ފިރިހެން ކުއްޖަކަށް އިންތިޒާރު ކުރާތާ ތިން އަހަރު ވީއެވެ. ވިޝާމާ ބަލިވެ އިނީއްސުރެ ކުރެވޭ ދުއާއަކާ ވެސް އެއީއެވެ. ދެމީހުން އެއް ތަންވެއްޖެ ނަމަ ދެކެވޭ ވާހަކައަކީ ވެސް އެއީއެވެ. ސްކޭން ހެދުމަށްފަހު ޑޮކުޓަރު ވަކި އެއްޗެއް ނުބުނެއެވެ. ތަކުރާރުކޮށް އެހުމުން ވެސް ހިނިތުންވެލީއެވެ.
"ރަނގަޅުވާނެ ކަމަށް ވިސްނަމާ." ޑޮކުޓަރުގެ ހިނިތުންވުމާއެކު ދިން ޖަވާބު އަހަރެން މާނަކުރީ ރަނގަޅަށެވެ.
ވިޝާމާ އެޑުމިޓް ކުރީއްސުރެ ހިތާހިތާ ކިޔެމުން ދިޔައީ ވެސް އެހެންނެވެ. ކުރެވުނީ ވެސް އެއް ދުއާ އެކެވެ. ހުރިހާ ކަމެއް ވަޒަންހަމަވެ ފިރިހެން ކުއްޖަކު އަތަށް އެރުމެވެ. ވިޝާމާ ވިހޭ ޚަބަރާއެކު ހުރިހާ ކަމެއް ރަނގަޅު ކަމަށް ނަރުހުން ޚަބަރު ދިނެވެ. ޝުކުރުގެ އަތް މޭގައި ޖައްސާލެވުނެވެ. ދެވަނަ ކަމަކަށް ކުރެވުނު ސުވާލަކަށްވީ ވެސް ހަމަ އެ ސުވާލެވެ.
"ވައިފު އޮތީ ނުބުނަން ބުނެފަ. ބުނީ ރަނގަޅުވާނެ ކަމަށް ވިސްނާށޭ ބުނާށޭ." ނަރުސް ކުއްޖާ ހިނިތުންވެލިއެވެ.
ވިޝާމާ ވެސް އަހަރެން ތަޅުވަނީ ކަމަށް ވިސްނުނެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އަހަރެން ގޯސް ކޮށެއް ނުވިސްނާނަމެވެ. ވިސްނާނީ ހަމަ ރަނގަޅަށެވެ. ކޮންމެ ކަހަލަ ކުއްޖަކަށް ވިޔަސް ދެވަނަ ދަރިފުޅު ވެސް ވާނީ އަހަރެންގެ ދަރިއަކަށެވެ. ހިނގާނީ އަހަރެން ލެޔެވެ. ޖަހާނީ އަހަރެންގެ ވިންދެވެ. އަންހެން ކުއްޖަކަށް ވުމަކުން ދެރައެއް ވެސް ނެތެވެ. ހިތާމައެއް ވެސް ނެތެވެ. މިއީ އަންހެން ފިރިހެން ހަމަހަމަ ޒަމާނެވެ.
އެތެރެއަށް ވަނުމާއެކު ނަރުސް ކުއްޖާ ދިއްކޮށްލީ އަހަރެންގެ ދެވަނަ ދަރިފުޅެވެ. އެ މައުސޫމު މޫނަށް އަހަރެން ބަލައިލީމެވެ. ލޯބިލޯބި ފުށްކޮޅެކެވެ. ހަނދުފަދަ އޮމާން މޫނެކެވެ. ހީވީ އަހަރެންގެ ދެ ލޯ ކުޑަކޮށްލައިފައި އޮތް ހެންނެވެ. އެއީ ހަމަ ވިޝާމާގެ މޫނުކޮޅެވެ. އޭނާގެ ކުލައެވެ. އެ އަލިކަމެވެ.
"އަހަރެންގެ ފަރާތުން ދިން ހަދިޔާ،" ވިޝާމާ ވަރުބަލި ރާގެއްގައި ބުނެލިއެވެ. "އިޓްސް އަ ބޯއީ."
"އަލްހަމްދުﷲ." އަހަންނަށް ބޭއިހުތިޔާރުގައި ހަމްދަށް އަތް ނެގުނެވެ. "އަހަރުމެން ދުއާ އިޖާބަ ކުރައްވައިފި."
އާއިލާ ފުރިހަމަވި ކަމުގެ އިހުސާސް އަހަންނަށް ކުރެވެން ފެށުނެވެ. އުފަލުން ދަރިފުޅުގެ މޫނުގައި ބޮސް ދެވުނެވެ. ދަރިފުޅު ގޮވައިގެން އެނބުރިލެވުނެވެ. ފަޔަށް ގޮތެއް ހަދައިލަމުން ކޮރެއް ލައްވާ ލެވުނެވެ. ޒާތަކަށް ނަށައިލެވުނެވެ. އެ މަންޒަރު ބަލަން ވިޝާމާ އޮތެވެ. ހިނިތުންވެލައިގެންނެވެ.
ވިޝާމާ ގެއަށް ދޫކޮށްލިއެވެ. އަހަރެން ޕެޓާނިޓީ ލީވު ނެގީމެވެ. ދަރިފުޅާއެކު ވަގުތު ހޭދަކުރުމަށެވެ. ވިޝާމާ ހަމައަކަށް އެޅެންދެން ކަންކަމުގައި އެހީތެރިވުމުގެ ގޮތުންނެވެ.
"ކޮން ނަމެއް ކިޔާނީ ބޭބީއަށް؟" އަހަރެން ސުވާލުކޮށްލީ ދޮށީ ދަރިފުޅު ޝިޒާ އަށެވެ.
"ޒާން." ވިސްނަލަމުން ޝިޒާ ބުނެލިއެވެ. "މާނަ ވެސް ރީތިވާނެ، އެއީ ޒީނަތްތެރި."
"ދަރިފުޅު ވަރަށް ދިރާސާ ވެސް ކޮށްފިންދޯ؟" ވިޝާމާ ހިނިތުންވެލިއެވެ.
އަހަރެން ބޭނުންވީ ޝިޒާގެ ހޮވުމަށް އިހުތިރާމު ކުރާށެވެ. އޭނާ ދިން ނަން ދަރިފުޅަށް ދޭށެވެ.
"އެހެންވީމަ ބޭބީއަށް ކިޔާނީ ޒާން ޒުބައިރު." ދަރިފުޅުގެ ނަމުގެ ފަހަތަށް އަހަރެންގެ ނަން މަހައިލަމުން ބުނެލީމެވެ.
ޒާނަށް އެއް މަސް ފުރުނު ދުވަހެވެ. އަހަރެން އުޅުނީ ފެންވަރައިގެން ރީތިވާށެވެ. އޮފީހަށްދާން ތައްޔާރުވާށެވެ. ވިޝާމާ އުޅުނީ ޒާންގެ ނެޕީ ބަދަލުކުރާށެވެ.
"ޒުބޭ، އަހަންނަށް ހީވަނީ ޒާންގެ ބަނޑު ވަރަށް ހަރުހެން. ކުޑަކޮށް ފުފޭހެން ވެސް ހީވޭ. މިދިޔަ ހަފުތާއިން ފެށިގެން އަހަންނަށް އެކަން ފާހަގަވާން ފަށައިފި. އިއްޔެއަށްވުރެ މިއަދު ބޮޑުހެން ވެސް ހީވޭ." ޒާންގެ ބަނޑުގައި އިނގިލި ޖައްސާލަމުން ވިޝާމާ ބުނެލިއެވެ.
"ގްރިފް ވޯޓާ ގެންނަންވީދޯ، ޝިޒާ ވެސް ގޭސްވެގެން މަންމަމެން ބުނެގެން އެ ދިނީމައެއްނު ރަނގަޅުވީ." ހަނދާނުގައި ކުޅެލީ ޝިޒާގެ ތުއްތުއިރުގެ ހަނދާނެކެވެ.
އޮފީހަށް ދިޔުމުގެ ކުރިން ގްރިފް ވޯޓަރ ފުޅިއެއް ގަނެގެން ގެންގޮސް ވިޝާމާއަށް ދިނީމެވެ.
އޭގެ ހަފުތާއެއް ފަހެވެ. އެއީ ހުކުރު ދުވަހެކެވެ. އަހަންނަށް ނިދިފައި އޮއްވާ ވިޝާމާ ގޮވިއެވެ.
"ޒުބޭ! އަހަންނަށް ހީވަނީ ޒާން ޑޮކުޓަރަކަށް ދައްކަންވީހެން." ވިޝާމާގެ އަޑުގައި ހުރީ މާޔޫސްކަމުގެ ރާގެވެ.
"ކިހިނެއްވީ؟ ހުން އައީތަ؟" ނިދިން ފޯވެފައިވާ އަޑަކުން އަހަންނަށް ބުނެލެވުނެވެ.
"އެ ފެން ދިނަސް ބަނޑު ކުޑައެއް ނުވޭ، މިހާރު ފެންދޭތާ ވެސް ހަފުތާއެއް ވީނު. ދުވަހަކަށްވުރެ ދުވަހެއް ފުފޭހެން ހީވަނީ. ދެން ބަލައިބަލަ. މިހާރު މޭދަށުން ތަންކޮޅެއް ވެސް އުފުލޭހެން ވެސް ހީވޭ." ވިޝާމު މޮޅިވެރި ރާގެއްގައި ބުނެލިއެވެ.
އަހަރެން ދެލޯ ބޮޑުވިއެވެ. އަވަސް އަވަސްކޮށްލައިގެން ތެދުވެ އެނދުގައި އިށީނދެލަމުން ޒާންއާ ދިމާއަށް ބަލައިލެވުނެވެ. ޒާންގެ ބަނޑުގައި އިނގިލި ޖައްސާލީމެވެ. އާދަޔާ ހިލާފަށް ހަރުހެން ހީވިއެވެ. މޭދަށުން ހިއްލިފައިވާ ތަންކޮޅުގައި އިނގިލި ޖައްސާލީމެވެ. އެތަން ވެސް ހަރުކަމަށް ފާހަގަކުރެވުނެވެ.
އެދުވަހު ޑޮކުޓަރަށް ދެއްކޭ ގޮތެއް ނުވިއެވެ. ހުކުރު ދުވަސްކަމަށް ވީމައެވެ. ވަރަށް މަސައްކަތުން ޖެހިގެން އައި ދުވަހު ޑޮކުޓަރަށް ދައްކާނެ ނަންބަރެއް ލިބުނެވެ. ހަމަ އެދުވަހު ސްކޭނު ވެސް ހެދީމެވެ. ސްކޭން ރިޕޯޓު ހިފައިގެން ޑޮކުޓަރުގެ ކޮޓަރިއަށް ދިޔައީ ޒާން ވެސް ގޮވައިގެންނެވެ. ޑޮކުޓަރު ވަރަށް ފަރުވާތެރިކަމާއެކު ސްކޭން ރިޕޯޓަށް ބެލިއެވެ. ތަކުރާރުކޮށް ސްކޭނަށް ބަލަމުން ރިޕޯޓުތަކަށް ކަޅިއަޅައިގެން ފުން ވިސްނުމަކަށް ގެއްލިފައި އިންގޮތަށް ބަލަހައްޓައިގެން އިނެވެ. އިރުކޮޅަކުން ފޯނު ނަގައި ގުޅައިލިއެވެ. އިނގިރޭސި ބަހުން ކޮންމެވެސް ވާހަކަތަކެއް ދެއްކިއެވެ. ދެއްކި ވާހަކަތައް ކޮންމެ ވެސް ވަރަކަށް ފަހުމު ވެސް ވިއެވެ.
"ކިހިނެއްތޯ ވީ؟ އަނެއްކާ ކަމެއް ގޯސްވީތޯ؟" އަހަންނަށް ކެތް ނުކުރެވިގެން އަހައިލެވުނެވެ.
ވީޝާމާ ބަލައިލީ އަހަރެންގެ މޫނަށެވެ. އޭނާ ވެސް އިނީ ހާސްވެ ކަންބޮޑުވެފައެވެ. ޑޮކުޓަރުގެ ހަރަކާތްތައް ފެނިފައެވެ. ޑޮކުޓަރު ފޯނުން ދެއްކި ބައެއް ވާހަކަތައް އޭނާއަށް ވެސް ފަހުމު ވީމައެވެ.
"ބޭބީގެ ލިވާއާ ދިމާލުގައި އެބައިން ވަރަށް ބޮޑުކޮށް އިން އެއްޗެއް." ފުން ނަޒަރަކުން ޑޮކުޓަރު ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.
އަހަރެން ދެ ލޯ ބޮޑުވިއެވެ. މޭގެ ތެޅުން ބާރުވިއެވެ. ހީވީ ކަންކަށިމަތީގައި އެތިފަހަރެއް އެޅިހެންނެވެ. އެކަހަލަ ތަދެއް ހިތުގެ ތެރެއިން އިހުސާސް ވެސް ކުރެވުނެވެ. (ނުނިމޭ)