ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށާ ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.
އިދިކޮޅު ދެ ޕާޓީގެ ސަޕޯޓަރުން މި ފަހުން ގެންދަނީ ސިލްސިލާ ހިނގާލުންތަކާއި އެއްވުންތައް ބާއްވަމުންނެވެ. އެ ދެ ޕާޓީން ވަނީ ސީދާ ހަރަކާތަށް ނިކުތުމަށް ނިންމާ ކައުންސިލުން ގަރާރެއްވެސް ފާސްކޮށްފައެވެ.
މިއަދުވެސް ހަވީރު އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން ވަނީ މާލޭގެ މަގުތަކަށް ނިކުމެ އަޑުއުފުލަމުން ހިނގާލާފައެވެ. ހިނގާލުމުގެ ތެރެއިން ހަތަރު މީހަކު، ފުލުހުން ހައްޔަރު ކުރިއެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލް މެންބަރަކާއި ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކުވެސް ހިމެނޭ ކަމަށް ކޮންގްރެސް ކޯލިޝަނުން ބުންޏެވެ.
ހިނގާލުމުގައި ބައިވެރިވި ބައެއް މީހުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދީ "ގަޔަށް އަތްލަން" މަސައްކަތް ކޮށްފައިވާ ކަމަށް އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުންނާއި އެމްޑީޕީގެ ބައެއް އިސްބޭފުޅުން ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު މިއަދު ހަވީރު މަޖީދީމަގުން ހިންގަވާފައި ވަޑައިގަންނަވަނިކޮށް ހިނގާލުމުގެ ބައިވެރިންނާއި ބައްދަލުވިއެވެ. އިދިކޮޅުން ބުނީ އެއްވެސް ސަޕޯޓަރަކު ރައީސް ނަޝީދަށް ހަމަލާދޭން މަސައްކަތް ކޮށްފައިނުވާ ކަމަަށެވެ.
ނަމަވެސް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވަނީ ރައީސް ޔާމީންގެ ސަޕޯޓަރުން ރައީސް ނަޝީދަށް ހަމަލާދޭން މަސައްކަތް ކުރި ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ.