"މިހާރު ދެން އޮތީ ހިތްގައިމު ފްލައިޓް ދަތުރަކަށް އެދުން." ހާތާ ބާލިންގެ މައްޗަށް 1-0 ން ބަޔާން މިޔުނިކް މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން ބަޔާންގެ ކޯޗް ހެންސީ ފްލިކް ބުންޏެވެ. ކުލަބު ވޯލްޑް ކަޕަށް ގަތަރަށް ކުރަން އޮތް ފްލައިޓް ދަތުރު ބަޔާނުން ރާވާފައި އޮތީ، ބާލިންގައި ކުޅޭ މެޗު ނިންމާފައި ހޮޓަލަށް ގޮސް ތައްޔާރު ވެގެން ބާލިންގެ މަގުން ސީދާ ދޯހާއަށް ދާ ގޮތަށެވެ. ނަމަވެސް ކުރު ދަތުރަކަށް ރޭވި ބަޔާންގެ ފްލައިޓްވީ ފްލިކް އެދުނު ހިތްގައިމު ފުލައިޓަކަށް ނޫނެވެ. ފްލައިޓް އެ ޓީމަށް ވީ ވޭނަކަށެވެ.
ބޯކޮށް ވެހުނު ސްނޯ އާއި ގަދަ ފިނީގެ ސަބަބުން ފުލައިޓް ފުރޮޅު ރަންވޭގައި ގަނޑުވި ކަހަލަ އެވެ. އުދުހުމުގެ ހުއްދަ ދޭކަށް ބާންލިންގެ އެއާޕޯޓްގެ ކޮންޓްރޯލުން އެއްބަހެއް ނުވި އެވެ. ބަޔާންގެ ސްކޮޑަށް ޖެހުނީ މުޅި ރޭ ފްލައިޓްގައި ހޭދަ ކުރާށެވެ. ނުވަ ގަޑިއިރު ކުޅުންތެރިންނާއި އޮފިޝަލުން އަދި ކޯޗުން ސްޓާފުން ފުލައިޓްގައި ހޭދަ ކުރި އެވެ.
ފިނީގެ މިންވަރު ދަށްވެލައި މޫސޫން ކޮންމެވެސް ވަރަކަށް އަލިވެލީ އަނެއް ދުވަހުގެ ހެނދުނު އެވެ. އެއާޕޯޓްގެ ކޮންޓްރޯލުން ހުއްދަ ދިނުމާއެކު ބަޔާން ދަތުރު ކުރި ފްލައިޓް ބާލިންގެ އެއާޕޯޓުން ފުރީ ހެދުނު 7:00 ގަ އެވެ.
"ބާލިންގެ ފުލައިޓުން ނައްޓާލުމުގެ ހުއްދަ ނުދިނުމުން ހާތާ ބާލިންގެ މެޗަށް ފަހު އެފްސީ ބަޔާނުން ފީފާ ކުލަބު ވޯލްޑް ކަޕްގައި ގަތަރަށް ކުރަން ހެމެޖހިފައިވާ ދަތުރަށް ފުލައިޓަށް އެރި ގޮތަށް ހަތް ގަޑިއރަށް ވުރެ ގިނައިރު ވަންދެން ބަޔާންގެ ސްކޮޑް ފުލައިޓްގައި މަޑުކުރަން ޖެހުނެވެ." ބަޔާނުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.
ބާލިންގެ އެއާޕޯޓުން ހެދުނު ހަތެއް ޖެހިއރު ނަައްޓާލި ނަމަވެސް، މިޔުނިކްގެ އެއާޕޯޓަށް މަޑުކޮށް ބޯޓްގެ ކުރޫއިން ބަދަލު ކުރަން ޖެހުނެވެ. ބަޔާންގެ ޓީމަށް ގަތަރަށް ފުރޭވަރުވީހެނދުނު 9:15 ގަ އެވެ. ރޭވި ޕްލޭނަކަށް ހަމައެއްކަމެއްވެސް ނުހިނގަ އެވެ.
ބާޔާންގެ ޗެއާމަން ކާލް ހެންޒް ރުމޭނީގޭ ވަނީ ބާލިންގެ ބްރަންޑެންބާގް އެއާޕޯޓްގެ އޮފިޝަލުންނަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އޭނާ ވިދާޅުވީ އެއާޕޯޓްގެ އޮފިޝަލުންގެ ފަރުވާކުޑަ ކަމުން އޭނާގެ ޓީމާމެދު ކަންތައް ކުރެވުނު ގޮތަކީ ކިހާވަރެއްގެ ކަމެއްކަންވެސް އެއާޕޯޓުންގެ އޮފިޝަލުންނަށް ހިތައްވެސް ނާރާ ކަމަށެވެ.
ބާންލިންގެ މި އެއާޕޯޓަކީ ފަސްވުމުގައި މަޝްހޫރު އެއާޕޯޓެކެވެ އެއާޕޯޓް ރަސްމީކޮށް ހުޅުވާނެ ކަމަށް ކަނޑައެޅި ތާޜީހްތައް އެތައް ފަހަރަކުވި ފަސްވި އެވެ. އެ އެއާޕޯޓް އިމާރާތްކޮށް ނިމުނީ އެތައް ޑިލޭތަކެއް ކުރިމަތިވެ، މަސައްކަތް ފެށިތާ ނުވަ އަހަރު ފަހުންނެވެ. ފުރަތަމަ ހެދި ޕްލޭން ތިން ފަހަރެއްގެ މަތިން ބަދަލު ކުރި އެވެ. ޕްލޭންތައް ލަސްވެ ދިގުލައިގެން ދިއުމުން އެއާޕޯޓް ހަދަން ހަތް ބިލިއަން ޑޮލަރު ހޭދަ ކުރަން ޖެހުނެވެ. އެއީ ފުރަތަމަ ކަނޑައެޅި އަދަދަށް ވުރެ އެތައް ގުނައެއް ބޮޑު އަދަދެކެވެ.
މިދިޔަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމުން، ކުލަބު ވޯޅްޑް ކަޕްގައި ޔޫރަޕުން ވާދަ ކުރާނީ ބަޔާން އެވެ. ކުލަބު ވޯލްޑްގެ ސެމީ ފައިނަލުގައި މާދަމާ ބަޔާން ނުކުންނާނީ މިސްރުގެ އަލް އަހްލީއާ ދެކޮޅަށެވެ.