ވިޔަފާރި

ވިޔަފާރީގެ ހިދުމަތްތައް އަންނަ މަހުން ފެށިގެން އޮންލައިކޮށް ފަށަނީ

Feb 8, 2021
1

އިކޮނޮމިކް މިނިސްޓްރީން ދޭ ވިޔަފާރި ރަޖިސްޓްރީ ކުރުމާ، ވިޔަފާރިއާ ގުޅުންހުރި ގިނަ ހިދުމަތް ތަކެއް އަންނަ މަހުން ފެށިގެން ދާއިމީކޮށް އޮންލައިންކޮށް ދޭން ފަށާނެ ކަމަށް ބުނެފި އެވެ.

ރަޖިސްޓްރާ އޮފް ކޮމްޕެނީ މަރިޔަމް ވިސާމް ވިދާޅުވީ އަވަސް އަށް މިއަދު ވިޔަފާރި ރަޖިސްޓްރީ ކުރުމާ ވިޔަފާރިއާ ހުރި ހިދުމަތްތައް އަންނަ މަހުން ފެށިގެން ދާއިމީކޮށް އޮންލައިންކޮށް ދޭން ފަށާނެ ކަމަށާ، މި ހިދުމަތްތައް އޮންލައިންކޮށް ފެށުމުގެ ގޮތުން މި މަހު ތެރޭގައި ހޭލުންތެރިކުރުވުމުގެ މަސައްކަތް ތަކެއް ފަށާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އަންނަ މަހު މި ހިދުމަތް އޮންލައިންކޮށް ފަށައި އެޕްރީލް މަހުން ފެށިގެން ހިދުމަތް ފުރިހަމަ ވެގެންދާއިރު ހިދުމަތްދޭނީ އީ ބިޒްނަސް ޕޯޓަލް އިން ކަމަށެވެ.

"އޮންލައިންކޮށް ހިދުމަތަށް ފައިސާ ދައްކަން ޖެހޭނީ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް. އޮންލައިންކޮށް ހިދުމަތަށް އެދުމާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ކޯލް ސެންޓަރަށް ގުޅޭނެ،" ވިސާމް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވިޔަފާރި ރަޖިސްޓްރީކުރުމާ ބެހޭ ބައެއް ހިދުމަތްތައް ވަގުތީ ގޮތުން އޮންލައިންކޮށް ފަށާފަ އެވެ. އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިއަދުން ފެށިގެން 36 ހިދުމަތް ތަކެއް އޮންލައިންކޮށް ދޭނެ އެވެ.