އެސްޓީއޯ

ސެޓަޕިލްގެ އުފެއްދުންތައް އެސްޓީއޯއިން ބާޒާރަށް ނެރެފި

Nov 8, 2015
1

ހަމުގެ ޑޮކްޓަރުންގެ މަގުބޫލުކަން ހޯދާފައިވާ ގަލްޖޭމާގެ "ސެޓަޕިލް" ގެ ގިނަ އުފެއްދުން ތަކެއް އެސްޓީއޯ އިން މިއަދު ބާޒާރަށް ނެރެފި އެވެ.

"އެސްޓީއޯ ސުޕަމާޓްގައި" މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެޑިކަލް ސާވިސަސްގެ ޖެނެރަލް މެނޭޖަރު ހުސެއިން ސޮބާހު ވިދާޅުވީ މި އުފެއްދުންތަކީ ދުނިޔެ އާއި ރާއްޖޭގައި ވެސް މަގުބޫލު އުފެއްދުންތަކެއް ކަމަށެވެ.

"އަޅުގަނޑުމެން އަބަދު ވެސް ބަލަނީ ކޮލިޓީ ރަނގަޅު ޕްރޮޑަކްޓްތަކަށް ދެވޭތޯ،" ސޮބާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި މި ޕްރޮޑަކްޓް ރޭންޖަކީ ޑޮކްޓަރުންގެ ވެސް ވަރަށް މަގުބޫލު ޑޮކްޓަރެއް ކަމަށެވެ. މި އުފެއްދުމުގެ މައުލޫމާތު ޑޮކްޓަރުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ސޮބާހު ވިދާޅުވި އެވެ.

"މި ޕްރޮޑަކްޓްތަކުގެ އަސްލު ބޭނުން ހިފަން ޑޮކްޓަރުންނަށް ކިޔައި ދެވޭނެ،" ސޮބާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އުފެއްދުންތައް އެސްޓީއޯއިން ރާއްޖެއަށް ތައާރަފު ކުރުމުން އަގު ހެޔޮވެގެންދާނެ ކަމަށެވެ.

"މިސާލަކަށް މީގެ ބޮޑީ ވޮޝް އާއްމުކޮށް ވިއްކަނީ 400ރ. ވަރަށް. އެކަމަކު އަޅުގަނޑުމެން މި ވިއްކަނީ 315ރ. އަށް. އެވްރެޖުކޮށް 20 ޕަސެންޓުގެ ފްރައިސް ރިޑަކްޝަނެއް ހުންނާނެ،" ސޮބާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ މަގުސަދަކީ ސެޓަޕިލްގެ ފުލް ރޭންޖު ރާއްޖެއަށް ތައާރަފު ކުރުން ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ފުލް ރޭންޖު ރާއްޖެއަށް ގެނައުމަށް. ޖެނުއަރީ މަހު ބޭބީ ރޭންޖް ރާއްޖެއަށް ތައާރަފު ކުރުމަށް ވަނީ ހަމަޖެހިފައި،" ސޮބާހު ވިދާޅުވި އެވެ.

"ސެޓަޕިލް" ގެ އޮތޮރައިޒް ޑިސްރިބިއުޓާ، އެސްޓީއޯ އިން ވާހަކަ ދެއްކި ސޮބާހު ވިދާޅުވީ މި އުފެއްދުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ބޭސް ފިހާރަތަކަށް ފޯރުކޮށްދިނުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި ޕްރޮޑަކްޓްސްތައް ހޯލް ސޭލް ވެސް ރީޓެއިލް ވެސް ކުރާނެ. ފުރަތަމަ މި ފަށާނީ ރީޖަނަލް ފާމަސީތަކުން،" ސޮބާހު ވިދާޅުވި އެވެ.