ލައިފްސްޓައިލް

ހުތުރު ބަހުން މެސެޖުކުރި މީހަކު ޖަލަށް

ހުތުރު ބަހުން މުހާތަބު ކުރުމަކީ ބައެއް މީހުނަށް ވަރަށް "ކޫލް" ކަމެކެވެ. ނަމަވެސް މިފަދަ ކަމެއް ކޮށްގެން ގިނަ ދުވަސް ތަކަށް ޖަލަށް ދާން ޖެހިދާނެ ކަމަކަށް އެއްވެސް މީހަކު ހިއެއް ނުކުރާނެ އެވެ.

ޔޫއޭއީގެ ޑުބާއީގައި ވަޒީފާ އަދާކުރާ އިނގިރޭސި ވިލާތުގެ އަންހެނަކަށް މިހާރު ދިމާވެގެން އުޅެނީ މިފަދަ ކަމެކެވެ. މި އަންހެންމީހާގެ ފްލެޓްމޭޓަކީ ޔޫކްރެއިންގެ މީހެކެވެ. އިނގިރޭސި އަންހެންމީހާ އޭނާގެ ފްލެޓްމޭޓް ދެކެ ރުޅި އައިސްގެން ވަޓްސްއަޕް މެދުވެރިކޮށް ހުތުރުބަހުން މެސެޖެއް ލިޔެ ފޮނުވުމުން ފްލެޓްމޭޓް އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އެވެ.

މި މައްސަލައިގައި އިނގިރޭސި ވިލާތުގެ 31 އަހަރުގެ އަންހެންމީހާއަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް ގަލްފުގެ ނޫސްތަކުގައި މި ހަބަރުގައި ވެއެވެ. އަދި ވަރަށް ބޮޑު ޖޫރިމަނާ އެއްވެސް ކުރާނެ ކަމަށް ބެލެވެ އެވެ.

އިނގިރޭސި ވިލާތުގެ މީހާއަކީ ކުންފުންޏެއްގައި ހިއުމަން ރިސޯސް މެނޭޖަރެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. މި މީހާ އާ އޭނާގެ ފްލެޓްމޭޓާ މައްސަލަ ޖެހުނީ މިދިޔަ އޮކްޓޯބަރު މަހު ޑުބާއީ ލޮކްޑައުން ކޮށްފައި އޮތް އިރު އެވެ. މި މީހުންގެ މެދުގައި ޖެހުނީ ޑައިނިން ޓޭބަލް އޮފީސް މަސައްކަތް ކުރަން ބޭނުންކުރާ މައްސަލަ އެވެ.

މި މައްސަލައިގައި ދެ މީހުންގެ މެދުގައި ހިތްހަމަނުޖެހުން އުފެދި އިނގިރޭސި ވިލާތު މީހާ އޭނާގެ ފްލެޓްމޭޓަށް ހުތުރުބަހުން މުހާތަބުކޮށް ވަޓްސްއަޕް މެސެޖެއް ފޮނުވީ އެވެ. މި މައްސަލަ ފްލެޓްމޭޓް ފުލުހުންނަށް ހުށަހެޅުމުން ޔޫކޭ މީހާ ވަޒީފާއިން އިސްތިއުފާ ދީފައި އަމިއްލަ ގައުމަށް ދާން މަސައްކަތް ކުރި އެވެ. ނަމަވެސް އެމީހާ ފުރުން މަނާކޮށް ފްލައިޓަށް އަރާ އިންދާ ބާލައިގެން ވަނީ ގެންގޮސްފަ އެވެ.

އެއާޕޯޓް ސެކިއުރިޓީ އޮފިޝަލުން އަންހެންމީހާ ކައިރި ބުނި ކަމަށް ވަނީ އޭނާ އާ ދެކޮޅަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައެއް ނުނިމެނީސް އޭނާއަށް ފުރައިގެން ނުދެވޭނެ ކަމަށެވެ.

މިހާރު ޔޫކޭ އަންހެންމީހާ ހުރީ ޑުބާއީގައި ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އޭނާގެ ހުރިހާ އެއްޗެއް އެ މީހާ ހުރީ ކުރީ ބައިގައި ކަނޑުމަގުން ޔޫކޭއަށް ފޮނުވާލާފަ އެވެ. އެހެންވެ އެއާޕޯޓުން ހިފެހެއްޓުމުން ޔޫކޭ މީހާއަށް ވަނީ ވަރަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިވެފަ އެވެ. އެހެންވެ އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ ދޫކޮށްލާތޯ ފްލެޓްމޭޓް ކައިރީ ޔޫކޭ މީހާ ވަރަށް އާދޭސް ކުރުމުން ވެސް އެމީހާ އެކަމަކަށް އެއްބަހެއް ނުވި އެވެ.

އިނގިރޭސި ވިލާތުގެ "ދަ ސަން" ނޫހަށް ދިން އިންޓަވިއު އެއްގައި ޔޫކޭ މީހާ ބުނީ ވަރަށް އާދޭސް ކުރީމަ ވެސް ޔުކްރޭން މީހާ މައްސަލަ ދޫކޮށްލަން އެއްބަސް ނުވި ކަމަށެވެ. އޭނާ އިތުރަށް ބުނި ގޮތުގައި ފްލެޓް ޝެއާ ކޮށްގެން އުޅުނުއިރު އޭނާއާ ޔުކްރޭންމީހާ އާ މާ ބޮޑު މައްސަލައެއް ނުޖެހެ އެވެ. ނަމަވެސް ޔޫއޭއީގެ ހަރުކަށި ގަވާއިދުތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން އޭނާއަށް މިހާ ބޮޑު ލަނޑެއް ފްލެޓްމޭޓް ދިނީތާ ވަރަށް ދެރަވެފައިވާ ކަމަށް ވެސް ޔޫކޭ މީހާ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ހަޔާތުގައި ވެސް އޭނާއަށް މިފަދަ ކަމެއް ދުވަހަކު ވެސް ދިމާވެފައެއް ނެތެވެ. ޕްރައިވެޓް ވަޓްސްއަޕް މެސެޖެއްގެ ސަބަބުން އޭނާގެ މައްޗަށް ވަރުގަދަ ޖިނާއީ ދައުވާއެއް ކޮށްފާނެ ކަމަކަށް ހީކޮށްފައެއް ވެސް ނެތެވެ. އެވެސް އޭނާއާއެކު އެތައް ދުވަހެއް ވަންދެން ދިރިއުޅުނު މީހެއްގެ ފަރާތުން އެފަދަ ކަމެއް މެދުވެރިވެދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ.

"އަހަރެން އެ މެސެޖު ފޮނުވިތާ މިހާރު އެތައް މަހެއް ވެއްޖެ. އެހާ ގިނަ ދުވަސް ފަހުން މި މީހާ މައްސަލަ ޖައްސައިގެން މި އުޅެނީ ވެސް. އަދި އަހަރެންގެ ހުރިނަމަ ހުރި އެއްޗެއް ކަނޑުމަގުން ފޮނުވާލާފައި އަހަރެން ފްލައިޓުގައި އަމިއްލަ ރަށަށް ދާން ތައްޔާރުވީ ވިސާ ވެސް ހަމަވާތީ އާއެކު. ނަމަވެސް އެންމެ ފަހު ވަގުތު މަތިންދާބޯޓުގައި އިންދާ އަހަރެން އޭގެން ބާލުވައިގެން ގެންގޮސް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓީ،" ޔޫކޭ މީހާ ބުންޏެވެ.

ޑުބާއީގައި ބައެއް ކަހަލަ ހުތުރު ލަފުޒުތައް ބޭނުންކުރުމަކީ ޖިނާއީ ކުށެކެވެ. ޚާއްސަކޮށް މީހެއްގެ އިއްޒަތާއި ކަރާމާތަށް ގެއްލުމެއް ލިބޭފަދަ ބަސް ބަސް ބޭނުންކުރުމައީ ޔޫއޭއީ ޕީނަލް ކޯޑް އާޓިކަލް 373 ގެ ދަށުން ޖިނާއީ ދައުވާ ކުރެވިދާނެ ކުށެކެވެ.