ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފައްޔާޒް އިސްމާއީލް

ޗައިނާއިން ވެކްސިން ހަދިޔާކުރާތީ ފައްޔާޒުގެ ތަފާތު ޓްވީޓެއް

ޗައިނާގެ ކުންފުންޏަކުން އުފެއްދި ކޮވިޑް-19 އިގެ 100،000 ޑޯޒް ވެކްސިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމާ އެކަން އިއުލާނު ކުރުމުން މި ސަރުކާރުގެ ނުފޫޒުގަދަ އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާއީލު ތަފާތު ޓްވީޓެއް ކުރައްވާ އިދިކޮޅަށް ރައްދު ދެއްވައިފި އެވެ.

ޗައިނާ ސަރުކާރުގެ ހިއްސާ އޮންނަ ޗައިނާގެ ނޭޝަނަލް ފާމަސޫޓިކަލް ގްރޫޕް (ސިނޯފާމް) އިން އުފެއްދި ވެކްސިން 100،000 ޑޯޒް ރާއްޖެއަށް ހަދިޔާ ކުރަން ނިންމާ އެކަން އިއުލާނު ކޮށްފައިވަނީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރެވެ. ސަފީރު ވިދާޅުވީ އެ ވެކްސިން ޝިފްމަންޓް ވަރަށް އަވަހަށް ރާއްޖެއަށް ގެނެވޭނެ ކަަމަށެވެ.

ރާއްޖޭގައި މިހާރު ޖަހަމުންދާ ކޮވިޝީލްޑް ވެކްސިނަކީ އިންޑިއާގައި މެނިފެކްޗް ކޮށްފައިވާ ވެކްސިނެވެ. އޮކްފޯޑްގެ ހޯދުންތަކުގެ އަލީގައި ތައްޔާރުކޮށްފައިވާ މި ވެކްސިން ރާއްޖޭގައި ޖަހަން ފެށީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަ ނުދެނީހެވެ. އަދިވެސް އެ ވެކްސިނަށް އެ ޖަމިއްޔާގެ ރަސްމީ ހުއްދަ ލިބިފައިނުވާއިރު ރާއްޖޭގައި އެ ވެކްސިން ޖަހަން ފެށީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ލިބިގެންނެވެ. އެ ވެކްސިނަށް އެމްއެފްޑީއޭގެ ހުއްދަ ދިނީ ޑަބްލިއުއެޗްއޯގެ ހުރިހާ މިންގަނޑުތަކަކަށް ފެތޭތޯ ބެލުމަށް ފަހުއެވެ.

ނަމަވެސް ޑަބްލިއުއެޗްއޯގެ ހުއްދަ ނުލިބެނީސް އިންޑިއާއިން ހަދިޔާ ކުރާ ވެކްސިނެއް ނުޖަހާނެ ކަމަށް ބުނެ ސަރުކާރާ ވާދަވެރި ބައެއް ބޭފުޅުން ވަނީ ވާހަކަ ދައްކާފައެވެ. އަދި ގާނޫނަކުން މަޖުބޫރު ކޮށްގެން ނޫނީ އިންޑިއާގައި އުފައްދާ ވެކްސިނެއް ނުޖަހާނެ ކަމަަށްވެސް ބައެއް ބޭފުޅުން ވިދާޅުވިއެވެ. މިހާރުގެ އިދިކޮޅު ކޯލިޝަނަކީ ޗައިނާއާ ވަރަށް ރުހޭ ބައެކެވެ.

އެކަމަށް އިޝާރާތް ކުރައްވާ ފައްޔާރު ވިދާޅުވީ ޗައިނާގެ ވެކްސިން ލިބުނި ކޮވިޑްގެ ނުރައްކަލުގެ ސަބަބުން ރާއްޖޭގެ އޮޕޮސިޝަން ނެތިދިއުމުގެ ބިރު އުފެދިފައިވާ ދަނޑިވަޅެއްގައި ކަމަަށެވެ. އަދި މިއީ ލިބުނު ވަރަށް އުފާވެރި ހަބަރެއް ކަމަަށެވެ.

"ޑިމޮކްރެޓިކް ނިޒާމް ދެމިއޮތުމަށް އޮޕޮސިޝަނެއް އޮތުމަކީ ކޮންމެހެން މުހިއްމު ކަމެއް. ކޮވިޑްގެ ނުރައްކަލުގެ ސަބަބުން ރާއްޖޭގެ އޮޕޮސިޝަން ނެތިދިއުމުގެ ބިރު އުފެދިފައިވާ ދަނޑިވަޅެއްގައި ވަރައްވެސް އުފާވެރި ހަބަރެއް،" އިދިކޮޅު ކޯލިޝަނަށް ފާޑުވިދާޅުވެ ފައްޔާޒު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ފައްޔާޒު ވަނީ ގާނޫނަކުން މަޖުބޫރު ކޮށްގެން ނޫނީ އިންޑިއާގައި އުފައްދާ ވެކްސިނެއް ނުޖަހާނެ ކަމަށް ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަދި މާވަށު ދާއިރާގެ ކުރީގެ މެންބަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވި ވިދާޅުވުމަށްވެސް ރައްދު ދެއްވާފައެވެ. ވިދާޅުވީ ޗައިނާ ވެކްސިން ލިބުމުން "އަޒީބެ ވެސް އިރާދަކުރެއްވިއްޔާ ދެން ޖައްސަވާނެ" ކަމަށެވެ.

ޗައިނާގެ ކުންފުންޏަކުން އުފެއްދި ކޮވިޑް-19 އިގެ 5،000 ޑޯޒް ވެކްސިން މިހާރުވެސް ރާއްޖޭގައި އެބަހުއްޓެވެ. އެއީ ހެޔޮ އެދޭ ފަރާތަކުން ހަދިޔާ ކުރި ވެކްސިނެވެ. ހަދިޔާކުރި ވަކި ފަރާތެއް ނުބުނެއެވެ. އެޗްއީއޯސީން ބުނީ އެ ވެކްސިން ރާއްޖެ ގެނެސް ސްޓޯކޮށްފައިވާ ކަމަށާ ވެކްސިން ބޭނުން ކުރަން ފަށާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ލިބުމުން ކަމަށެވެ. އެ ވެކްސިނާއި ގުޅުންހުރި މައުލޫމާތު ތައް ފަހުން ހާމަކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހޯމަ ދުވަހުން ފެށިގެން ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ރާއްޖޭގައި ވަނީ ފަށައިފަ އެވެ. ރާއްޖޭގައި މިވަގުތު ދެނީ ކޮވިޝީލްޑް ވެކްސިނެވެ. ނަމަަވެސް އެހެން ވެކްސިންތައް ރާއްޖެ ގެންނާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި މާދަމާ ކޮވިޑް-19 އިގެ ވެކްސިން ދޭން ފެށޭނެ ކަމަށް އެޗްއީއޯސީން ބުނެފައިވާއިރު ރާއްޖޭގައި ހުރީ ކޮވިޝީލްޑްގެ 100،000 ޑޯޒް ވެކްސިނެވެ. އެއީ 50،000 މީހުންނަށް ދެވޭނެ މިންވަރެކެވެ.