ހީނލާގޮތުން

ހީނލާގޮތުން

(4 ފެބްރުއަރީ 2021 އާ ގުޅޭ)

"މަންމާ... ބުނަންތަ އަހަރެމެންގެ ނޯޔާއެއް ނުލިބޭނެ." އެނދުން ތެދުވި ނެހާ ބުނެލިއެވެ. ދޮރުން ނުކުންނަން އުޅޭ ގޮތް ދައްކާލިއެވެ. ރޫމާ އަތް ހޫރާލިއެވެ.

"މިހިރަ ދަރިއެއް." ރޫމާ ބުނެލިއެވެ. ނޯޔާއާއި ނެހާ އެކަކު އަނެކަކަށް ބަލާލާފައި ހީނލިއެވެ. ރޫމާއަށް ވެސް ހީނލެވުނެވެ. ތިންމައިން އެކުގައި ކޮޓަރިން ނުކުތެވެ.

ސޯފާގައި އިން އަސްލަންގެ ވައަތްފަރާތުގައި އޭނާގެ ބޮޑު ދެބެން ތިއްބެވެ. އަނެއްފަރާތުގައި ސަބީނާ އިނީ އަނުމް އުރާލައިގެންނެވެ. ރިދާން ތެދުވެ އިށީނދެ އިން ގޮނޑި ޒާހިދަށް ދެއްކީ އެވެ. އޭނާ މަޑުކޮށްލައިގެން ހުރީ އަސްލަންމެން ތިބި ސޯފާގެ ފަހަތުގަ އެވެ. އެ އެންމެންގެ ނަޒަރު އެތެރެއިން ނުކުތް ތިންމައިންނަށް ހުއްޓުނެވެ.

ފިޔާތޮށި ކުލައިގެ ޝިފޯން ޝޯލާއި ހުދުކުލައިގެ ލޭސް ފޮތީގެ ދިގު އަބާޔާގައި ނޯޔާ ފިޔަވަޅު އަޅަމުން އައީ އިސް އޮބާލައިގެން ހުރެއެވެ. މަންމަގެ އަތުގައި އެއްއަތުން ހިފަހައްޓާލައިގެންނެވެ. ރޫމާގެ އަނެއް ފަރާތުގައި ހުރި ނެހާ މަޑުކޮށްލީ ދަރިފުޅު އުރާލައިގެން ހުރި އިޔާންގެ ގާތުގައެވެ. ނޯޔާ ގޮވައިގެން އައިސް އައްޔޫބުގެ ގާތުގައި ރޫމާ އިށީނެވެ.

ނޯޔާ ފެނުނީއްސުރެ އަސްލަންގެ ނަޒަރު ހުރީ އެ އަންހެންކުއްޖާއަށެވެ. ދުރު ހަނދާނަކަށް ވިޔަސް އަސްލަންއަށް ހީވީ އެއީ އިހަކަށް ދުވަހު ކުރިމަތިން ފެނުނު ކަންކަން ހެނެވެ. ރޫމާއާއެކު އަސްލަންމެން ގެއަށް އައިސް އުޅުނު ކުޑަކުޑަ އަންހެންކުއްޖާގެ ހަނދާނެވެ. ފަންކަމުން އެއްވެސް ހިފެހެއްޓުމެއް ނުހުންނަ އިސްތަށިކޮޅުން އެ މޫނަށް ގޯނާ ކުރާވަރުން މާތަކެއް ޖަހާފައި ހުރި ބޭންޑެއް ނޯޔާގެ ބޮލުގައި ސަބީނާ އެޅުވި މަންޒަރު އަސްލަން ދުށްޓެވެ. އެހާ ކުޑައިރު ވެސް އެއީ އާދަޔާ ޚިލާފަށް ދޮން ކުއްޖެކެވެ. ނިކަން ފަސޭހައިން އެ ހަންގަނޑަށް ރަތްކަން ވެރިވެއެވެ. ބޮޑު ކޮލުގައި ފެންނަން ހުންނަ އަޑިކޮޅަކީ އޭރު ވެސް ފާހަގަވާ ސިފައެކެވެ. އެހާ ކުޑައިރު ވެސް އެއީ މީހުންގެ ސަމާލުކަން އަތުލާފަދަ ރީތިކަމެއް ލިބިފައިވާ ކުއްޖެކެވެ.

"މީ އޭނާތަ؟ ފުރިހަމަ އަންހެނަކަށްވެއްޖެ... އަހަންނާ ކައިވެނި ކުރަނީތަ؟ ރިދާން ނަކަލުކޮށް އަސްލަންބެޔޭ ގޮވި ހަނދާން ނުވޭތަ؟" އަސްލަންގެ ހިތަށް ތަފާތު ޝުޢޫރުތައް އަރާ ފައިބަމުން ދިޔައެވެ. ލަދުގަންނަ ގޮތް ވެސް އޭނާ ވިއެވެ. އޭނާއަށް ނޯޔާ ފެނިފައި ހުރީ އެކުއްޖާގެ އުމުރުން ނުވައެއް ނޫނީ ދިހަ ވަރަކަށް އަހަރުގައެވެ. ރޫމާ ފަހަތުގައިލައިގެން އެމީހުންގެ ގެއަށް އައިސް ހަދާލެއް ގިނަވީމައެވެ. އޭނާގެ ދައްތައާ ޚިލާފަށް އަނގަގަދަ ނުކޮށް މަޑުމަޑުން ހުންނަކަން އޭރު ވެސް އަސްލަންއަށް ފާހަގަވެއެވެ. އާދަޔާ ޚިލާފަށް ބަސް އަހާ ކުއްޖެކެވެ. އަސްލަންގެ ސާރާގެ ހުންނަނީ އެކަހަލަ ގޮތެކޭ އޭނާ ހިތަށް އެރިއެވެ. އެއާއެކު ވަކިން ހިތަށް އުނދަގޫވެއްޖެ އެވެ. ބަޔާން ކުރަން ނޭނގޭ ފަދަ ގޮތްތަކެއް އަސްލަންގެ ހިތަށް އިޙްސާސް ކުރެވެމުންދިޔަ އެވެ. ނޯޔާއާ ކުޑައެއްކަމަކު، އޭރު ވެސް އަސްލަން ހުރީ ތަންދޮރު އޮޅުން ފިލާފައި ހުރި ފިރިހެނަކަށްވެފައިކަން އޭނާއަށް އެނގޭތީ އެވެ. ކޮއްކޮއެކޭ އެއްފަދަ އެކުއްޖާ އޭނާއަށް ކުރެވުނެވެ. އެކަމަކު މިހާރު ފެންނަން އެ އިނީ އޭރުގެ ކުޑަ ކުއްޖާއެއް ނޫނެވެ. ލޯ ކުރިމަތީ ވަނީ އައިބެއްނުވާ ފުރިހަމަ ކަމެއްކަން ޔަގީނެވެ. އެ ކުޑަކުއްޖާ މިހާ ފުރިހަމަ އަންހެނަކަށް ވެދާނޭ ކުޑަކޮށް ވެސް އަސްލަންގެ ހިތަށް ނާރައެވެ.

"ޝީ ލުކްސް ޕާފެކްޓް... ކޮންކަހަލަ ރީތިކަމެއް!... ހިތަށް އަރާ ތީ އަހަރެންގެ މީހަކަށްނުވީ ކީއްވެބާއޭ، ހުރިހާކަމެއް ތި ނިންމާލީ މާ އަވަހަށް، ކީއްވެ؟" އެސްފިޔަ ޖަހާލަން ހަނދާން ނެތިފައި ހުރި ރިދާންގެ ހިތުގައި ނޯޔާއަށް ތާރީފު ކުރިއިރު ޝަކުވާ ވެސް ވިޔެވެ.

"މިކޮޅުން ފުރަންޖެހޭ ބައިތައް މިހުރީ ފުރާފަ ދޯ." ކައިވެނި ފޯމަށް ބަލަން އިނދެ ޒާހިދު އަހާލި އެވެ.

"މި ހުރީ އައިޑީ ކާޑުތައް، ޒާހިދު ބަލާބަލަ ރަނގަޅަށްތޯ ފުރިހަމަ ހުރީ... ހަމައެކަނި ރަނުގެ ބައި ހުސްކޮށް އޮންނާނީ." އައްޔޫބު އޮޅުން ފިލާ ދިނެވެ.

ޒާހިދު ފޯމު ބެލިއެވެ. ރިދާންއާއި އަސްލަންއަށް އޭނާ ބަލާލިއެވެ. އައިޑީކާޑުގައި އޮތް ފޮޓޯއިން އެތަނުން އަސްލަންއަކީ ކާކުކަން ޒާހިދު ފާހަގަކުރިއެވެ. އެވަގުތު ނެހާއާއި އިޔާން އައިސް ހުހަށްހުރި ސޯފާގައި އިށީނެވެ. ރިދާން ގާތު އިށީންނަން އަންނާށޭ ބުނާފަދައިން ނެހާ އިޝާރާތް ކޮށްލިއެވެ. ނަމަވެސް އޭނާ ބޯ ހޫރާލީ އެވެ. ފޯމު މޭޒުމަތީ ބާއްވާލަމުން ރަނގަޅޭ ބުނެ ޒާހިދު އައްޔޫބަށް ބަލާލިއެވެ. ރަންކިޔަންވީ ކަމުގައި ބުނީ ދެނެވެ. އަދި އަސްލަން ގާތު ރަނަށް އަހަން ބުންޏެވެ. ރޫމާގެ ގާތުގައި އިން ނޯޔާއަށް މަންމަގެ މުލައްދަނޑީގައި ހިފާލެވުނެވެ.

"ނޯޔާ..." އަސްލަން ގޮވާލި އެވެ. ނޯޔާ އިސް އުފުލާލީ ދެނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި އެވެ. އަސްލަން ޖެހިލުންވި އެވެ. ހިންދިރުވާލެވުމާއެކު ދެތުންފަތް އޭނާ ތެތްމާލި އެވެ. ހިމޭންކަން ފޫދުއްވާލީ ނެހާގެ ހުނުމެވެ. އަސްލަންއަށް އުނދަގޫވި އެވެ.

"އަސްލަންބޭ..." ފަހަތުގައި ހުރި ރިދާންގެ އަޑުން އޭނާ ވެސް ހެނީކަން އެނގެ އެވެ. އައްޔޫބާއި ޒާހިދުގެ އިތުރުން ސަބީނާ ވެސް އިނީ ހެވިފަ އެވެ.

"އަސްލަން އެހީމަ ދޯ އެމަންޖެ ޖަވާބެއް ދޭނީ." ހިނިއައިސްފައި އިނދެ ސަބީނާ ބުންޏެވެ.

"ކައި... ވެނީގެ... ރަންކިޔާ..." ނޯޔާގެ ތޫނު ކަޅިރަވަ ހުއްޓިފައި ހުރުމުން އަސްލަންއަށް ވާހަކަދައްކަން އުނދަގޫ ވެގެން ނަޒަރު ވަކިކޮށްލުމަށްފަހު ބުނެލިއެވެ.

"ސަތޭކަ ސާދަ ރުފިޔާ ނުވަދިހަނުވަ ލާރިއާއި ތިރީސް ފޮތް ވަކިން އޮތް މުޞްޙަފެއް." ހިތުގެ ތެޅުން އަވަސްވެ އިންތިހާއަށް ޖެހިލުންވީ ނަމަވެސް ނޯޔާގެ އަޑުގައި ވަނީ ސާބިތު ކަމެވެ. އެ ލަފުޒުތައް ދުލުން ބޭރުކުރުމަށް އޭނާ ލީ ހިތްވަރު ދެނެވޮޑިގެންވަނީ ﷲ އެވެ. އަސްލަން ވަކިކޮށްލި ނަޒަރު ނޯޔާއާ އަމާޒުކޮށްލީ ކުއްލިއަކަށެވެ. ނުހަނު އަވަހަށެވެ. ހައިރާންކަން އެ ދެ ލޮލުގައި ވިއެވެ. މަޑުމަޑުން އަސްލަން ބޯޖަހާލީ އެވެ. ރަނުގެ އަގު ގަބޫލުކުރަމޭ ބުނާ ފަދައިންނެވެ. ނޯޔާގެ ނަޒަރު ތިރިކޮށްލައި އެކަޅުކަން ގަދަ ދިގު އެސްފިޔަތަކުން ނިވާކޮށްލީ ގޮތް އަސްލަން ދުށްޓެވެ. ހީވީ އަސްލަންގެ އިޝާރާތެއް ލިބުމުންނޫނީ ނަޒަރު ވަކިކޮށްނުލާން އިނދެފައި އެދުން ފުރިހަމަވުމުން އެ ކަޅިރަވަ ފޮރުވާލީ ހެނެވެ.

ސަބީނާ ހިނިތުންވެލައި ދެ ލޯ މަރާލި ގޮތުން ހީވީ އޭނާގެ ހިތާއި ރޫމަށް ވެސް ފިނިކަމެއް ލިބިގެންދިޔައީ ހެންނެވެ. ހިތުގެ އަޑިން އޭނާ ﷲއަށް ޝަކުރުވެރިވި އެވެ. އޭނާގެ ނަޒަރުގައި އަމިއްލަ ދަރިފުޅާ ހަވާލު މިކުރެވެނީ ބައެއްގެ އަތުން މިންވަރު ކުރެއްވި އަގުބޮޑު ޖަވާހިރެކެވެ. އެއީ އަސްލަންގެ ނަސީބުކަން ސަބީނާ ޤަބޫލުކުރެއެވެ. ލުއި ހިނިތުންވުމަކާއެކު ނޯޔާއަށް ގެއްލިފައި ރިދާން ހުރީ ބޭޤަރާރުވެފައި ހުރި މީހަކު ފަދައިންނެވެ. އެ މަޢޫޞޫމްކަމާއި އެ ސާފުކަމަށް އޭނާގެ ހިތް ނުހަނު ބޮޑަށް އެދެވުނެވެ.

ޒާހިދު ތަހުނިޔާ ކިޔެވެ. ރަން ހަވާލުކުރާނީ ކައިވެނި ކުރެވޭ ވަގުތު ކަމުގައި ސަބީނާ ބުންޏެވެ. ދަރިފުޅުގެ އަތްތިލަ ރޫމާގެ ދެއަތުގެ ތެރޭ ހިފަހައްޓާލަމުން ހިނިތުންވިއެވެ. ނަމަވެސް އެ ދެ ލޮލުން ފެންނަން ޖެހޭ އުފާވެރިކަން ނުފެންނަކަށް ނޯޔާ ދެނަހުއްޓެވެ. މަންމަގެ ހިތް އެނގޭ ގޮތަށް އޭނާގެ ހިތް އެ މަންމައަށް އިޙްސާސް ކުރެވޭކަން ޔަގީނެވެ. މަންމައާ ދުރުގައި އިންނަން ޖެހުނުނަމަ މިއަދު އޭނާ ނެރުނު ފަދަ ހިތްވަރެއް ނެރެން އުނދަގޫވީހެވެ.

"ރޫމާ... ސައިތައްޔާރުތަ؟" އައްޔޫބު އަހާލިއެވެ.

ސޯފާއިން ރޫމާ ތެދުވިއެވެ. ޒާހިދު ގޮވައިގެން ކާމޭޒު ކައިރިއަށް އަންނަން ރޫމާ ބުންޏެވެ. މަންމަ ތެދުވުމާއެކު ނެހާ އައިސް ކޮއްކޮގެ ގާތުގައި އިށީނދެއްޖެއެވެ. ނޯޔާއަށް ރިދާން ގޮވާލީ އެވަގުތެވެ. އިސްއުފުލައި ރިދާނަށް ނޯޔާ ބަލާލިއެވެ. ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެވަގުތު ނޯޔާއަށް އިތުރު ކަމެއް ފާހަގަވިއެވެ. އަސްލަންގެ ނަޒަރު ހުއްޓިފައި ހުރިކަމެވެ. ރިދާންއާއި އަސްލަން އެކުގައި ފެނުމުން އެ ދެމީހުންގެ ސިފައިގަ މާބޮޑު ތަފާތެއްނެތްކަން ފާހަގަވިއެވެ. ނޯޔާގެ ލޮލުގެ ހިމަކޮޅުން އޭނާއަށް އަސްލަން ފެނެއެވެ. ކަޅުކަން ގަދަ ބޯ ފަން އިސްތަށިގަނޑު އެއްފަރާތަށް ވާހެން އޮމާންކޮށްފައި ހުރިއިރު ވެސް ނިތްކުރި ކައިރިއަށް ބައެއް ވެއްޓިފައި އޮތެވެ. ތަނަވަސް ބޮޑު ނިތްކުރިއާއި ވަރުގަދަ ބުމައެކެވެ. ކުރު އެސްފިޔަތަކަކާއެކު ކުޑަ ދެ ލޮލެވެ. ނޫނީ ބުމައާ ދިމާއިން ކުޑަކޮށް ނުކުމެފައި ހުންނާނީ ލޯ ކުޑަހެން ހީވަނީއެވެ. އޭނާ ރުޅިގަދަ މީހެއްހެން ހީވަނީ އެހެންވެގެން ކަމަށް ވެދާނެ އެވެ. ހިމަވެފައި ދިގު ނޭފަތެކެވެ. ތުނބުޅި މަތިމަސް ހުރީ ތުނިކޮށެވެ. ދަތްދޮޅިއާއި މަތިމަހަށްވުރެ ކޯތާފަތާ ދިމާއިން އިސްތަށިތައް ވަކިން ބޮޑަށް ތުނި ކޮށްލާފަ އެވެ. ނޯޔާ އަޖައިބުވީ އޭނާއެކޭ އެއްގޮތަށް އަސްލަންގެ ކޮލުގައި ވެސް އަޑިކޮޅެއް ފާޅުވެލިތަން ފެނުމުންނެވެ. އެއީ ފިރިހެންވަންތަ ރީތި ސިފައެއް ލިބިފައިވާ މީހެއްކަން ނޯޔާގެ ހިތް އެއްބަސްވިއެވެ.

އައްޔޫބު ގޮވާލުމުން އަސްލަން ތެދުވެގެން އައެވެ. ޒާހިދާއި އައްޔޫބާއެކު ކާމޭޒު ކައިރީ އޭނާ އިށީނެވެ. ސަބީނާ ތަށިތަކަށް އެއްޗެހި އަޅައިގެން ގެނެސް ސާރާއާއި މަލްސާގެ ކައިރީ ބެހެއްޓިއެވެ. ސައި ނުބޮވިގެން މަލްސާ އުޅޭ ވަރުންނެވެ. ސާރާގެ ނަޒަރު އިރުއިރުކޮޅާ ނޯޔާއަށް ހުއްޓެވެ. ނަމަވެސް މަލްސާގެ ފަރުވާލެއް އެއްވެސް ކަމަކަށް ނެތެވެ. ސަބީނާ ތެދުވަމުން ނޯޔާގެ އަތަށް އަނުމް ދޭން އުޅުނު ހިނދު ނިކަން އަވަހަށް އެކުއްޖާ އުރާލީ ނެހާއެވެ.

"މީ އެންމެ ކުޑަ." ފަރުވާތެރިކަމާއެކު ނޯޔާއަށް ބަލަން އިނދެ ރިދާން ބުންޏެވެ. ނަމަވެސް ނޯޔާގެ މޫނުން އޭނާ ހޯދަން ބޭނުންވި އެއްވެސް އަސަރެއް ނުފެނެއެވެ. އޭނާއާ ނަޒަރު ސީދާ ކޮށްލަނީ ވެސް މަދުފަހަރަކުއެވެ. އެހެންނަމަވެސް ދައްތަގެ އަތުގައި އޮތް ކުޑަކުއްޖާއަށް ނޯޔާ ބަލާލިއެވެ. ދެން އޭނާ ބަލާލީ ސޯފާގައި ކުރިމަތީ ތިބި ސާރާއާއި މަލްސާއަށެވެ. ސާރާގެ ނަޒަރު ކުއްލިއަކަށް އޭނާއާ ވަކިކޮށްލި ގޮތް ފެނުނެވެ.

"އެކުދީންނަށް އެނގޭބާ އެމީހުންގެ ބައްޕަ ކައިވެނި ކުރާކަން." ނޯޔާގެ ހިތަށް އެރިއެވެ.

މަޑުމަޑުން ނޯޔާ ތެދުވުމާއެކު ނެހާ ވެސް ތެދުވި އެވެ. ކޮޓަރިއަށް ދިޔަޔަސް ރަނގަޅުވާނެތޯ ނޯޔާ އަހާލީ ސިއްރުނެވެ. ނެހާއަށް ބަލާލެވުނީ މަންމައާ ދިމާއަށެވެ. އޭރު ރޫމާ ހުރީ ބަލާށެވެ. ނޯޔާގެ ކޮންމެ ހަރަކާތަކަށް ފާރަލައިގެން ހުރި ކަހަލައެވެ.

"ހުރިހާ ކުދީން އާދޭ ސައިބޯން... ރޫމާ، އަހަރެން އަންނާނަން ޒާހިދުއާއެކު ގޮސްލާފަ." ޒާހިދުއާއެކު މޭޒުދޮށުން ތެދުވި އައްޔޫބު ބުންޏެވެ. އޭގެ ދެ މީހުން އެޕާޓްމެންޓް އިން ނުކުތެވެ.

ކާމޭޒު ކައިރިއަށް ނޯޔާ ނުދިޔަ އެވެ. އޭނާ އެންމެންނާ ދުރަށް ދާން އުޅޭހެން ހީވެ ރިދާން އަވަސްވެލީ އޭނާ ހުއްޓުވާށެވެ. ވާހަކަ ދައްކާލަން ފުރުޞަތެއް ހޯދާށެވެ. ޖޫސްތަށްޓެއް ކާމޭޒުމަތިން ނަގައިގެން އައިސް ނޯޔާއަށް ދިއްކޮށްލި އެވެ. ކާ މޭޒުކައިރިން ތެދުވި އަސްލަން އައިސް ނޯޔާގެ ގާތުގައި މަޑުކޮށްލީ ނެހާ ހުރީމަ އެވެ. ނެހާގެ އަތުން އޭނާ އަނުމް އުރާލަން އުޅުނެވެ.

"ނޯޔާ ނުކާނެ..." ރޫމާ ނިކަން އަވަހަށް ބުނެލި އެވެ. ނޯޔާގެ އަތަށް ޖޫސްތަށި ލައިދޭން ރިދާން އުޅުނު ހިނދު ނެހާ ހުއްޓުވިއެވެ.

"އޭނަ ރޯދަ..." ނެހާ ނިކަން އަވަހަށް ބުނެލި އެވެ.

"ދަނީ..." ނޯޔާ ބުނެލި އެވެ. ދެން ފެނުނީ އެނބުރި ކޮޓަރިއާ ދިމާއަށް ނޯޔާ ހިނގައިގަތް ތަނެވެ. ހުއްޓުން އަރާފައި ތިބި ދެ މީހުންހެން އަސްލަންއާއި ރިދާން އެ ދިމާއަށް ބަލަން ތިއްބެވެ.

"ސޮރީ..." ރިދާން ބުނެލިއެވެ.

"ހިނގާ އަހަރެމެން ސައިބޯން، އިޔާން..." ރިދާންގެ ކޮނޑުގައި ޖަހާލާފައި ނެހާ ބުނެލިއެވެ. އަދި ފިރިމީހާއަށް ގޮވާލައި ކާމޭޒު ކައިރިއަށް ދިޔައެވެ.

މާތް އަޚްލާޤަށްވުރެ ރިވެތި ސިފައެއް ކޮބާ ހެއްޔެވެ. އަސްލަންއަށް ބެލެނީ ނޯޔާ ވަދެގެން ދިޔަ ދިމާއަށެވެ. ނޯޔާއާ ބައްދަލުވެ ހޭދަވެގެން ދިޔައީ ކުޑަކުޑަ ވަގުތުކޮޅެކެވެ. ނަމަވެސް އެ ވަގުތުކޮޅު ތެރޭ ވެސް އަސްލަން ހައިރާންވާހާ ފުރިހަމަކަން ނޯޔާގެ ފަރާތުން އޭނާއަށް ފެނިއްޖެ އެވެ. ނޯޔާގެ ދެ ލޮލުން އޭނާއަށް އެއްވެސް އެއްޗެއް ދެނެގަންނާކަށް ނޭނގުނެވެ. ޢަމަލުގައި ނުރުހުމެއް ނުވެއެވެ.

ކޮޓަރިއަށް ވަދެވުމާއެކު ހަށިފުރާ ފިނިނޭވާއެއް ނޯޔާ ދޫކޮށްލިއެވެ. އޭނާގެ ނަފްސު ވަރުބަލިވެފައިވާ ކަހަލަ ގޮތަކަށް އައިސް އެނދުގައި އިށީނެވެ. މޫނުގައި ދެއަތް އަޅާލިއެވެ. ދެން އަނެއްކާ ވެސް ފުންނާއެއް އޭނާ ލައިފިއެވެ. މޫނުން އަތްނެގިއެވެ.

"އޭނާ ބޭނުމެއް ނުވޭ... ތާތި ބުނިހެން އޭނާ ލައިކްވާ ގޮތް ވެސް އަހަރެންގެ ނެތިއްޔާ..." ނޯޔާއަށް އަމިއްލަ ހިތާ ވާހަކަ ދެއްކުނެވެ. އަސްލަންގެ ފަރާތުން ފެނުނު ޖެހިލުންވުން އޭނާއަށް މާނަ ކުރެވުނީ އެފަދައިންނެވެ.

* * * * *

އިރުއޮއްސެންވާއިރަށް ކުދީން ގޮވައިގެން އަސްލަން ގެއަށް އަތުވެއްޖެ އެވެ. ސަބިނާ ގެއަށް އައިގޮތަށް އެރީ އަރީން އުޅޭ ބަޔަށެވެ. އެބައިގެ ބެލް އެޅުމުން ވެސް ނުހުޅުވިއެވެ. ސަބީނާ އުޅޭ ބަޔަށް އައިސް އަރީނަށް ގުޅިއެވެ. ފޯނެއް ނުނަގަ އެވެ. ފަވާދަށް ގުޅުމުން ފޯނަށް ޖަވާބު ދީފިއެވެ. އަރީންވީ ކުދީން ގޮވައިގެން ބޭރަށް ގޮސްކަން ފަވާދު ބުންޏެވެ. އިތުރު ސުވާލެއް ސަބީނާ ނުކުރިއެވެ. އޭނާ ހުރިހާ ވާހަކައެއް ދައްކަން ބޭނުންވަނީ އަމިއްލަ ދަރިފުޅުގެ ގާތުގައެވެ. ދަނބިދަރިއެއްގެ ގާތުގައެއް ނޫނެވެ. ރޫމާމެންގެ ކުރިމަތީގައި ވެސް އޭނާގެ އަގު އަރީން ނުހިފެއްޓިއެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅުވިއްޔާއެވެ.

"ޑެޑީ..." އެނދު ކައިރީ މަޑުކޮށްލަމުން ސާރާ ގޮވާލި އެވެ. އަސްލަން އޮތީ އަނުމް ގޮވައިގެން އެނދުގައި ޖައްސާލައިގެންނެވެ. އޭނާއަށް ވެސް ވިސްނެނީ ނޯޔާއާ މެދުއެވެ. ކުރެވެން އުޅޭ ކައިވެންޏާ މެދުއެވެ. ސާރާ ގޮވާލުމުން އަސްލަން ހޫން ލައްވާލިއެވެ. ކުރިއަށްވުރެ ކައިރިއަށް ސާރާ އައިސް މަޑުކޮށްލިއެވެ.

"އެގެއަށް ޑެޑީ ދިޔައީ ކީއްކުރަން، ޑެޑީ ނުދަމެންނު ދުވަހަކު ވެސް." ސާރާ އަހާލި އެވެ. ހިނގައި ދިޔައީ ކޮންކަމެއްކަން އެ ޅަސިކުނޑިއަށް ނުވިސްނެނީ އެވެ.

"ހުރިހާ ކުދިން ގޮވައިގެން ދިޔައީ މާމައެއްނު... މާމަ ބުނީމަ ދާކަންނު ޖެހޭނީ." އަސްލަން ޖަވާބު ދިނީ ހަޤީޤަތް ދަރީންނަށް ހާމަކުރަން ޖެހޭނެކަން އެނގި އޮވެއެވެ.

"އެގޭގަ އުޅޭ ދައްތައާ ޑެޑީ ފްރެންޑުތަ؟" ސާރާ ސުވާލުކުރި އެވެ.

ކުރުއަތްމައްޗަށް ތެދުވެލި އަސްލަން ފަރުވާތެރި ކަމާއެކު ދަރިފުޅަށް ބަލާލި އެވެ. އެކުއްޖާއަށް ވެސް ކޮންމެވެސް ކަމެއް ޝައްކުވެއްޖެ ކަމުގައި އަސްލަން ލަފާ ކުރި އެވެ. ސަބީނާއާއެކު އެކުދީން އެގެއަށް ނުލާހިކު ގިނައިން ދެއެވެ. އަސްލަން ދާތީ ނުފެންނާނެއެވެ. އޭނާއާއި ނޯޔާގެ ކުރިމަތިލުން ސާރާއަށް ފާހަގަވާ ވަރު ކަމަކަށްވީއޭ އަސްލަންގެ ހިތަށް އެރިއެވެ.

"ޑެޑީ..." ސާރާ ބުނަން އުޅުނު އެއްޗެއް މެދުކަނޑާލަން ޖެހުނީ ވައިސޫރިއެއްގެ އެ ކޮޓަރިއަށް ވަން މަލްސާ ފެނިފައެވެ.

"ރަންކިޔާ..." ދޮރުން ވަން ގޮތަށް ސާރާއާ ދިމާއަށް އަތްދިއްކޮށްލަމުން މަލްސާ ބުނެލި އެވެ. އެއާއެކު އަސްލަންގެ ގާތަށް ހިނިއަންނަ ގޮތް ވިއެވެ. ނަމަވެސް އޭނާ ހުނުންގަނޑު ހިންދާލީ އެވެ.

"މަލްސާ." ފުރިހަމަ ނަމުން އަސްލަން ގޮވާލި ގޮތުން މަލްސާ ހިމޭންވި އެވެ. ކިޔަންނުވާ އެއްޗެއް މަލްސާއަށް ކިޔިއްޖޭ އެކުއްޖާއަށް ހީކުރެވުނެވެ.

ކައިވެންޏެއް ކުރަން އުޅޭއިރު ދަރީންނަށް އެކަން އެނގެން ޖެހޭނެކަން އަސްލަން ޤަބޫލުކުރެއެވެ. ނަމަވެސް އެކުދީންނާ އެ ވާހަކަދައްކާނީ ކިހިނެއްކަމެއް އަސްލަންއަކަށް ނުވިސްނެއެވެ. ކައިވެންޏަށްފަހު ނޯޔާ އޭނާއާއެކު ދިރިއުޅެން ފެށީމާ އެކަމާ އެކުދީން ސުވާލު އުފެދޭނެކަން ޔަގީނެވެ. އެކުދީން ނޯޔާއާ ގަޔާވާނޭކަމެއް ވެސް އަދި ނޭނގެއެވެ. ހުރިހާކަމެއް އެކުދީންނަށް ކިޔާ ދިނުމަކީ އަސްލަންގެ ޒިންމާއެކެވެ. އެހެންވިޔަސް އޭނާއަށްވުރެ މަންމައަށް އެކުދީންނަށް ވިސްނައިދޭން ފަސޭހަވާނޭ އަސްލަން ހިތަށް އެރިއެވެ. އެފަދަ ވާހަކައެއް ދަރީން ގާތު ފަށާނޭ ގޮތެއް ވެސް ސިކުނޑިއަށް އަސްލަންގެ ނާދެއެވެ. (ނުނިމޭ)