ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

55 އަހަރުން މަތީގެ މީހުނަށް ވެކްސިން ދޭން ފަށައިފި

މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން މިއަދު ފަށައިފި އެވެ.

އެގޮތުން މިއަދު 9:00 އިން ހަވީރު 5:00 އަށް މާލޭގެ ސޯޝަލް ސެންޓަރުގަ އާއި، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު (ކުރީގެ ފުލޫ ކްލިނިކް) ގައި މިއަދު 55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭނެ އެވެ. ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި މިއަދު ވެކްސިން ދޭން ހަމަޖެހިފައި ވަނީ ހެނދުނު 9:00 އިން މެންދުރު 13:00 ގެ ނިޔަލަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ކޮވިޑް ވެކްސިން ޖަހަން ރަޖިސްޓްރީވާން ވަނީ ހުޅުވާލާފައެވެ. މިވަގުތު ވެކްސިން ޖަހައިދެނީ ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ފްރަންޓްލައިން މުވައްޒިފުންނާއި އުމުރުން ދުވަސްވީ މީހުންނަށެވެ.

ވެކްސިން ޖަހަން ދާއިރު އައިޑީކާޑު ގެންދިއުމަށާއި ބޭނުންކުރާ ބޭހެއް ވާނަމަ އެ ބޭހެއްގެ މައުލޫމާތު އެނގޭނެހެން ދިއުން އަދި ގަޔަށް ދޫ ހެދުމެއްގައި އައުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ. މީގެ އިތުރުން ރަނގަޅަށް ކައިގެން އައުމަށާއި ފެންފުޅިއެއް ގެނައުމަށްވެސް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. ވެކްސިން ޖަހަންދާ މީހަކީ ބަލީގެ އެއްވެސް އަލާމާތެއް ހުރި އަދި ކަރަންޓީންގައި ހުރި މީހަކަށް ވެގެން ނުވާނެ އެވެ.

ރާއްޖޭގައި މިހާތަނަށް 6000 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް ވެކްސިން ޖަހާފަ އެވެ.