ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދަށް ހަމަލަދޭން ނޫޅޭ: އިދިކޮޅު

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށާ ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން މިއަދު ބޭއްވި ހިނގާލުމުގެ ބައިވެރިން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދީ "ގަޔަށް އަތްލަން" މަސައްކަތް ކޮށްފައިވާ ކަމަށް ބުނާ ބުނުން އިދިކޮޅުން ދޮގުކޮށްފި އެވެ.

މިއަދު ހަވީރު އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން ވަނީ މާލޭގެ މަގުތަކަށް ނިކުމެ އަޑުއުފުލަމުން ހިނގާލާފައެވެ.

ހިނގާލުމުގައި ބައިވެރިވި ބައެއް މީހުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދީ "ގަޔަށް އަތްލަން" މަސައްކަތް ކޮށްފައިވާ ކަމަށް އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުންނާއި އެމްޑީޕީގެ ބައެއް އިސްބޭފުޅުން ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު މިއަދު ހަވީރު މަޖީދީމަގުން ހިންގަވާފައި ވަޑައިގަންނަވަނިކޮށް ހިނގާލުމުގެ ބައިވެރިންނާއި ބައްދަލުވިއެވެ. އިދިކޮޅުން ބުނީ އެއްވެސް ސަޕޯޓަރަކު ރައީސް ނަޝީދަށް ހަމަލާދޭން މަސައްކަތް ކޮށްފައިނުވާ ކަމަަށެވެ.

ސަޕޯޓަރުން ގޮވާލީ ރައީސް ޔާމީން މިނިވަން ކުރުމަށާ ނަޝީދު ފެނިވަޑައިގަތުމުންވެސް ސަޕޯޓަރުން ގޮވާލީ އެކަމަށް ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.

ނަމަވެސް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވަނީ ރައީސް ޔާމީންގެ ސަޕޯޓަރުން ރައީސް ނަޝީދަށް ހަމަލާދޭން މަސައްކަތް ކުރި ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ.