ފޮރިން މިނިސްޓްރީ

ފޮރިން އިމާރާތުގެ ނަން ފަތުހުﷲއަށް ހާއްސަކޮށްފި

ފޮރިން މިނިސްޓްރީގެ އިމާރާތުގެ ނަން ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލަށް ހާއްސަ ކުރައްވައިފި އެވެ.

27 އަހަރު ވަންދެން ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ފަތުހުﷲ ޖަމީލުގެ ނަންފުޅަށް ފޮރިން މިނިސްޓްރީގެ އިމާރާތުގެ ނަން ހާއްސަ ކޮށްފައިވާއިރު މިހާރު އެ އިމާރާތަށް ކިޔަނީ "ފަތުހުﷲ ޖަމީލް ބިލްޑިންގ" އެވެ. އެ އިމާރާތުގެ ނަން ކުރީގެ މިނިސްޓަރު ފަތުހުﷲ އަށް ހާއްސަކުރި ކުރުމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެއެވެ. ފޮރިން އިމާރާތުގެ ނަން ފަތުހުﷲ އަށް ހާއްސަކޮށްފައި މިވަނީ އެ އިމާރާތް އާބާތުރަފިލުވުމަށްފަހު ހުޅުވަން ތައްޔާރުވެފައި ވަނިކޮށެވެ.

ފަތުހުﷲ އަކީ ދިވެހި ތާރީހުގައި އެންމެ ގިނަ ދުވަސްވަންދެން ފޮރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅާއެވެ. އަދި އެއް މިނިސްޓްރީއެއް އެންމެ ގިނަ ދުވަހު ހިންގެވި ބޭފުޅަކީ ފަތުހުﷲ އެވެ. މާޗް 1، 2012 ގައި އަވަހާރަވެފައިވާ ފަތުހުﷲ އަކީ ދައުލަތުން އަރުވާ އެންމެ ޝަރަފުވެރި ލަގަބުތަކުގެ ތެރޭގައި ހިމެނޭ ނިޝާން އިއްޒުއްދީނުގެ އިތްޒަތްރެރި ވެރިޔާގެ ލަގަބު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ފަތުހުﷲ ޖަމީލް، ސަރުކާރަށް ހިދްމަތް ކުރައްވަން ފަށްޓަވާފައިވަނީ ނޮވެމްބަރު 18، 1969 ގައި މަޖީދިއްޔާ ސްކޫލްގެ ޓީޗަރު ކަމުންނެވެ. އެމަނިކުފާނު އެންމެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވަނީ، ރާއްޖޭގެ ފޮރިން މިނިސްޓްރީގައެވެ. މިގޮތުން، މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ވަކީލު ކަމުގެ މަގާމާއި، އދ. ގައި ހުންނަވާ ދިވެހިރާއްޖޭގެ ޕާމަނަންޓް ރެޕްރެޒެންޓެޓިވް ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް އެކްސްޓަނަލް އެފެއާޒްގެ ނައިބު ކަމުގެ މަގާމު ފުރުއްވާފައިވެއެވެ. މިނިސްޓަރު އޮފް އެކްސްޓަނަލް އެފެއާޒް ކަމުގެ މަގާމަށް އެމަނިކުފާނު އައްޔަން ކުރެވުނީ، ރައީސް އިބްރާހީމް ނާސިރުގެ ދައުރުގައި، މާޗް 14، 1978 ގައެވެ.

އޭގެފަހުން، ރައީސް މައުމޫން އަބްދުލްގައްޔޫމް ނޮވެމްބަރު 11، 1978 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރު އޮފް ފޮރިން އެފެއާޒް ކަމުގެ އައްޔަން ކުރެއްވީވެސް ފަތުހުﷲ ޖަމީލެވެ. އެމަގާމުން 14 ޖުލައި 2005 ގައި އެމަނިކުފާނު އިސްތިޢުފާ ދެއްވުމާ ގުޅިގެން، ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓްގެ މަގާމަށް ހަމަޖެއްސެވިއެވެ. ފަތުހުޙުﷲ ޖަމީލު އެންމެފަހުން ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއާ މިނިސްޓަރު ކަމުގެ މަގާމުގައެވެ.

އަދި ފަހުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފަތުހުﷲ އަށް ވަނީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވެވި އިތްޒަތްތެރިޔާ ކަން ވެސް ދެއްވާފަ އެވެ. ފަތުހުﷲ ޖަމީލަކީ، މިނިސްޓާ އޮފް ސްޓޭޓް ފޯ ޕްލޭނިން އެންޑް އެންވަޔަރަންމަންޓް ކަމުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ވެސް އެމަނިކުފާނު ކުރައްވާފައިވެއެވެ. ފަތުހުﷲ ޖަމީލު ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުގައި ހުންނަވައިގެން، ރާއްޖެ ބައިނަލްއަގްވާމީ މައިދާނަށް ފުޅާ ދާއިރާއެއްގައި ތައާރުފް ކުރެއްވުމަށް މުހިންމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވަފައެވެ. ދިވެހިރާއްޖެއަކީ ބައިނަލްއަގްވާމީ މުޖްތަމައު ގަބޫލުކުރާ ޒިންމާދާރު، ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ހާރިޖީ ސިޔާސަތު ބިނާކޮށްފައިވާ ގައުމެއްކަން، ބޭރު ދުނިޔެއަށް ހާމަކޮށްދެއްވުމުގައި ފަތުހުﷲ ޖަމީލު އަދާކުރައްވާފައިވަނި ވަރަށް މުހިންމު ދައުރެކެވެ.

އަދި ރާއްޖެއަށް ބޭނުންވި ތަރައްގީގެ އެހީތައް ހޯއްދަވައިދެއްވުމުގައާއި، ރާއްޖެއަށް ސިޔާސީގޮތުންނާއި، ސަގާފީގޮތުން، ބައިނަލްއަގްވާމީ މުޖްތަމައުގެ އެއްބާރުލެއްވުން ހޯއްދަވައިދެއްވުމަށްވެސް އަގުހުރި މަސައްކަތްޕުޅުތަކެއް އެމަނިކުފާނުވަނީ ކުރައްވާފައެވެ.