މެސީ

މެސީއަށް އަލުން އުފާވެރިކަން އަތުވެއްޖެ: ކޫމަން

އެފްސީ ބާސެލޯނާގައި މިހާރު އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއަށް އުފާވެރިކަން ލިބިފައިވާ ކަމަށް، އެ ޓީމުގެ ކޯޗް ރޮނަލްޑް ކޫމަން ބުނެފި އެވެ.

ކޫމަން ބުނީ، މިހާރު މެސީ ހުރީ އުފަލުން ކަމަށް އޭނާއަށް ގަބޫލު ކުރެވޭ ކަމަށެވެ. ނަމަވެސް މެސީ ކޮންޓްރެކްޓް އާ ކުރުމާ ބެހޭގޮތުން ނިންމުން ނިންމާނެ ހަމައެކަނި މީހަކީ މެސީ ކަމަށް ކޫމަން ބުންޏެވެ. ބާސާގެ ކެޕްޓަން އެ ކުލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ ޖޫން 30 ގައި ހަމަ ވާނެ އެވެ. މިހަރުވެސް އޭނާ ބޭނުންވާ ކުލަބަކާ ވާހަކަ ދެއްކުމުގެ ފުރުސަތު މެސީއަށް އެބައޮތެވެ.

"އޭނާ [މެސީ] ގެ ކުރިމަގާ ބެހޭގޮތުން ގޮތް ނިންމޭނެ ހުރީ އެންމެ މީހެއް އެއީ އޭނަ،" ކޫމަން ބުންޏެވެ. "އަހަރެން ބޭނުން ގިނަ އަހަރުތަކެއް ވަންދެން އޭނާ މި ކުލަބުގައި ހުންނަން. އަހަރެން ކަށަވަރު ކޮށްދޭން ބޭނުންވާ ކަމަކީ އޭނާ މިހާރު ހުރި ގޮތަށް އުފާވެރިކޮށް ހުރުމަށްޓަކައި އަހަރެންގެ ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެކަމުގެ ކަށަވަރުކަން."

"ލިއޯގެ ސަބަބުން މި ކުޅުންތެރިންނަށްވެސް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދޭ. އެހެންނަމަވެސް އޭނާގެ ކުރިމަގާ ބެހޭގޮތުން ގޮތް ނިންމާނީ އޭނާ."

ކޫމަންގެ ކޯޗް ކަމުގައި ސީޒަންގެ ފުރަތަމަ ކޮޅު އުނދަގޫކޮށް ދިޔަ ނަމަވެސް މިހާރު އޭނާ ވަނީ ޓީމު ހަމަޔަކަށް އަޅުވާފަ އެވެ. ކުރިން އަސްލު ކުޅުން ނުދެއްކުނު އެންޓްއާން ގްރީޒްމަން ވެސް ދަނީ ބާސާގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ސުޕެނިޝް ކަޕްގެ ކްއާޓާ ފައިނަލުގައި ގުރަނާޑާގެ މައްޗަށް ފަހަތުން އރައި 5-3 ން މޮޅު ކޯށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީވެސް ގްރީޒްމަން އެވެ.

"އަހަރެން ބާސާއާ ހަވާލުވުމަށް ފަހު އަހަރެން ހަނދާންވޭ އަހަރެން އޭނާ [ގްރީޒްމަން] އާ މެދު ދެއްކި ވާހަކަ،" ކޫމަން ވާހަކަ ދެއްކި އެވެ. "އަހަރެން ބުނިން އަހަރެން އޭނާ އާ މެދު ވަރަށް ބޮޑު އިތުބާރެއް އެބައޮތޭ. އަހަންނަށް އެނގޭ އޭނާ ކުލަބާ ގުޅުނު ދުވަސް ކޮޅު ރަނގަޅަށް ނުދާކަން. ނަމަވެސް އަހަރެން އެއްވެސް ހާލަތެއްގައި އޭނާގެ ކޮލިޓީއާ މެދު ޝައްކެއް ނުކުރަން."

ލަލީގާގައި މިރޭ، ބާސާ ނުކުންނާނީ ރެއާލް ބެޓިސް އާ ދެކޮޅަށެވެ.