ފެބްރުއަރީ ހަތެއް ކުރިމަތިވީ ދިވެހި ވެރިކަމުން އިންސާފު ބޮލާލައި ޖަހާ ގަދަބަސް ބުނެ ހިތްތިރިކަން ދޫކޮށްލުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ފެބުރުއަރީ 7، 2012 ގައި ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިތާ މިއަދަށް ނުވަ އަހަރުވީއެވެ. އެ ދުވަހުގެ ހާދިސާއަށް އިޝާރާތް ކުރައްވާ ޣައްސާން ވިދާޅުވީ ފެބްރުއަރީ ހަތެއް ކުރިމަތިވީ ދިވެހި ވެރިކަމުން އިންސާފު ބޮލާލާ ޖަހާ، ރައްޔިތުން ހާލުގައި ޖެހެން ދޫކޮށްލާ ގަދަބަސް ބުނެ ހިތްތިރިކަން ދޫކޮށްލުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.
"މިއަދުވެސް މި އަމަލުތައް ތަކުރާރުވާތަން އެބަ ފެނޭ. ތާރީހު އިޔާދަވެއޭ ބުނެ އުޅޭ. ރައްކާވެތިބިއްޔާ ދަތުރު،" ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ފެބްރުއަރީ 7 ގައި ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވެވި ނަމަވެސް މިހާތަނަށް ވެސް ރައީސް ނަޝީދު ވިދާޅުވަމުން ދަނީ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށެވެ. ނަމަވެސް އެ ހާދިސާ ބަލައި ތަހުގީގު ކުރަން ރައީސް ނަޝީދާއި އެމްޑީޕީން އެދުނު ގޮތަށް ބައިނަލްއަގުވާމީ ފަރާތްތައް ހިމަނައިގެން އެކުލަވައިލި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނި) ގެ ރިޕޯޓްގައި ބުނެފައި ވަނީ ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަަމަށެވެ. ނަމަވެސް ރައީސް ނަޝީދު އެ ރިޕޯޓް ގަބޫލެއް ނުކުރައްވަ އެވެ.
ފެބުރުއަރީ 7، 2012 ގައި ރާއްޖޭގެ ވެރިކަން ބަދަލުވި ހާދިސާގެ ހަނދާން ރައީސް މުހައްމަދު ނަޝީދު އާ ކުރައްވާ އެކަމުގައި މާފު ކުރެއްވުން ނޯންނާނެ ކަމަށް މިއަދުވެސް ވަނީ ވިދާޅުވެފައެވެ.