ރާއްޖޭގައި ރަޖިސްޓްރީ ކުރި ފޮރިން އިންވެސްޓްމަންޓްތަކުން ފީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބިފައިވަނީ 1.5 މިލިއަން ރުފިޔާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މީރާއިން އާއްމު ކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ފޮރިން އިންވެސްޓްމަންޓް އެޑްމިނިޓްރޭޝަން ފީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 1.5 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރު ލިބިފައިވަނީ 1.2 މިލިއަން ރުފިޔާ އެވެ. އަދި މިފަދަ އިންވެސްޓްމަންޓްތައް ރަޖިސްޓްރީ ކޮށްގެން މިދިޔަ މަހު ލިބިފައިވަނީ 77,100 ރުފިޔާ އެވެ.
ރާއްޖޭގައި ކޮންމެ އަހަރު ވެސް ގިނަ އަދަދެއްގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ރަޖިސްޓްރީ ކުރެ އެވެ. ނަމަވެސް މި ފޮރިން އިންވެސްޓްމަންޓުތަކުގެ ބޮޑު ބަޔަކީ ރާއްޖޭގެ ޓޫރިޒަމް ސެކްޓާގައި އަމިއްލަ ފަރާތްތަކާ ގުޅިގެން އިންވެސްޓް ކުރާ ފަރާތް ތަކެވެ. މީގެ އިތުރުން ދިވެހިންނާ ގުޅިގެން ރާއްޖޭގެ ކޮންޓްރަކްޝަން ސިނާއަތުގައި ބޭރުގެ ކުންފުނިތަކުން އިންވެސްޓް ކުރެ އެވެ.
ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ރަޖިސްޓްރީ ކުރާތާ ހަ މަހާއި އެއް އަހަރާ ދެމެދު އެ ވިޔަފާރިއެއްގެ މަސައްކަތް ފެށި ރިއަލައިޒް ވާން ނަގާ ކަމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވަނީ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި ބޭރުގެ އިންވެސްޓްމަންޓްތައް ރަޖިސްޓްރީ ކުރާ އަދަދު އިތުރު ކުރުމުގެ ގޮތުން ރާއްޖޭގައި ހުރި އިންވެސްމަންޓްތަކާ ގުޅުންހުރި ގާނޫނުތައް ބަދަލު ކުރުމާއި ރާއްޖެއަކީ ވިޔަފާރިއަށް ފަސޭހަ ގައުމަކަށް ހަދަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ މި ފަހުގެ ތާރީހުގައި ފޮރިން އިންވެސްޓްމަންޓް އެންމެ ބޮޑަށް އިތުރުވެފައިވަނީ 2016 ވަނަ އަހަރު އެވެ. އެ އަހަރު 1.6 ބިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމަންޓް ރާއްޖޭގައި ކުރި އެވެ. އެއީ 2015 ވަނަ އަހަރާ އަޅާ ބަލާއިރު 300 މިލިއަން ޑޮލަރުގެ އިތުރު ވުމެކެވެ.