ކުޅިވަރު

ރެއިނާ އާއި އިބްރޮހިމޮވިޗަށް ހާއްސަ އަދަދުތަކެއް

މިލާންގެ ފޯވަޑް ޒްލަޓާން އިބްރޮހިމޮވިޗް ކްރޮޓޯނޭ ކޮޅަށް ކާމިޔާބު ކުރި ދެ ލަނޑާއެކު، އޭނާގެ ކުލަބު ކެރިއާގެ ގޯލް 500 ލަނޑާ ހަމައަށް ގެންގޮސްފި އެވެ.

އުމުރުން 39 އަހަރުގެ ފޯވަޑް އޭނާގެ 500 ވަނަ ލަނޑު ކާމިޔާބު ކުރީ ރަފޭލް ލިއޯ ތަނަވަސް ކޯށްދިން ފުރުސަތަކުންނެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 30 ވަނަ މިނެޓްގަ އެވެ. އިބްރޮހިމޮވިޗްގެ 501 ވަނަ ގޯލަކީ މިހާތަަނަށް އޭނާ ޖެހި އެންމެ ފަސޭހަ ލަނޑެވެ. ތިއޯ ހެނާންޑޭޒް ނަގައިދިން ބޯޅަ އިބްރޮހިމޮވިޗް ގޯލަށް ފޮނުވާލީ އޭނާގެ ފައި ބޯޅަ ކޮށްޕާލައިގެންނެވެ. އެ ގޯލް ޖަހަން ހަށިގަނޑުގެ އެއްވެސް ވަރަކަށް އޭނާ މޫވް ކޮށްފަ އެއް ނުވެ އެވެ. މިލާން، 4-0 ން މޮޅުވި މެޗގައި އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ރަފޭލް ލިއޯ އެވެ.

އިބްރޮހިމޮވިޗް ކުލަބު ކެރިއާގައި އޭނާ އެންމެ ގިނަ ލަނޑު ކާމިޔާބު ކުރީ ޕީއެސްޖީގަ އެވެ. އެ ކުލަބަށް އޭނާ ވަނީ 156 ލަނޑު ޖަހައި ދީފަ އެވެ. އޭސީ މިލާނަށް 83 ލަނޑެވެ. އިންޓަ މިލާނަށް 66 ލަނޑެވެ. އެމެރިކާގެ ލޮސްއެންޖެލިސް ގެލްކްސީ އށް 53 ލަނޑު، އަޔެކްސް އަށް 48 ލަނޑު، މެންޗެސްޓާ ޔުނައިޓެޑަށް 29 ލަނޑު، ޔުވެންޓަސް އަށް 26 ލަނޑު ބާސެލޯނާއަށް 22 ލަނޑު އަދި އަމިއްލަ ގައުމުގެ މަލަމޯ އެފްސީ އަށް 18 ލަނޑު އޭނާ ވަނީ ޖަހާފަ އެވެެ.

ލެޖެންޑަރީ ކީޕަރު ޕެޕޭ ރެއިނާ ވެސް ވަނީ އޭނާގެ ކެރިއާގައި ހާއްސަ އަދަދަކަށް ވާސިލު ވެފަ އެވެ. ކަލިއަރީ ދެކޮޅަށް ލާޒިއޯ ކުޅުނު މެޗުގައި އަނގި އަޅައިގެން ގޯލް ބަލަހައްޓަން ނުކުތް މެޗަކީ ރެއިނާ ޔޫރަޕްގެ ގަދަ ފަސް ލީގްގައި ކުޅުނު 600 ވަނަ ލީގް މެޗެވެ. މެޗު ލާޒިއޯ ކާމިޔާބު ކުރީ އިމްމޯބިލޭ ޖެހި ލަނޑުން 1-0 ންނެވެ.

ރެއިނާގެ 21 އަހަރުވީ ކެރިއާގައި އޭނާ ވަނީ ޔޫރަޕްގެ ގަދަ ފަސް ލީގްގެ އަށް ކުލަބަކަށް ކުޅެފަ އެވެ. އޭނާ އެންމެ ގިނަ މެޗު ކުޅުނީ ލިވަޕޫލަށެވެ. އެ ކުލަބަށް 285 ޕްރިމިއާ ލީގް މެޗު ކުޅުނެވެ. ނަޕޯލީ އަށް 141 މެޗު، ވިޔަރެއާލް އަށް 109 މެޗު، ބާސެލޯނާ އަށް 30 މެޗެވެ.

ރޭ ލާޒިއޯ އަށް ކުޅުނު މެޗަކީ ސޭރި އާ ގައި އެ ކުލަބަށް ކުޅުނު 15 ވަނަަ މެޗެވެ. އެސްޓަން ވިލާ 12 އަށް މެޗެވެ. އޭސީ މިލާން އަށް ފަސް މެޗެވެ. ބަޔާން އަށް ތިން މެޗު ކުޅުނެވެ.

ޕްރިމިއާ ލީގްގައި އޭނާ ވަނީ 297 މެޗު ކުޅެފަ އެވެ. ސެރީ އާ އަށް 161 މެޗު ކުޅެފަ އެވެ. ލަލީގާގައި 139 މެޗު އަދި ބުންޑެސް ލީގާގައި ތިން މެޗު ކުޅުނެވެ.