ކުޅިވަރު

މަރުގެ އިންޒާރު ލިބުމުން ރެފްރީ ފަހަތަށް ޖެހިއްޖެ

އިނގިރޭސި މަޝްހޫރު ރެފްރީ މައިކް ޑީން އާއި އޭނާގެ އާއިލާއަށް މަރުގެ އިންޒާރު ލިބުމުން، ޕްރިމިއާ ލީގްގައި މި ހަފުތާ ކުޅޭ އެއްވެސް މެޗެއްގައި ރެފްރީކަން ނުކުރުމަށް އޭނާ ނިންމައިފި އެވެ.

އިނގިރޭސި މިޑީއާ ތަކުން ބުނެފައި ވަނީ، މައިކް ޑީން އަށް މަރުގެ އިންޒާރު އަންނަން ފެށީ، ސައުތުހެމްޓަން އާ ދެކޮޅަށް 9-0 ން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗުގައި ސައުތުހެމްޓަންގެ ޑިފެންޑަރު ޔާން ބެޑްނަރެކަށް ސުވާލު އުފެދޭ ގޮތަށް ރަތް ކާޑު ދެއްކުމުުގެ އިތުރަށް ހޮނިހިރު ދުވަހު ފުލަމް އާ ދެކޮޅަށް ވެސްޓްހަމް ޔުނައިޓެޑް ކުޅުނު މެޗުގައި ވެސްޓްހަމްގެ ތޯމަސް ޝޫޗެކް އަށް ދެއްކި ރަތްކާޑާ ގުޅިގެން ސަޕޯޓަރުން ހތްހަމަނުޖެހިގެން ކަމަށެވެ.

ބެޑްނަރެކްއަށް ރަތް ކާޑު ދެއްކި، ޔުނައިޓެޑްގެ އެންތޮނީ މާޝިއަލްއަށް ފައުލު ކުރުމުންނެވެ. ޝޫޗެކްއަށް ރަތްކާޑު ދެއްކީ ފުލަމްގެ ސްޓަިކަރު އެލެގްޒެންޑާ މިޓްރޮވިޗްގެ މޫނުގައި ޝޫޗެލް އޮޅަބޮށިން ޖެހުމުންނެވެ. ރަތް ކާޑާ ގުޅިގެން މައްސަލަ އިސްތިއުނާފް ކުރުމުން އޭނާ އަށް ވަނީ މައްސަލަ ކާމިޔާބު ވެފަ އެވެ.

ޕްރިމިއާ ލީގްގެ ރެފްރީންގެ ހެޑް މައިކް ރައިލީ ވަނީ، ޑީންއަށް މަރުގެ އިންޒާރު ލިބުމުން އެކަމާ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އޭނާ ބުނީ މަރުގެ އިންޒާރު ދިނުމާއި އެބިއުސް ކުރުމަކީ ނާތަހުޒީބު ކަމެއް ކަމަށެވެ. އަދި ޑިންގެ އާއިލާއަށް ލިބުނު އިންޒާރުގެ މައްސަލަ އޭނާ ފުލުހުންނަށް ހުށަހެޅުމުން އެކަމަށް ރައިލީ ވަނީ ތައުރީފް ކޮށްފަ އެވެ.

ލީގް މެޗެއްގައި މި ހަފުތާގައިި ރެފްރީކަން ނުކުރިނަމަވެސް، ބުަދަ ދުވަހު ލެސްޓާ ސިޓީ އާއި ބްރައިޓޮންހޯވް އެލްބިއޯން އެފްއޭ ކަޕްގައި ކުޅޭ މެޗުގައި ރެފްރީކަން ކުރާނެ އެވެ.