ވިޔަފާރި

ހުރިހާ ރަށެއްގައި އެސްޓީއޯއިން ބޭސް ފިހާރަ ހުޅުވައިފި

Oct 28, 2015
3

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭސް ފިހާރަ ހުޅުވުމަށް އެސްޓީއޯއިން ހިންގި ބިޔަ ބޮޑު މަޝްރޫއު، ކާމިޔާބު ކަމާއެކު މިއަދު ނިންމާލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާސަންދަ ލިބޭ ބޭސް ފިހާރަ ހުޅުވުމަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ވައުދެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިއަދު ވިދާޅުވީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭސް ފިހާރަ ހުޅުވުމަށް ކުރިއަށް ގެންދިޔަ މަޝްރޫއު ކާމިޔާބުކަމާއެކު މިއަދު ނިންމާލާއިރު ރާއްޖޭގައި 186 ބޭސް ފިހާރަ ހުންނާނެ ކަމަށެވެ.

"މިއަދު މި ހުޅުވަނީ ހއ.ތަކަންދޫ އާއި އުތީމްގައި. މި ރަށްރަށުގައި ބޭސް ފިހާރަ ހުޅުވުނީމަ އޭރުން 186 ފާމަސީ ހުންނާނެ،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަޝްހޫރަކީ ބޮޑު އަދި އެހާމެ ޗެލެންޖިން މަސައްކަތެއް ކަމަށެވެ.

"ވަރަަށް ޗެލެންޖިން ޕްރޮޖެކްޓެއް މިއީ. ވަރަށް ގިނަ ގޮންޖެހުންތަކާއެކު މި ނިމުނީ. ގާތްގަނޑަކަށް ނިމުނީ،" ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯއިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭސް ފިހާރަ އަޅާ ނިންމާލާފައިވާއިރު، މި މަޝްރޫއުގެ ދަށުން ހުޅުވާފައިވާ ބޭސް ފިހާރަތަކުން އާސަންދަ ލިބެ އެވެ.