ގައްދޫ

ފިރުޝާން އަދިވެސް އޮތީ އައިސީޔޫގައި

ފާރެއް ދަށުވެ ބޮޑެތި ޒަހަމްތަކެއްވި ގދ. ގައްދޫ ކުޑަ ކުއްޖާ އަދިވެސް އޮތީ އައިސީޔޫގައި ކަަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

އުމުރުން 17 އަހަރުގެ މުހައްމަދު ފިރުޝާނަށް ލިބުނު ޒަހަމްތަކަށް މިހާރު ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ. އަދި ނޭވާލަމުންދަނީ ވެންޓިލޭޓަރުގެ އެހީގަ އެވެ. ކުރިން ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ފިރުޝާން މާލެ ގެނައީ އިއްޔެ ފަތިހު އެވެ.

ފިރުޝާންގެ ފައިގެ ފަލަމަސް ގަނޑާ ދިމާއިންނާއި ކަށިމަތި ބިންދައިގެން ގޮސް އޭނާގެ އެއް ފައިގެ ފުންނާބު ވެސް އޮތީ ވަރަށް ބޮޑަށް ޗިސްވެފައެވެ. ތިނަދޫ ހޮސްޕިޓަލްގައި އޭނާގެ ކަށީގެ އޮޕަރޭޝަނެއް ކުރިއިރު އޭޑީކޭގައިވެސް ވަނީ ފަހުން ކަށީގެ އޮޕަރޭޝަނެއް ކޮށްފަ އެވެ.

އެ ހާދިސާގައި އޭނާގެ ބޮލަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

" މިހާރު ކުރިއަށްވުރެ ތަންކޮޅެއް ރަނގަޅު. ބޮލުންވެސް ހަރަކާތް ކުރޭ. ދެން ސިކުނޑިއަށް ލޭ އެޅިފައި ހުއްޓަސް ދެތިން ދުވަސް ފަހުން ބޮލުން ދުޅަ މަޑުވާނެކަމަށް ބެލެވޭ ކަމަށް ޑޮކްޓަރު ބުނީ. ސިކުނޑީގެ އޮޕަރޭޝަނެއް އަދި ކުރަން ހަމަޖެހިފައެއް ނެތް" ފިރުޝާންގެ އާއިލާގެ މެމްބަރަކު ވިދާޅުވި އެވެ.

ފިރުޝާން ފާރެއްގެ ދަށުވީ ގައްދޫ ކައިރީގައި އޮންނަ ލޮނުދުއަހުުއްޓާ ކިޔާ ރަށަކަށް ދަތުރު ގޮސް އުޅުމުގެ ތެރޭގަ އެވެ. އެ ހާދިސާގައި އެހެން ކުއްޖަކަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބުނެވެ. ނަމަވެސް އޭނާގެ ހާލު ރަނގަޅެވެ.

ލޮނުދުއަހުއްޓާއަކީ ކުރިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ފަށައި މަސައްކަތް ހުއްޓާލާފައި އޮތް ރަށެކެވެ. އަދި އެ ރަށުގައި ހުރި ގިނަ އިމާރާތްތައް މިހާރު ހުރީ ވީރާނާވާން ކައިރިވެފައި ވެއެވެ.

ފިރުޝާންއަށް އެހީވުމަށް އާއިލާއިން މިހާރު ވަނީ އެދިފައެވެ. އަދި ފިރުޝާންއަށް އެހީވާން ފޭކް ބޭންކް އެކައުންޓްތައް ހިމެނޭ ޕޯސްޓައް އުޅޭތީ އެހީ ދިނުމުގައި ސަމާލުވާންވެސް އާއިލާއިން ވަނީ އެދިފަ އެވެ.