ބޮލީވުޑް

ފަވަދް ޚާން "އެއި ދިލްހޭ މުޝްކިލް" ޕްރޮމޯޓް ނުކުރާނެތަ؟

Oct 29, 2015

ޕާކިސްތާނުގެ އެކްޓަރުން އަންނަނީ ބޮލީވުޑްގެ ފިލްމުތައް ކުޅެގެން އިންޑިއާގައި ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ.

އެގޮތުން މިދިޔަ އަހަަރު ނިކުތް "ހޫބްސޫރަތް" އިން ބޮލީވުޑަށް ތައާރަފުވި ޕާކިސްތާނު އެކްޓަރު ފަވަދް ޚާން އަށް މަޝްހޫރު ޑައިރެކްޓަރުންގެ ފިލމުތަކުން ފުރުސަތު ލިބެމުން އަންނައިރު، މިހާރު ވެސް އަންނަނީ ކަރަން ޖޯހަރުގެ "ކަޕޫރު އެންޑް ސަންސް" އާއި "އެއި ދިލްހޭ މުޝްކިލް" ކުޅެމުންނެވެ.

ފަވަދް ޚާން އާއި މާހިރާ ޚާން ކުޅޭ ފިލްމުތައް ޕްރޮމޯޓްކުރުމުގެ ފުރުސަތު އެމީހުންނަށް ނުދޭނެ ކަމަށް އިންޑިޔާގެ ސިޔާސީ ޕާޓީ ޝިވް ސޭނާއިން ނިންމާފައިވާއިރު، ކަރަން ޖޯހަރުގެ "އެއި ދިލްހޭ މުޝްކިލް" ޕްރޮމޯޓްކުރުމަށް ފަވަދް މުމްބައިއަށް ނުގެންނަށް ފިލްމުގެ ޑައިރެކްޓަރު ކަރަން ޖޯހަރު ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

ޕާކިސްތާނުގެ އެއްވެސް އެކްޓަރަކަށް އަދި ޕާފޯމްކުރާ މީހަކަށް މަހާރާޝްތުރާގެ ބިމުގައި ފައި ވެސް ޖައްސާލުމުގެ ހުއްދަ ނުދޭނެ ކަމަށް މިދިޔަ ހަފްތާގައި ޝިވް ސޭނާއިން ބުނެފައިވާތީ އެކަމުގެ ސަބަބުން އެއްވެސް ނުރައްކަލެއް ޕާކިސްތާނުގެ ތަރި ފަވަދް އަށް ލިބެން ކަރަން ނޭދޭތީވެ، އެފިލްމުގެ މުމްބައި ޕްރޮމޯޝަންތަކުގައި އޭނާ ނުހިމަނަން ކަރަން ނިންމީ ކަމަށްވެ އެވެ.

އަދި މީގެކުރިން މުމްބައި އަށް ކަރަން ބޮމްބޭ ކިޔައިގެން ވާހަކަދައްކާފައިވާތީ އެކަމާ ޝިވް ސޭނާއިން ރަތަށް އަރައި، ބޮޑު ކަންތައް ގަނޑަކަށް އެކަން ހަދާލާފައިވާއިރު އަނެއްކާވެސް އެމީހުންނާއި ޖެހި ފިލްމުގެ ވިޔަފާރިއަށް އެކަމުން އެއްވެސް އަސަރެއްކުރާކަށް ކަރަން އެއް ނޭދެ އެވެ.

މީގެއިތުރުން ޝާހްރުކް ޚާންއާއެކު މާހިރާ "ރައީސް"ގެ ބައެއް މަންޒަރުތައް މުމްބައިގައި މިހާރު ނަގާފައިވާއިރު، ބާކީ ހުރި މަންޒަރުތައް ދުބާއީގައި ނުވަތަ އިންޑިއާގެ އެހެން ކޮންމެވެސް ހިސާބެއްގައި ނެގުމަށް މިފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ފަރްހާން އަޚްތަރާއި ރިތޭޝް ސިދްވާނީ އަންނަނީ ވިސްނަމުންނެވެ.