ބޮލީވުޑް

ޕްރިޔަންކާ އެމެރިކަން ސެލެބްރިޓީ ޓޯކް ޝޯއެއް ހޯސްޓްކުރަނީ

Oct 28, 2015

ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްޅާ ކުޅޭ ފުރަތަމަ ހޮލީވުޑްގެ ޓީވީ ސީރީޒް "ކުއަންޓިކޯ" އާއެކު އޭނާގެ މަގުބޫލުކަން އެތައް ގުނައެއް ވަނީ އިތުރުވެގެން ގޮސްފަ އެވެ.

މިޝޯގެ ކާމިޔާބީއާއެކު، މިސީރީޒް އުފެއްދި ކުންފުނި ކަމަށްވާ އޭބީސީން މިހާރު ވަނީ ސެލެބްރިޓީންގެ ޓޯކް ޝޯއެއް ހުށަހަޅައިދިނުމުގެ ފުރުސަތު ޕްރިޔަންކާ އަށް ހުށަހަޅާފަ އެވެ.

އޭބީސީގައި މަސައްކަތްކުރާ ފަރާތަކުން ބުނެފައިވާކަމަށް ނޫސްތަކުގައިވަ ގޮތުން "ކުއަންޓިކޯ"ގައި ޕްރިޔަންކާ އަދާކުރާ އެފްބީއައި އެޖެންޓްގެ ރޯލަށް ބޮޑުތަރުހީބެއް ލިބެމުން ދާތީ، ޕްރިޔަންކާ ހޯސްޓްގެ ރޯލު އަދާކުރާ ގޮތަށް ޗެޓް ޝޯއެއް އުފެއްދުމަށް އޭބީސީއިން ވަނީ ނިންމަފަ އެވެ.

ޕްރިޔަންކާ މި ޗެޓް ޝޯގެ ހޯސްޓްގެ ގޮތުގައި ފެނިގެން ގޮސްފިނަމަ، މިއީ ބޮލީވުޑްގެ ތަރިއެއް ބޭރުދުނިޔޭގެ މިފަދަ ޝޯއެއް ހޯސްޓްކުރާނެ ފުރަތަމަ ފަހަރެވެ.

"ކުއަންޓިކޯ" ތިން ވަނަ އެޕިސޯޑަށް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ނުލިބި ޝޯގެ ރޭޓިން ވަރަށް ދަށްވި ނަމަވެސް ހަތަރު ވަނަ އެޕިސޯޑުން ފެށިގެން މިޝޯގެ ރޭޓިން އަނެއްކާވެސް މައްޗަށް ޖެހިލުމާއެކު، މިސީރީޒްގެ ޕްރޮޑަކްޝަން ޓީމުން ވަނީ އާ އެޕިސޯޑްތައް ފުރަތަމަ ސީޒަނުގައި ހިމަނައި، ފުރަތަމަ ސީޒަން 19 އެޕިސޯޑުން ނިންމާނެކަން އިއުލާންކޮށްފަ އެވެ.

މިސީރީޒްގެ މަސައްކަތާއެކު ޕްރިޔަންކާ ވަނީ ސަންޖޭ ލީލާ ބަންސާލީގެ "ބާޖީރާއޯ މަސްތާނީ"ގެ ޝޫޓިންވެސް މިފަހުން ނިންމާލާފަ އެވެ. އަދި މިފިލްމު ޑިސެމްބަރު މަހުގެ ފަހުކޮޅު ރިލީޒްކުރުމަށް ހަމަޖެހިފައިވުމުން ޑިސެމްބަރުމަހުގައި މިފިލްމުގެ ޕްރޮމޯޝަން މަސައްކަތްތަކަށް އިންޑިއާއަށް ދާނެ އެވެ.

ދާދިފަހުން ބޭއްވި އެމްޓީވީ ޔޫރަޕިއަން މިއުޒިކް އެވޯޑްގެ އެންމެ މޮޅު އިންޑިއާ ތަރީގެ އެވޯޑް ޕްރިޔަންކާ އަށް ލިބިފައިވާއިރު، އޭނާ ވަނީ ޕީޕަލްސް ޗޮއިސް އެވޯޑްގައި ވަރިޓް އެކްޓްރެސް އިން އަ ނިއު ޓީވީ ސީރީޒްގެ ކެޓަގަރީން ނޮމިނޭޓްވެފަ އެވެ.