ވިޔަފާރި

މުޅި ސްޓެލްކޯ އައިއެސްއޯ މިންގަނޑަށް ފައްތައިފި

Feb 7, 2021

ހިންގުމުގެ ދާއިރާގައި ދުނިޔޭގައި ދޭ އެންމެ މަތީ އެއް ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ކަމަށްވާ "9001:2015" ސްޓެލްކޯއިން ހާސިލްކޮށްފި އެވެ.

ސްޓެލްކޯ އިން ބުނީ އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް 9001:2015 ސަޓިފިކޭޝަން އެ ކުންފުނިން ހާސިލްކޮށްފައިވާ ކަމަށެވެ.

އައިއެސްއޯ މިންގަނޑުތަކަކީ ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ރަނގަޅު އަދި އެއް ފެންވަރެއްގައި ހިފެހެއްޓިފައިވާ ހިދުމަތްތަކެއް ތޯ ބަލާނެ ގޮތް ކަނޑައެޅުމުގެ ގޮތުން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކެކެވެ.

އައިއެސްއޯ ސްޓެންޑެޑަށް ސަޓިފައިކޮށްދެނީ އެ ކުންފުންޏަކީ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގައި ފުރިހަމަވާންޖެހޭ ހުރިހާ މިންގަނޑަކަށް ތަބާވެ، އެ މިންގަނޑުތަކަށް އަމަލު ކުރަމުންދާކަން ޔަގީންކޮށްދެވޭ ކުންފުންޏަކަށް ވުމުންނެވެ.

މި ސެޓްފިކެޓް ލިބުމާއެކު ސްޓެލްކޯ ވެފައިވަނީ މި ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރެއިން މުޅި ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކާއި ޕްރޮސެސްތައް އަދި ހިދުމަތްތައް ސެޓިފައިވީ ފުރަތަމަ ދިވެހި ކުންފުންޏަށެވެ.

މި ސިސްޓަމަށް ސްޓެލްކޯ ސާޓިފައިކޮށްދީފައިވަނީ އިނގިރޭސިވިލާތުގެ އައިއެސްއޯ ކުއަލިޓީ ސާވިސަސް ލިމިޓެޑުންނެވެ. މި ސްޓޭންޑަޑަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ސްޓޭންޑެޑްކަން ފާހަގަކޮށްލެވެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުއުނީ ވިދާޅުވީ ކުންފުނީގެ ހިންގުމުގެ ފެންވަރު އައިއެސްއޯ ސްޓޭންޑެޑަށް ގެނެވުމަކީ ހާސިލް ކުރެވުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި އެކަމުން ދޭހަވަނީ ސްޓެލްކޯގެ ހިންގުން ހަރުދަނާކުރެވި ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް ބައިނަލްއަގުވާމީ ފެންވަރަށް ގެންދެވިފައިވުމުން ކަމަށެވެ.

"ވަރަށް ބޮޑު ކާމިޔާބީއެއް އަޅުގަނޑުމެން މި ހޯދީ. ހާއްސަކޮށް، މުޅި ކުންފުނީގެ ހުރިހާކަމެއް، ކުންފުނީގެ އެތެރޭގައި ގެންގުޅޭ އުސޫލުތަކާއި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ގެންގުޅޭ މިންގަނޑުތަކާއި އަދި މި ނޫނަސް މުޅި ކުންފުނި އެކީ އެކައްޗަކަށް މުޅި ދުނިޔެ ބަލައިގަންނަ ބައިނަލްއަގުވާމީ ސްޓެންޑެޑަކަށް ގެންދެވުމަކީ އަޅުގަނޑުމެން އެންމެން ފަހުރުވެރިވާން ޖެހޭ ވަރުގެ ބޮޑު ކާމިޔާބީއެއް" މުޣުނީ ވިދާޅުވި އެވެ.

މި ކުންފުނި އައިއެސްއޯ ސްޓެންޑެޑަށް ސަޓިފައި ކުރެވިފައިވާއިރު މި ކުންފުނިން ވަނީ ފާއިތުވެދިޔަ ދެ އަހަރުތެރޭ ފާހަގަކޮށްލެވޭ ގިނަ އެވޯޑް ތަކެއް ވެސް ހޯދާފަ އެވެ. އެގޮތުން 2019 ވަނަ އަހަރު ސީޖީ އެފޯޓްސް އެވޯޑާއި ޕަބްލިކް އެންޓަޕްރައިޒް އޮފް ދި އިޔާގެ އެވޯޑް ލިބިފައިވާއިރު 2020 ވަނަ އަހަރު ބައިނަލް އަގުވާމީ ދެ އެވޯޑް ކަމަށްވާ، އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސްގެ ޑުރީމް ކޮމްޕެނީސް ޓު ވޯކްފޯ އާއި ބެސްޓް އެމްޕްލޯޔާ ބްރޭންޑް ވެސް ލިބިފައިވެ އެވެ.