ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑް ޖެހުނު މަންމައާ ދަރިފުޅު ބައްދަލުވީ ތިން މަސް ފަހުން

އެމެރިކާގެ ވިސްކޮންސިންގައި ދިރިއުޅޭ ކެލްސޭ ޓައުންސެންޑް ވިހޭތާ ތިން މަސް ފަހުން އޭނާގެ ދަރިފުޅާ ބައްދަލުކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.

އެސޯސިއޭޓެޑް ޕްރެސްގައިވާ މި ޚަބަރު ބުނާ ގޮތުގައި 32 އަހަރުގެ ކެލްސޭ އަށް އޭނާގެ ތުއްތު ދަރިފުޅު "ލޫސީ" އާ ބައްދަލުވުމަށް އެހާ ގިނަ ދުވަސް ނެގީ ބަނޑުބޮޑުއިރު ކޯވިޑް ޖެހި ވަރަށް ހާލުބޮޑުވެ ކޯމާގައި ގިނަ ދުވަސް ތަކަކު އޮންނަން ޖެހުމުންނެވެ.

ނޮވެމްބަރު،4، 2020 ގައި ސިޒޭރިއަން ހަދައިގެން ކެލްސޭގެ ދަރިފުޅު ނެގިއިރުވެސް އޭނާ އޮތީ ކޯމާގަ އެވެ.
މެޑިސަންގައި ހުންނަ އެސްއެސްއެމް ހެލްތު ސެން މޭރީ ހޮސްޕިޓަލުގައި ލައިފް އެންޑް ލަންގް ސަޕޯޓްގައި ކެލްސޭ 75 ދުވަހު އޮތެވެ.

އޭނާގެ ހާލު ރަނގަޅުވަމުން އައިސް ދަރިފުޅާ ބައްދަލުވެވޭ ވަރުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
"ފުރަތަމަ ބައްދަލުވުމުން ވެސް އަހަރެމެންގެ ދެމައިންގެ މެދުގައި ވަރަށް ވަރުގަދަ ގުޅުމެއް އުފެދިގެން ދިޔަ. އަހަރެން ފެނުމާއެކު ވަރަށް ރީއްޗަށް ދަރިފުޅު ހީލި. އަހަރެން މީ އޭނަގެ ކާކުކަން ދަރިފުޅަށް އެނގޭ ކަހަލަ. އެކަމާ އަހަރެން ވަރަށް އުފާވި،" ކެލްސޭ ބުންޏެވެ.

ކެލްސޭ ވިއްސި ޑޮކްޓަރު ބުނީ ކޮވިޑް ޖެހިފައިވާ މާބަނޑު މީހުން އެ ހޮސްޕިޓަލުގައި އާއްމުކޮށް ނުވިއްސާ ކަމަށެވެ.
ހޮސްޕިޓަލަށް ގެނައި އިރުވެސް ކެލްސޭގެ އޮކްސިޖަން ލެވެލް ހުރީ ވަރަށް ދަށުގައި ކަމަށާއި ބަނޑުގައި އޮތް ދަރިފުޅަށް އޮކްސިޖަން ނުލިބި ކުއްޖާގެ ސިކުނޑިއަށް ގެއްލުންވުމުގެ ފުރުސަތު އޭރު ވަރަށް ބޮޑު ކަމަށެވެ. އެހެންވެ ވީހާވެސް އަވަހަށް ދަރިފުޅު ވިއްސަން ޖެހުނީ ކަމަށް ޑޮކްޓަރު ބުންޏެވެ.

ކެލްސޭގެ ޑަބަލް ލަންގް ޓްރާންސްޕްލާންޓެއް ހަދަން ޖެހޭނެކަމަށް މިދިޔަ ޑިސެމްބަރު މަހު ޑޮކްޓަރުން ހީކުރި ނަމަވެސް އޭނާގެ ހާލަތު އަމިއްލައަށް ރަނގަޅުވަމުން އައިސް ޓްރާންސްޕްލާންޓެއް ނުހަދައި ފަރުޖެހުނީ އެވެ.
"ކެލްސޭ ވެންޓިލޭޓަރުން ނެގޭވަރުވީ ޖެނުއަރީ މެދެއްހާ ހިސާބުގައި. އަދި އެހިސާބުން ޓްރާންސްޕްލާންޓަށް އެދޭ މީހުންގެ ލިސްޓުން ވެސް އޭނާގެ ނަން ނެގީ،" ޑޮކްޓަރު ބުންޏެވެ.

ކެލްސޭގެ ފިރިމީހާ ޑެރެކް ޑައުންސެންޑް ބުނީ އަންހެނުން ބަލިވެގެން ފާއިތުވީ ތިން ހަތަރު މަސް ދުވަހަކީ ވަރަށް ހިތާމަވެރި ދުވަސްތަކެއް ކަމަށެވެ.

"ބައެއް ރޭރޭ ދަންވަރުގެ ހޮސްޕިޓަލުގެ ޑޮކްޓަރުން ގުޅާފަ ބުނާނެ އެމީހުންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްފީމޭ. ނަމަވެސް ކެލްސޭގެ ހާލަތު އަދިވެސް ހަމައަކަށް ނޭޅެޔޭ. އެފަދަ ވަގުތުތަކުގައި އަހަރެން ހިތަށް އަރާ އަހަރެންގެ އަންހެނުން ދެން ސަލާމަތެއް ނުވާނޭ،" ކެލްސޭގެ ފިރިމހާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކެލްސޭ ނެތުމުގެ އުނިކަން އެމިހުންގެ ތުއްތު ދަރިފުޅު ވެސް އިހްސާސް ކުރެ އެވެ. ކޮންމެވެސް މީހަކު ނެތިގެން އުޅޭ ކަހަލަ ގޮތަކަށް އެ ތުއްތުކުއްޖާ ވެސް އުޅެ އެވެ.

"މަންމަ ނުފެނި ހޭދަވި ތިން މަހެއްހާ ދުވަހު ލޫސީ އަބަދުވެސް އޮންނާނީ އެކި ފަރާތްފަރާތަކަށް ބަލަބަލާ. އަހަންނަށް ހީވަނީ އޭނާ އޭރު އަބަދު އެ އުޅެނީ މަންމަ ހޯދަންހެން،" ޑެރެކް ބުންޏެވެ.

ކެލްސޭ އާއި ޑެރެކް އުޅުނީ ކޯވިޑް ޖެހިދާނެތީ ދުރާލާ ވަރަށް ފަރުވާތެރިވެ ފިޔަވަޅުތައް އަޅައިގެންނެވެ. ނަމަވެސް ބަލި ލައްވާލީ ދެ މީހުންނަށް އެއްފަހަރާ އެވެ. ޑެރެކް އަށް މާބޮޑުވަރު ނުވެ ރަނގަޅުވީއިރު ކެލްސޭ އަށް ހާލަތު ވީ ގޯހެވެ.

ކެލްސޭ ބުނީ ދަރިފުޅު ކައިރިއަށް ގެޔަށް އާދެވުމަށް ވުރެ ބޮޑު އުފަލެއް އޭނާއަކަށް ނެތް ކަމަށެވެ.