ޣައްސާން މައުމޫން

އަނިޔާވެރިކަން ހައްދުފަހަނަ އަޅައިފި، ދެކޮޅަށް ތެދުވާންޖެހޭ: ޣައްސާން

އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ ކަމަށް ވިދާޅުވެ މި ސަރުކާރާ ދެކޮޅަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ރައްޔިތުން ތެދުވެ ނޫނެކޭ ބުނުމަށް ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ގޮވާލައްވައިފި އެވެ.

ޣައްސާން މިކަމަށް ގޮވާލެއްވީ ޕީޕީއެމްއިން ރޭ ގދ. ގައްދޫގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. މާލެ އާއި ގައްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޣައްސާން ވަނީ ހަނދި ހަސަން ރަސްގެފާނުގެ ދުވަސްވަރު ރާއްޖޭގެ ހާލަތު އޮތްގޮތް ވަރަށް ރަނގަޅަށް ސިފަކޮށްދެއްވާފައެވެ. ޣައްސާން ވިދާޅުވީ އެ ދުވަސްވަރު ރާއްޖެ އޮތީ ބޭރު ބައެއްގެ އަތްދަށުގައި ކަމަށާ ހައްގު ބަސް ބުނަމުންދިޔަ ކޮންމެ މީހަކަށް ވޭންހުރި އަނިޔާދީ މަރަމުން ގެންދިޔަ ކަމަށެވެ. ހައްގަށް ހުކުމް ކުރި ފަނޑިޔާރު ހާޒިރުކޮށް މުޅި ގައިގައި ކަފައޮޅާ ރޯކޮށް މަރާލި ކަމަށެވެ.

"މާޔޫސް ކަމުގެ ވަގުތެއް. ނާމާންކަމުގެ ބޮޑު ވިލާގަނޑެއް މުޅި ގައުމަށް ފެތުރިފައި އޮތް ކަހަލަ. އިންސާފުން އެއްކިބާވެ ދިވެހި ވެރިކަން އޮތީ ދިވެހިފަޅި ދޫކޮށް ބޭރު ބައެއްގެ ހިމާޔަތުގައި. މިި ބޭރު މީހުންގެ އުނދަގުލާ ތުރާތައް އެންމެހާ ދިވެހިންނަށް ވަކިން ހާއްސަކޮށް މާލޭގައި ދިރިއުޅޭ މީހުންނަށް ވަރަށް ބޮޑުވެއްޖެ. މަގުތައް އަމާންކަން ގެއްލި ބިރުވެރި ތަނަކަށް ވެއްޖެ. ނޭދެވޭ އެކި ޒާތްޒާތުގެ ފުރައްސާރަތައް އިތުރުވެއްޖެ،" ހަނދި ހަސަން ރަސްގެފާނުގެ ދުވަސްވަރުގެ ހާލަތު ސިފަކޮށްދެއްވަމުން ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ވެރިކަމަކީ ކޮން ފަރާތަކުން ދެއްވާ އެއްޗެއްކަން ނުދަންނަ ވެރިން ރައްޔިތުންނަށް އަނިޔާވެރި ބޮޑާކަމާއި ކިބުރުވެރިކަން އިސްކޮށް ތިމާވަރު މީހަކު ނެތިގެން އުޅޭނެ ކަމަށެވެ. ނަމަވެސް އެވެރިކަން ހަމަ ހިނދުކޮޅެއްގެ ތެރޭގައި ގެއްލިގެން ހިނގައިދާނެ ކަން ތާރީހުގެ ފަތްފުއްތަކަށް ބަލާލުމުން ފެންނަން އެބައޮތް ކަމަށެވެ.

"ވެރިކަމުގައި އަނިޔާވެރިވެވިދާނެ. ބޮޑާކަމާއި ކިބުރުވެރިކަންވެސް ދެއްކިދާނެ. ތިމާވަރެއް ނެތިގެންވެސް އުޅެވިދާނެ. އެހެން ނަމަވެސް އަޅުގަނޑުމެން ހަނދާން ކުރަން ޖެހެނީ ވެރިކަމަކީ ގަދަފަދަވަންތަ ﷲސުބްހާނަހޫވަތަޢާލާ ދެއްވާ އެއްޗެއް. އެ ވެރިކަން ހިމާޔަތް ކޮށްދެއްވާނީވެސް އަދި އެކަނލާންގެ އިރާދަކުރެއްވި ވަގުތެއްގައި އަނބުރާ ގެންދަވާނީވެސް އެކަނލާން. މިކަންކަމަށް އެކަނލާންގެ މެދުވެރި ކުރައްވާނެ ފަރާތްތަކެއް އަޅުގަނޑުމެން އިންސާނުންނަކަށް އެނގިގެން ނުވޭ. މީގެ ދެތިން ހާދިސާއެއް އަޅުގަނޑުމެންގެ ލޮލުންވެސް ވަނީ ފެނިފައި،" މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަގު ދަރިކަލުން ޣައްސާން ވިދާޅުވިއެވެ.

ކޯޓްތައް ތަޅުއަޅުވާ ސަތޭކަފޫޓަށްވެސް ކައިރިނުވެވޭނެއޭ ބުނެ ފައްސަތޭކަ އަހަރުންވެސް އެ ވެރިކަން ވައްޓާނުލެވޭނެއޭ ކިޔާ ފޮނިކަނޑާ އުޅެ ގައުމު ވިއްކާލަމުން ގެންދިޔަ އަނިޔާވެރި ވެރިކަން ނިމިދިޔައީ އަމިއްލަ އިހުތިޔާރުން. މިއާ ހިލާފަށް ވެރިކަމުގެ ދަހިވެތިކަމުގައި ރޭގަނޑުގެ ކަނުއަނދިރީގައި ސިއްރުސިއްރުން އަރާ ދިވެހި މިނިވަންކަމާ ދިމާއަށް އޮއްސަމުން ދިޔަ ދުޝްމަނުންގެ އުއްޑަތައް ދިޔަވަގުތު ދިވެހިންގެ ވެރިކަން ހިމާޔަތްކުރަން ﷲސުބްހާނަހޫވަތަޢާލާ މެދުވެރިކުރެއްވީ އެންމެ އޮނަވިހި އަހަރުގެ ކުއްޖެއް
މުހައްމަދު ޣައްސާން މައުމޫން | ގުރައިދޫ ދާއިރާގެ މެންބަރު

ޣައްސާން ވިދާޅުވީ ވެރިކަމެއް ގެއްލިގެން ހިނގައިދާނެ ގޮތުގެ ސާފު މިސާލެއް ދާދި ފަހުންވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ. ނޮވެންބަރު 11، 2008 އިން ފެބްރުއަރީ 7، 2012 އަށް ހިނގި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށް އިޝާރާތް ކުރައްވާ ޣައްސާން ވިދާޅުވީ އެ ވެރިކަމުގައި 500 އަހަރުންވެސް އެ ވެރިކަން ނުވެއްޓޭނެ ކަމަށް ބުނެ ބޮޑާ ބަސްތައް ބުނަމުން ދިޔަ ކަމަށެވެ. ނަމަވެސް ބާރުގަދަ ކަމަށް ބޭރަށް ދައްކައިގެން އުޅުނު ވެރިކަން ނިމިގެން ދިޔައީ އަމިއްލަ އިހުތިޔާރުގައި ކަމަށެވެ.

"ކޯޓްތައް ތަޅުއަޅުވާ ސަތޭކަފޫޓަށްވެސް ކައިރިނުވެވޭނެއޭ ބުނެ ފައްސަތޭކަ އަހަރުންވެސް އެ ވެރިކަން ވައްޓާނުލެވޭނެއޭ ކިޔާ ފޮނިކަނޑާ އުޅެ ގައުމު ވިއްކާލަމުން ގެންދިޔަ އަނިޔާވެރި ވެރިކަން ނިމިދިޔައީ އަމިއްލަ އިހުތިޔާރުން. މިއާ ހިލާފަށް ވެރިކަމުގެ ދަހިވެތިކަމުގައި ރޭގަނޑުގެ ކަނުއަނދިރީގައި ސިއްރުސިއްރުން އަރާ ދިވެހި މިނިވަންކަމާ ދިމާއަށް އޮއްސަމުން ދިޔަ ދުޝްމަނުންގެ އުއްޑަތައް ދިޔަވަގުތު ދިވެހިންގެ ވެރިކަން ހިމާޔަތްކުރަން ﷲސުބްހާނަހޫވަތަޢާލާ މެދުވެރިކުރެއްވީ އެންމެ އޮނަވިހި އަހަރުގެ ކުއްޖެއް،" ނޮވެންބަރު 3، 88 ގެ އުދުވާންގައި ޝަހީދުވި ގައުމީ ބަތަލް ޝަހީދު ހުސައިން އާދަމަށް އިޝާރާތް ކުރައްވާ ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ މި ސަރުކާރުވެސް މިހާރު މިސްރާބު ހުރީ އެފަދަ ގޮތަކަށް ކަމަށާ އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ ކަމަށެވެ. ގޯސްތަކާއި ދެކޮޅަށް ތެދުވަން ޖެހޭ ކަމަށާ ރައްޔިތުން އެކަމަށް އަޅާ ފުރަތަމަ ފިޔަވަޅަކީ ކައުންސިލް އިންތިހާބުގައި
މި "ނާގާބިލް" ސަރުކާރަށް ނޫނެކޭ ބުނުން ކަމަށް އޭނާ ވިދާޅުވިއެވެ.