އެމެރިކާގެ ޕްރިމިއާ ސްޕޯޓްސް، ސުޕަ ބޯލް (އެމެރިކަން ފުޓްބޯލް) ގެ ވިންސް ލަމްބާޑީ މުބާރާތުގައި ކަންސަސް ސިޓީ ޗީފްސްގެ މައްޗަށް 31-9 ން މޮޅުވެ، ޓޮމް ބްރޭޑީގެ ބޮޑު ހިއްސާ އާއެކު ޓަމްޕާބޭ ބަކްނިއާސް ކާމިޔާބު ކޮށްފި އެވެ.
ބަކްނިއާސް އާއެކު ބްރޭޑީ، 43 ހޯދި ކާމިޔާބަކީ ސުޕަ ބޯލްގެ ވިންސް ލަމްބާޑީ ޓްރޮފީ އޭނާ ހޯދި ހަތް ވަނަ މޮޅެވެ. އެ މޯޅާއެކު އޭނާ ވެފައި ވަނީ ސުޕަ ބޯލް ކާމިޔާބު ކުރި އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަން ކަންސަސް ސިޓީގެ މައްޗަށް ބަކްނިއާސްގެ އަމިއްލަ ދަނޑު ރޭމޮންޑް ޖޭމްސް ސްޓޭޑިއަމްގައި ހޯދި ކާމިޔާބާ އެކު އެ ޓީމު ވެފައި ވަނީ، އަމިއްލަ ދަނޑުގައި ސުޕަ ބޯލް ތަށި ހޯދި ފުރަތަމަ ޓީމަށެވެ.
"އަހަރެން މި ކާމިޔާބު އެއްވެސް އެޗަކާ އަޅުވައެއް ނުކިޔަން،" މި ކާމިޔާބު އޭނާ ރޭންކު ކުރާނީ ކޮން ލެވަލެއްގައިތޯ ސުވާލު ކުރުމުން ބްރޭޑީ ބުންޏެވެ. "އަހަރެން މި ޓީމާއެކު ހޭދަ ކޮށް މި ކާމިޔާބު މި ޓީމާއެކު ހޯދުމަކީ ބޮޑު ޝަރަފެއް. މި ޓީމަކީ ދުނިޔޭގެ ޗެމްޕިއަނެއް އެކަން އަބަދުވެސް އެގޮތުގައި އޮންނާނެ."
ބްރޭޑީ އަކީ ސުޕާ ބޯލްގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އެވެ. ހަތް ވަނަ ފަހަރަށް ތަށި ހޯދުމުން އެންއެފްލްގެ އެހެން ޓީމަކަށް ވުރެ ގިނަ ތަށި އޭނާ އަށް ލިބުނީ އެވެ. އޭނާ ކުރިން ކުޅުނު ނިއު އިންގްލެންޑް ޕޭޓްރިއޮޓްސް އަދި ޕީޓާސްބާގް ސްޓީލާސްއަށްވެސް ހޯދުނީ ކޮންމެ ޓީމަކަށް ހަ ތައްޓެވެ.