މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އަނިޔާވި މީހާގެ ހާލު ސީރިއަސް

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގައި ހިނގި ހާދިސާގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އެމްޕީއެލްގައި ހިނގި ހާދިސާގައި ޒުވާނަކަށް އަނިޔާވެފައިވަނީ ކާޕެޓް ރޯލްތަކެއް ލޯޑްކުރަން އުޅުމުގެ ތެރޭގައި ކެެރޭނުން ކެނޑި ވެއްޓުމުގެ ސަބަބުންނެވެ. މި ހާދިސާއާ ގުޅިގެން އަނިޔާވި މީހާގެ ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ހޮސްޕިޓަލުން ބުނީ އޭނާއަށް ފަރުވާ ދެނީ އައިސީޔޫގައި ކަމަށާ ހާލު ސީރިއަސް ކަމަށެވެ.

އަނިޔާވި މީހަކީ މިނާ އިންވެސްޓްމަންޓް ގްރޫޕުގައި މަސައްކަތް ކުރާ މީހެކެވެ.

އެމްޕީއެލްގައި ނުރައްކާތެރި ހާދިސާއެއް ހިނގާފައި މިވަނީ ބިއްލޫރި ޕެލެޓެއް ދަށުވެ މަޖޫރީއަކު މަރުވެފައިވަނިކޮށެވެ. މި ދިޔަ މަހުގެ ހަތްވަނަަ ދުވަހު ހިނގި ހާދިސާގައި އަނިޔާވެގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެެމުން ދަނިކޮށް މަރުވީ ނ. ލަންދޫ، ފޭރުގަސްދޮށުގޭ، އަބްދުﷲ އާސިމް 27، އެވެ. އޭނާ ތާށިވީ ކޮންޓެއިނަރުގެ ބިތާއި ބިއްލޫރިތަކާ ދެމެދު އެވެ. ބިއްލޫރި ޕެލެޓް ވެއްޓުނީ އޭނާގެ މޭމައްޗަށެވެ. އޭގެ ސަބަބުން އޭނާ ވަރަށް ބޮޑަށް ޒަހަމްވެ އެތެރެހައްޓާއެކު ގިނަ އަނިޔާތަކެއް ލިބުނެވެ. އެ ގޮތުން އެތެރެހައްޓަށް ގިނަ އަދަދަކަށް ލޭ ފޭދި އަތުގެ އުޅަނބޮއްޓާއި ކުޑަހުޅާއި ފައިގެ އުކުޅުވަޅު ބިންދައިގެން ގޮސް މައިބަދަޔަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.

އެ ހާދިސާގައި އިތުރު ދެ މީހަކަށްވެސް އަނިޔާވިއެވެ.