ކުޅިވަރު

ބާސްކެޓްގެ ފުރަތަމަ އެކެޑެމީސް ކޮމިޓީ

ބާސްކެޓްބޯޅައިގެ އެކެޑެމީތަކަށް ހާއްސަކޮށް ފުރަތަމަ ފަހަރަށް، އެކެޑެމީސް ކޮމިޓީއެއް، ރާއްޖޭގެ ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އުފައްދައިފި އެވެ.

ރާއްޖޭގެ ކުޅިވަރުގައި އެކެޑެމީތަކަށް ހާއްސަކޮށް، އެސޯސިއޭޝަނަކުން އުފައްދާ ފުރަތަމަ ކޮމިޓީއަކަށް ވެގެންދާނީވެސް އެމްބީއޭގެ މި ކޮމިޓީ އެވެ. ކޮމިޓީގެ މަސައްކަތް ސީދާ ބައްލަވާނީ އެމްބީއޭގެ ރައީސް އާދަމް މުހައްމަދު (އެޑަމް) އެވެ. އެ ކޮމިޓީގެ ޗެއާމަންއަކީވެސް އޭނާ އެވެ.

އެކެޑެމީސް ކޮމިޓީގެ މަސައްކަތްތަކާ ބެހޭގޮތުން، އާދަމް އަވަސް އަށް ވިދާޅުވީ މި ކޮމިޓީގެ ބޭނުމަކީ އެކެޑެމީތަކަށް ދިމާވާ މައްސަލަތައް ހައްލު ކުރުމުގައި އެމްބީއޭއިން އެއްބާރުލުން ދިނުން ކަމަށެވެ.

"ބާސްކެޓްގެ ގުރާސްރޫޓްގެ އެންމެ ބޮޑު ދައުރެއް އަދާ ކުރަނީ ސީދާ އެކެޑެމީ ތަކުން މި ކޮމިޓީގެ ބޭނުނަމީ އެކެޑެމީތައް ހިންގުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލު ކޮށްދިނުމުގައި އަޅުގަނޑުމެން އެމްބީއޭ އިން އެއްބާރުލުން ދިނުން،" އާދަމް ވިދާޅުވި އެވެ. "މިއީ ބާސްކެޓްގެ ޑިވަލަޕްމެންޓް ޕްރޮގްރާމް ހަރުދަނާ ކުރުމުގެ އެއް ފިޔަވަޅު. ހުރިހާ އެކެޑެމީތަކަކުން ބަސް އިއްވުމުގެ ފުރުސަތު މި ކޮމިޓީގައި އޮންނާނެ."