އަޔަކްސްއިން ރެކޯޑް އަގެއްގައި ގެންދިޔަ ސެބޭސްޓިއަން ހެލާއަށް ޔޫރޮޕާ ލީގްގައި ނުކުޅޭވެނެކަން ޔަގީންވީ އަޔަކްސްއަށް ހެދުނު ގޯހަކުންނެވެ. އެ ހިތްދަތި ކަމުގެ ތެރޭގައި ވަނިކޮށް ޓީމުގެ ކީޕަރު އެންޑްރޭ އޮނާނާ މަނާ ބޭހަށް ޕޮޒިޓިވް ވުމުން އޭނާ އެއް އަހަރަށް ސަސްޕެންޑް ވި އެވެ.
ވެސްޓްހަމް ޔުނައިޓެޑް ދޫކޮށް ހަލާ އަޔެކްސްއަށް ބަދަލުވީ މިިދިޔަ ޖަނަވަރީ ޓްރާންސްފާ ޕީރިއަޑްގަ އެވެ. އަޔެކްސްއިން ވަނީ އޭނާގެ ޓްރާންސްފާ ފީގެ ގޮތުގަައި 20.2 މިލިއަން ޕައުންޑް ވެސްޓްހަމްއަށް ދޭން އެއްބަސްވެފަ އެވެ. އަޔެކްސްއަށް ބަދަލުވެ، ހެލާ ވަނީ އޭނާގެ ފެންވަރު އެ ޓީމުގައި ސާބިތު ކޮށްދީފަ އެވެ. އޭނާ ކުޅުމާ މެދު އަޔެކްސްގެ ހިތްހަމަޖެހުން ބޮޑެވެ. ޑަޗް ލީގްގައި އޭނާ ކުޅުނު ފުރަތަމަ ފަސް މެޗުގައި ދެ ގޯލް ޖެހި އެވެ.
ޔޫއެފާ ކުލަބު މުބާރާތްތަކުގެ ނޮކައުޓް ސްޓޭޖަށް ކުލަބުތަކުގެ ސްކޮޑްތައް ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި އަޔެކްސްއަށް ހެދުނު ގޯހަކުން އައިވަރީ ކޯސްޓްގެ ފޯވަޑް ޔޫރޮޕާ ލީގްގެ ސްކޯޑްގައި ރަޖިސްޓްރީއެއް ނުކުރެވުނެވެ.
"އަޔެކްސްއަށް ހެދުނު އިދާރީ ގޯހަކުން ޔޫރޮޕާ ލީގްގެ ސްކޮޑްގައި ސްޓައިކަރުގެ ނަން ރަޖިސްޓްރީ ނުކުރެވުނެވެ." ޔޫއެފާއިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. އަޔެކްސްއިން ވަނީ ހޮލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަން މެދުވެރިވެގެން ޔޫއެފާ އާ ހޮލެންޑްގެ އެފްއޭ އާ އޮންނަ ގުޅުމުގެ ތެރެއިން މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކޮށްފަ އެވެ.
އެހެން ނަމަވެސް ޔޫއެފާއިން ބުނެފައި ވަނީ، ހެލާ ދެން މި ސީޒަންގެ ޔޫރޮޕާ ލީގްގެ ސްކޮޑްގައި ނުހިމެނޭނެ ކަމަށެވެ. ޑޮމެސްޓިކް ލީގާއި ކަޕްގައި އޭނާއަށް ކުޅުމުގައި ހުރަހެއް ނެތެވެ. ހެލާ ސްކޮޑްގައި ނުހިމެނި ނަމަވެސް އޭނާ އާ ޓްރާންސްފާ ޕީރިއަޑެއްގައި ކުލަބާ ގުޅުނު އުސާމާ އިދުރީސީ ވަނީ ޔޫރޮޕާ ލީގްގެ ސްކޮޑްގައި ރަޖިސްޓްރީ ކޮށްފަ އެވެ. އޭނާ އަޔެކްސް އާ ގުޅުނީ ނިމިދިޔަ ޓްރާންސްފާގައި ސެވިއްޔާގެ ލޯން އެއްބަސްވުމުގެ ދަށުންނެވެ.
އެ ހިތާމައިން އަރައި ނުގަނެވިގެން އުޅެނިކޮށް، އަޔަކްސްގެ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނީ ޓީމުގެ ކީޕަރު އޮނާނާ އެއް އަހަރު ދުވަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކުރުމުންނެވެ. އެތުލީޓުން ބޭނުން ކުރުން، މަނާ ބޭހެެއް ކަމަށްވާ ފްރޯސެމައިޑް، އޮނާނާ ބޭނުން ކޮށްފައިވާ ކަމަށް އޭނާގެ ގައިން ނެގި ސާމްޕަލްތަކުން އެނގެ އެވެ.
އޮނާނާ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އޭނާއަށް އެ ބޭސް ބޭނުން ކުރެވުނީ އޮޅުމަކުން ކަމަށެވެ. ތަދު ކަނޑުވާ ބޭހެއް ބޭނުން ކުރުމުގެ ގަސްތުގައި އޭނާއަށް ފްރޯސެމައިޑް ބޭނުން ކުރެވުނީ، އޭނާގެ ލޯބިވެރިޔާއަށް ދީފައިވާ ބޭހުގެ ޕެކިންނާއި އޭނާ ބޭނުން ކުރަން ހަމަޖެހިފައިވާ ބޭހުގެ ޕެކިން އެއްގޮތް ކަމުން ކަމަށެވެ. ފްރޯސެމައިޑް އަކީ އޮނާނާގެ ލޯބިވެރިޔާއަށް ދީފައިވާ ބޭހެކެވެ.
އަޔެކްސް އިން ބުނީ، އޮނާނާގެ ސަސްޕެންޝަން އިސްތިއުނާފް ކުރުމަށް ހުށަހަޅާނެ ކަމަށެވެ.