ދުނިޔެ

ހަތަރު އަހަރަށް ފަހު މިސްރުން އަލްޖަޒީރާގެ ރިޕޯޓަރު ދޫކޮށްލައިފި

އަލްޖަޒީރާ ރިޕޯޓަރު، މަހަމޫދޫ ހުސައިން މިސްރުން ދޫކޮށްލައިފި ކަމަށް މިސްރާއި ގަތަރުގެ މީޑިއާ ހައުސްތަކުން އަދި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މަރުކަޒުތަކުން ރިޕޯޓްކޮށްފި އެވެ. އެހެން ނަމަވެސް މިއީ ހިނގައިގެން އުޅޭ ކަމެއްކަން ވެސް އެއިން އެއްވެސް ގައުމަކުން އަދި ނުބުނެ އެވެ.

މަހަމޫދު ހައްޔަރުކުރީ 2016 ގައި ގަތަރުން މިސްރަށް ދިޔަ ތަނުންނެވެ. މިސްރުގެ އިދާރާތަކުން ތުހުމަތުކުރީ އޭނާއަކީ ބާޣީ ޖަމާއަތަކާ ގުޅުން އޮންނަ މީހެއް ކަމަށެވެ. އަދި އޭނާގެ އަމަލުތަކުން މިސްރުގައި ހަމަނުޖެހުން އުފެދުމަށް މަގުފަހިވާ ކަމަށެވެ. އޭނާ ހައްޔަރުގައި ހުރި ނަމަވެސް ރަސްމީކޮށް ދައުވާ އުފުލާފައެއް ނުވެ އެވެ.

މަހަމޫދަކީ މިސްރު ރައްޔިތެކެވެ. އޭނާ ދޫކޮށްލާފައި ވަނީ މިދިއަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. މިސްރުގެ އިދާރާތަކުން ސަބަބެއް ނުބުނެ އެވެ. އަލްޖަޒީރާއިން ވެސް މިކަމާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެ އެވެ.

މަހަމޫދު ދޫކޮށްލުމަށް އެދި ކުރެވުނުހާ މަސައްކަތެއް ވަނީ ކުރިން ފޭލުވެފަ އެވެ. އޭނާއާ މެދު ކަންކުރަން މިސްރުން ރާވާފައި ވަނީ ކިހިނެއް ކަމެއް ވެސް ނުބުނެ އެވެ. އެހެން ނަމަވެސް ކުއްލި ގޮތަކަށް މަހަމޫދު ދޫކޮށްލުމުން ކޮޅު ގޮސް ޖެހެނީ އަރަބި ގަލްފު ގައުމުތަކުން ގަތަރާއެކު އަލުން ގުޅުން ބަދަހި ކުރަން ކުރާ މަސައްކަތްކުގަ އެވެ.

ގަލްފް ޕަވާ ހައުސްތައް، ސައުދީ އަރަބިއްޔާ، ޔުނިައޓެޑް އަރަބް އެމިރޭޓްސް، މިސްރު އަދި ބަހްރޭނުން ގަތަރާ ގުޅުން ކަނޑާލީ ޖޫން 2017 ގަ އެވެ. އެއީ ގަތަރުން އީރާނާ މާ ބޮޑަށް ކައިރިވާ ކަމަށް ބުނެ އެވެ. އަދި މެދުއިރުމަތީގައި މަސްލަހަތު ގެއްލުވާލަން މަސައްކަތްކުރާ ބާގީ ޖަމާއަތްތަކާ ގުޅުން އޮންނަ ކަމަށް ބުނެ އެވެ. އެކަމަކު ގަތަރުން މިކަން ދޮގު ކުރެ އެވެ.