ބަތަލާ ކެޓުރީނާ ކައިފް މިހާރު އުޅެނީ "ފޯން ބޫތު" ގެ ޝޫޓިންގަ އެވެ. މި ފިލްމުގެ ސެޓުގައި ހުރެ ކެޓުރީނާ ނަގާފައިވާ ފޮޓޯތަކެއް މިދިޔަ ބުރާސްފަތި ދުވަހު އޭނާ ސޯޝަލް މީޑިއާގައި ވަނީ ޝެއާ ކޮށްފަ އެވެ. އެ ފޮޓޯތަކުގައި އޭނާ އާއެކު އިޝާން ޚައްތަރު އާއި ސިދާރްތު ޗަތުރަވޭދީ ތައާރަފް ކޮށްފައި ވެއެވެ. ފޮޓޯގެ ތައާރަފްގައި ކެޓުރީނާ ލިޔެފައިވަނީ މި ދެ އެކްޓަރުންނަކީ އޭނާގެ އާ ގޭންގުގެ މެންބަރުން ކަމަށެވެ.
ބެލެވޭ ގޮތުގައި "ފޯނު ބޫތު"ގެ ސެޓުގައި ކެޓުރީނާ އާއި އެހެން އެކްޓަރުން އުޅެމުންދަނީ ވަރަށް މަޖާ ކޮށެވެ. ދާދިފަހުން އިޝާން އާއި ސިދާންތު އިންސްޓަގްރާމްގައި ޝެއާކުރި ވޯކްއައުޓް ވީޑިއޯއަކާއެކު ހެއްވާ މަޖާ މެސެޖެއް ލިޔެފައި ވެއެވެ. އެ މެސެޖުގައި ވަނީ ފިރިހެންކުދިންނާއެކު ކެޓުރީނާ ވެސް ވޯކްއައުޓް ކުރުމަށް އެދޭ ކަމަށެވެ.
"ކްރިއޭޓިވް ޖީނިއަސް" އިޝާން އާއި ސިދާންތުގެ ވީޑިއޯއަށް ކެޓުރީނާ ކޮމެންޓުކުރަމުން ލިޔެފައި ވެއެވެ. "ފޯނު ބޫތު" އަކީ ގުރްމީތު ސިންގް ޑައިރެކްޓްކޮށް ފަރްހާން އަޚްތަރު އާއި ރިތޭޝް ސިދުވާނީ ޕްރޮޑީއުސްކުރާ ފިލްމެކެވެ.
ކެޓުރީނާ އެންމެ ފަހުން ކުޅުނީ 2019ަގައި ރިލީޒްކުރި "ބާރަތު" އެވެ. މި ފިލްމުގެ ބަތަލަކީ ސަލްމާން ޚާނެވެ. މިދިޔަ އަހަރު ރިލީޒްކުރި އިރްފާން ޚާންގެ "އަންގްރޭޒީ މީޑިއަމް"ގައި ކެޓުރީނާގެ ޚާއްސަ މެހެމާނެއްގެ ރޯލުން ފެނިފައި ވެއެވެ.
"ފޯނު ބޫތު"ގެ އިތުރުން ކެޓުރީނާގެ ރިލީޒްނުވެ އޮތް އަނެއް ފިލްމަކީ "ސޫރިޔަވަންޝީ" އެވެ. ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ބަތަލަކީ އަކްޝޭ ކުމާރެވެ.