އެއް ގައުމު އަނެއް ގައުމާ ތަޅުވައި ސަކަރާތް ޖެހުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާ އެފަދަ ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ބޮޑު ބަޖެޓަކުން ހަރަދު ކުރާ މީޑިއާއަށް ވާހަކަފުޅު ދައްކަވަމުން ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތާއި ގުޅޭ ގޮތުން މިނިސްޓަރު ޝާހިދު ވިދާޅުވީ ހުރިހާ ގައުމުތަކަކާ ވެސް މި ސަރުކާރުން ބާއްވާނީ ހަމަހަމަ ގުޅުމެއް ކަމަށެވެ. އަދި ކޮންމެ ގައުމަކުން ގޯހެއް ހެދި ނަމަވެސް އެ އެއީ ގޯހެއް ކަމަށް ބުނުމުގެ ހިތްވަރު ހުންނާނެ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހާރިޖީ ސިޔާސަތަށް ފާޑު ވިދާޅުވެ ޝާހިދު ވިދާޅުވީ ޒަމާނުއްސުރެ ރާއްޖެއިން އެހެން ގައުމުތަކާއި ބާއްވަމުން އައި ގުޅުންތައް ކުރީ ސަރުކާރުން ބުރޫއަރާފައިވާ ކަމަަށެވެ. މީގެ ކުރިން ވެސް ވަރަށް އެކުވެރި ގައުމުތަކާއި ދެކޮޅަށް ރާއްޖެއިން ބަޔާންތައް ނެރެފައިވާ ކަމަށާ ނަމަވެސް އެއީ ޒާތީ ކަމެއް އޮވެގެން ނުވަތަ ވަކި ގައުމަކާއި ޖައްސާލައިގެން ނޫން ކަމަށެވެ. ގައުމަކާއި ދެކޮޅަށް ބަހެއް ބުނާނީ އެ ގައުމަކުން ގޯހެއް ހެދުމުން ކަމަށެވެ.
ޝާހިދު ވިދާޅުވީ އޭގެ ބަދަލުގައި އެއް ގައުމު އަނެއް ގައުމާ ޖެހޭ ގޮތަށް ދިވެހި ސަރުކާރުން އިސްވެ ވާހަކަ ދެއްކުމަކީ ގޯހެއް ކަމަށެވެ. އެއް ގައުމު އަނެއް ގައުމާ ތަޅުވައިގެން ސަކަރާތް ޖެހުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
"ބައިނަލްއަގްވާމީ މައިދާނުގައި ކުރަން ނުވާވަރުގެ ގޯސް ކަމަކީ އެއް ގައުމު އަނެއް ގައުމާ ތޮޅުވައިގެން 'ހާތަޅުވާ ސީދީ' ހެދިގެން އެ ސަކަރާތް ޖެހުން. އެއީ ކުރާވަރުގެ ކަމެއް ނޫން. އެކަން ކުރީމަ ވީގޮތް ރައީސް ޔާމީންގެ ސަރުކާރުގައި އެ ފެނުނީ،" ޝާހިދު ވިދާޅުވި އެވެ.
މި ސަރުކާރުން އިންޑިއާއާ މާ ހާއްސަ ގުޅުންތަކެއް ބާއްވާ ކަމަށް އިދިކޮޅުން ކުރާ ތުހުމަތުތަކަށް ވެސް ޝާހިދު ވަނީ ރައްދު ދެއްވާފަ އެވެ. ވިދާޅުވީ ރާއްޖެއާ އެންމެ ގާތުގައި އޮތީ އިންޑިއާ ކަމަށާ ދިވެހިންނަށް ދިމާވި ކޮންމެ ބޮޑު ކަމެއްގައި އިންޑިއާގެ އެހީތެރިކަން އޮތީ ލިބިފައި ކަމަށެވެ.
އެ ގޮތުން 1988 ގެ އުދުވާނީ ހަމަލައިން ސަލާމަތްވާން އެންމެ ފުރަތަމަ އެހީތެރިވީ އިންޑިއާއިން ކަމަށާ މާލެ ފެނަށް ޖެހުމުން ހަ ގަޑިއިރުތެރޭ ފެން ގެނެސް ދިނީ ވެސް އިންޑިއާއިން ކަމަށެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމުގައި ވެސް އެންމެ ގިނަ އެހީ ވެދިނީ އިންޑިއާއިން ކަމަށް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުން ރާއްޖެއަށް ކިތަންމެ ވަރަކަށް އެހީތެރިވެދޭން ބޭނުންވިޔަސް އެންމެ ފަސޭހައިން އެހީތެރި ވެވެން އޮތީ އިންޑިއާއަށް ކަމަށާ އެއީވެސް އިންޑިއާ ހާއްސަވާ ސަބަބެއް ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއެކު އިންޑިއާ އާއި ރާްއްޖެއާ ދެމެދު ވަރަށް ގުޅުން ގާތެވެ. އަދި އެ ގުޅުމަށް އާންމުންނާއި ވަރަށް ބޮޑަށް ފާޑު ކިޔަ އެވެ. އަނެއްކޮޅު އެއްބިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް ބޮޑު އިންޑިއާއަށް ވެސް އެންމެ އިސްކަން ދެވޭ ގައުމަކަށް ހަދައިގެން އުޅެނީ ފަސްލައްކައެއްހާ މީހުންގެ އާބާދީއެއް އޮތް ރާއްޖެ އެވެ.