ޓޫރިސްޓް އެރައިވަލް

99،000 ވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ

Feb 5, 2021
6

އަހަރުގެ މިހާތަނަށް ރާއްޖެއަށް 99،000 ވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ޓޫރިޒަމްގެ އެންމެ ޕީކް އެއް މަސް ކަމަށްވާ މިދިޔަ މަހު ރާއްޖެއަށް 92،103 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މި މަހުގެ ހަތަރު ދުވަހާއެކު މިހާތަނަށް 99،397 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ.

މިދިޔަ އަހަރުގެ ޖަނަވަރީގައި ރާއްޖެ އައިސްފައިވަނީ 173،874 ޓޫރިސްޓުންނެވެ. ފެބްރުއަރީގެ ފުރަތަމަ އަހަރު ދުވަހު ރާއްޖެ އައިސްފައިވަނީ 15،444 ޓޫރިސްޓުންނެވެ. ނަމަަވެސް މި އަހަރުގެ ފެބްރުއަރީގެ ފުރަތަމަ ހަތަރު ދުވަހު އައީ 7،294 ޓޫރިސްޓުންނެވެ.

މިދިޔަ މަހަށް ބަލާއިރު އެވްރެޖު ގޮތެއްގައި ރާއްޖެއަށް އައިސްފައި ވަނީ 2،971 ޓޫރިސްޓުންނެވެ. އަދި މިދިޔަ މަހު ޓޫރިސްޓުން އެވްރެޖު ގޮތެއްގައި މަޑުކޮށްފައިވަނީ 9.2 ދުވަހު އެވެ. އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާ އިންނެވެ. މިހާތަނަށް އެ ގައުމުން 22،365 މީހުންނެވެ. އެ ގައުމުން ރާއްޖޭގެ ޓޫރިޒަމްގެ 22.5 ޕަސެންޓް ހިއްސާ ކޮށްފައިވެ އެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އިންޑިއާ އިންނެވެ. އެ ގައުމުން 20،933 މީހުން އައިސްފައިވެ އެވެ. އެއީ 21.1 ޕަސެންޓެވެ. ތިންވަނަ އަށް އެންމެ ގިނަ މީހުން އައި ޔޫކުރެއިންއިން 7،709 މީހުން އަދި ކަޒަކިސްތާނުން 4،895 މީހުން ވަނީ ރާއްޖެ އައިސްފައެވެ. ފްރާސްއިން 4،470 މީހުން، ރޮމޭނިއާއިން 3،800 މީހުން، ޖަރުމަނުން 3،703 މީހުން ރާއްޖެ އައިސްފައިވެއެވެ.

މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައީ އެމިރޭޓްސް އެއާލައިންގައެވެ. އެމިރޭޓްސްއިން 20،741 މީހުން އައިސްފައިވެއެވެ. ގަތަރު އެއާވޭސްއިން 13،542 މީހުން އައިސްފައިވާއިރު އިންޑިގޯއިން 11،897 މީހުން އަދި ގޯ އެއާއިން 11،687 މީހުން އައިސްފައިވެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް 555،494 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. ސަރުކާރު އަމާޒަކީ މި އަހަރު އެއް މިލިއަން ޓޫރިސްޓުން ގެނައުމެވެ.