައުމަށާއި ފެންފުޅިއެއް ގެނައުމަށްވެސް އެޗްޕީއޭއިން އެދިފައިވެއެވެ. ވެކްސިން ޖަހަންދާ މީހަކީ ބަލީގެ އެއްވެސް އަލާމާތެއް ހުރި އަދި ކަރަންޓީންގައި ހުރި މީހަކަށް ވެގެން ނުވާނެ އެވެ.
އެޗްޕީއޭއިން ބުނީ ވެކްސިނަށް ރަޖިސްޓްރީ ނުކުރާ މީހުންނަށް ވެކްސިން ސެންޓަރުތަކުން ރަޖިސްޓްރީވުމަށް އެހީތެރިވެދޭނެ ކަމަށެވެ. ވީހާވެސް ގިނަ ބަޔަކު ވެކްސިން ޕޯޓަލްގައި ރަޖިސްޓްރީވުމަށް އިލްތިމާސް ކުރަމުން އެޗްޕީއޭއިން ބުނީ ވެކްސިން ޖެހުމަށް ހުޅުވާލާއިރު ރަޖިސްޓްރީވެފައިވާ ތަރުތީބަށް ބަލާނެ ކަމަށެވެ.