އަބްދުﷲ ޝާހިދު

ނެޓްޒީރޯ އަމާޒަށް ޔޫކޭއިން މަރުހަބާ ކިޔައިފި

2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުމަށް ދިވެހިރާއްޖެއިން އަމާޒު ހިފާފައިވާތީ އިނގިރޭސިވިލާތުން އެކަމަށް މަރުޙަބާ ކިޔައިފި އެވެ.

.އެގައުމުން މިކަމަށް މަރުޙަބާ ކިޔާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓްރީގެ ދެކުނު އޭޝިއާ، ކޮމަންވެލްތު އަދި އދ ގެ ކަންތައްތަކާ ބެހޭ މިނިސްޓަރު ލޯޑް އަހުމަދު ތޯރިގު އާއެކު މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި މަޝްވަރާތަކުގައެވެ. ފޮރިން މިނިސްޓަރ ޝާހިދު އާއި ލޯޑް އަހުމަދު ބައްދަލުކުރައްވާފައިވަނީ ވާޗުއަލްކޮށެވެ.

ދިވެހިރާއްޖެއިން ނެޓްޒީރޯއަށް ވާސިލްވުމަށް މަސައްކަތްކުރާކަން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އިއުލާން ކުރައްވާފައިވަނީ ޑިސެމްބަރު 22 ވަނަ ދުވަހު އދ އިން އިންތިޒާމްކޮށްގެން ބޭއްވި ކްލައިމެޓް އެމްބިޝަން ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ބޭރުގެ ގައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިއްޖެނަމަ ރާއްޖެއަށް ގާތްގަނޑަކަށް 2030 ވަނަ އަހަރު ނެޓް ޒީރޯ އާއި ހަމައަށް ވާސިލުވެވިދާނެ" ކަމަށް އެދުވަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އޭގެ ފަހުން މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާނުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަށް އަލިއަޅުއްވާލައްވާފައެވެ.

ފޮރިން މިނިސްޓަރު ޝާހިދު އާއި ލޯޑް އަހުމަދު ވަނީ މި އަހަރުގެ ނޮވެމްބަރު މަހު އިނގިރޭސިވިލާތުގެ ގްލެސްގޯގައި އޮންނަ ކޮޕް26 ސަމިޓާއި ބެހޭ ގޮތުންނާއި، މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.