މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި މިހާރުގެ އެކްޓިން މެނޭޖަރު އަލީ އިކްރާމްގެ ދެ މައްސަލައެއް މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސް (އެސްއޯއީ) ކޮމެޓީން ބަލަން ނިންމައިފި އެވެ.
މޯލްޑިވް ގޭސްއަށް އޮކްސިޖަން ސިލިންޑަރު ސަޕްލައިކުރި ފަރާތުގެ ހަރަދުގައި އިކްރާމް ސިންގަޕޫރަށް ދަތުރު ކުރަވާއްފައިވާ ކަމަށް ކުރާ ތުހުމަތުތަކުގެ މައްސަލަ ބަލަން އެ ކޮމެޓީއަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.
މޯލްޑިވް ގޭހުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުތަކާ ގުޅިގެން އޭނާ މިހާރު ވެސް ހުންނެވީ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ. އަދި މޯލްޑިވް ގޭސްގެ މައި ކުންފުނި އެސްޓީއޯއިން ދަނީ އެ މައްސަލަ މިހާާރު ވެސް ބަލަމުންނެވެ.
މިއަދުގެ ކޮމެޓީގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެދިވަޑައިގަތީ އިކްރާމަށް ތުހުމަތު އޮތް ކޮރަޕްޝަންގެ މައްސަލައާއެކު ޖިންސީ ފުރައްސާރައިގެ މައްސަލަ ވެސް ބަލާށެވެ. އަދި އޭނާ އެދިވަޑައިގަތުމަށް އެ ދެ މައްސަލަ ބަލަން ކޮމެޓީން މިއަދު ފާސްކުރި އެވެ.
އެ ކޮމެޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ އިކްރާމްގެ ސިންގަޕޫރު ދަތުރާ ގުޅޭ މައްސަލައިގެ ހުރިހާ ލިޔެކިޔުމެއް ހޯދަން މިހާރު ބެލެނިވެރި ކުންފުނި، އެސްޓީއޯގައި އެދިފައިވާ ކަމަށެވެ. މީގެ ކުރިން އެސްޓީއޯއަށް ފޮނުވި ސިޓީއަށް ފުރިހަމަ މައުލޫމާތު ނުލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.
"އެކަމާ ގުޅޭ ހުރިހާ ލިޔުންތަކެއް ފޮނުވާށޭ! އޮޑިޓް ރިޕޯޓެއް އޮތިއްޔާ ނުވަތަ އިންވެސްޓިގޭޓިވް ރިޕޯޓެއް އޮތިއްޔާ އެ ހުރިހާ މައުލޫމާަތެއް ހޯދަން އަލުން ސިޓީ މި ފޮނުވީ" އިލްޔާސް ލަބީބް ވިދާޅުވި އެވެ.
އޭނާގހެ ވާހަކަތަަކަށް ތާއީދު ކުރައްވައި މެމްބަރު ބޮނޑޭ ވެސް ވިދާޅުވީ އެ ކޮމެޓީއަށް މިހާރު ލިބިފައި ހުރި މައުލޫމާތުތަކަކީ ޓިކެޓުތަކުގެ ކޮޕީއާއި ރިސިޓްތަކެއް ކަމަށާއި އެހެންކަމުން މައުލޫމާތު ފުރިހަމައަށް ނުލިބޭހާ ހިނދަކު އެ މައްސަލަ ކޮމެޓީއަށް ބެލޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އިކްރާމްގެ ދަތުރާ ގުޅޭ ފުރިހަމަ މައުލޫމާތު ލިބުމުން އެ މައްސަލަ ކޮމެޓީން ބަލަން އެޖެންޑާ ކުރާނެކަމަށް ލަބީބް ވިދާޅުވި އެވެ. އިކްރާމްގެ މައްސަލަ ބަލަން ނިންމިއިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި ޝަޒައިލް ޝިޔާމްގެ މައްސަލައެއް ބަލަމުން ދާތީ އޭނާވެސް މިވަގުތު ހުންނެވީ ސަސްޕެންޝަންގަ އެވެ.