ބޭރު ކުޅިވަރު

އާސެނަލް އާއި ޗެލްސީ ކަޓައި ދެ ޓީމަށް ވެސް އަނިޔާގެ މައްސަލަ

އާދައިގެ ދެ ޓީމު އަތުން ބަލިވެ، ޗެމްޕިއަން ޗެލްސީ އާއި އާސެނަލް ކެޕިޓަލްވަން ކަޕުން ކެޓިއިރު ދެ ޓީމަށް ވެސް އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެއްޖެ އެވެ.

ޗެލްސީ ކެޓީ ރޭ ސްޓޯކް ސިޓީއާ ވާދަކޮށް 1-1އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 5-4އިންނެވެ. ޖޮނަތަން ވޮލްޓާސް ލަނޑު ޖަހާފައިވަނިކޮށް ޗެލްސީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އެންމެ ފަހު މިނިޓްގައި ލޮއިކް ރެމީ އެވެ. އޭނާ ކުޅެން އެރުވީ ފަހުހާފުގައި ޑިއެގޯ ކޯސްޓާ އަރިކައްޓަށް އަނިޔާވެ ހޮސްޕިޓަލަށް ގެންދަން ޖެހުމުންނެވެ. މި އަނިޔާގެ ސަބަބުން ކޯސްޓާ އަށް ކުރިއަށްހުރި ބައެއް މެޗުތައް ގެއްލޭނެ ކަމަށްވެ އެވެ.

އަދި ކޯޗު ހޯސޭ މޮރީނިއޯ އަށް އިތުރު ޕްރެޝަރެއް ކުރިމަތިވީ އެޑެން ހަޒާޑް ޖެހި ޕެނަލްޓީ ނާކާމިޔާބުވެ، ބަލިވުމުންނެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި ޗެލްސީން ޕެނަލްޓީ ކާމިޔާބު ކުރީ ވިލިއަން އާއި އޮސްކާ އަދި ޒޫމާ އާއި ރެމީ އެވެ. ސްޓޯކް ސިޓީން ޖެހި ފަސް ޕެނަލްޓީ ވެސް ކާމިޔާބު ކުރިއިރު އެ ޓީމުގެ ކޯޗު މާކް ހިއުސް ބުނީ ހުރިހާ ޝުކުރެއް އޮތީ ކުޅުންތެރިންނަށް ކަމަށެވެ.


އާސެނަލް ބަލިވީ ޝެފީލްޑް ވެނިސްޓޭ އަތުން 3-0އިންނެވެ. ފުރަތަމަ ހާފުގައި ދެ ގޯލުވަންއިރު ކޯޗު އާސެން ވެންގާ ބުނީ މެޗުގެ ކުރީކޮޅު ތިއޯ ވޮލްކޮޓާއި އޭނާގެ ބަދަލުގައި ކުޅެން އެރުވި އޮކްސްލައިޑް ޗެމްބްލައިން އަށް އަނިޔާވުމުން ޓީމު ވަރަށް ބޮޑަށް ހާސްވި ކަމަށެވެ.
"މިދެ ކުޅުންތެރިންގެ އިންޖަރީއަކީ އަހަރުމެންނަށް ވަރަށް ބޮޑު ގެއްލުމެއް. ސްކޭންކުރީމަ އެނގޭނީ ކިހާދުވަހެއް ވަންދެންކަން ކުޅުމާ ދުރުގައި ތިބެން ޖެހޭނީ،" މެޗަށް ފަހު ވެންގާ ބުންޏެވެ.