ވިޔަފާރި

އެސްޓީއޯ ބޭސް ފިހާރަތަކާއެކު ބޮލުރިހުމަށް "ފަރުވާ"!

  • 186 ރަށުގައި ބޭސް ފިހާރަ ވަނީ ހުޅުވާފައި
  • 500 ވަޒީފާގެ ފުރުސަތު ހުޅުވުނު
  • ބޭސް ފިހާރަތަކުން އާސަންދަ ލިބޭނެ

"ކުރިން ބޭސް ލިޔެދިނީމަ ޖެހެނީ ބޭސް ހޯދަން ކައިރީގައި ރަށަކަށް ދާން ޖެހެނީ. ރަށަކުން ބޭހެއް ނުލިބޭ. ނަމަވެސް މިހާރު ފަސޭހަކަމާއެކު ބޭސް ލިބޭ. އެހެންވެ މިއީ ބޮޑު ފަސޭހައެއް،" އެސްޓީއޯ ފިހާރައެއް ހުޅުވާފައިވާ ގދ. މަޑަވެލީން ވާހަކަ ދެއްކި މުހައްމަދު އަހުމަދު ބުންޏެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެއްގެ ގޮތުގައި ފެށި މީހުން ދިރިއުޅޭ "ކޮންމެ ރަށެގައި ބޭސް ފިހާރައެއް" ހުޅުވުމުގެ މަސައްކަތުގެ ބިންގާ އެޅީ މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގަ އެވެ. މި މަސައްކަތް ފެށުމުގައި ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މުހިންމު ރޯލެއް އަދާ ކުރެއްވި އެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ރާއްޖެއަށް ބޭސް އެތެރެކުރާ، ސަރުކާރުގެ މައި ކުންފުނި އެސްޓީއޯ އަށެވެ.

މި މަސައްކަތުގެ ދަށުން ރާއްޖޭގެ 186 ރަށުގައި ބޭސް ފިހާރަ ހުޅުވަން ނިންމާފައިވާއިރު، އެ މަސައްކަތް އެސްޓީއޯއިން އިއްޔެ މިވަނީ ފުރިހަމަ ކޮށްފަ އެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވުމާއެކު އެސްޓީއޯ ވެގެން ގޮސްފައި މިވަނީ މިފަދަ ބޮޑު މަސައްކަތެއް ފުރިހަމަ ކުރި މަދު ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެކެވެ.

ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވާ ނިމުނުއިރު، މިކަން ވެގެން ގޮސްފައިވަނީ ރަށްރަށުގައި ދިރިއުޅޭ އާއްމުންނަށް ލިބުނު ބޮޑު ފަސޭހަ އަކަށެވެ. އެކަން ގިނަ ބަޔަކު ފާހަގަ ވެސް ކުރެ އެވެ.

އެސްޓީއޯ ބޭސް ފިހާރަ ހުޅުވާފައިވާ މ. ވޭވަށުން ވާހަކަ ދެއްކި، އައިމިނަތު މުހައްމަދު ބުނި ގޮތުގައި އެރަށުގައި ހުޅުވި ބޭސް ފިހާރައިގެ ސަބަބުން ލިބޭ ފަސޭހަ ވަރަށް ބޮޑެވެ.

"އެންމެ ބޮޑު ފަސޭހައަކީ ބޭސް ސިޓީއަށް އާސަންދައިގެން ބޭސް ލިބުން، ކުރިން ގިނަ ބޭހެއް ނުލިބޭ،" އައިމިނަތު ބުންޏެވެ.

"ޗެލެންޖިން ޓާސްކެއް، އެކަމަކު ކާމިޔާބު"

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވި ގޮތުގައި މި މަސައްކަތަކީ ބޮޑު މަސައްކަތެއް ކަމަށާއި، މިކަން ކާމިޔާބު ކަމާއެކު ނިންމުގައި މުވައްޒަފުންގެ ދައުރުވެސް ބޮޑު ކަމަށެވެ.

"މިއީ ވަރަށް ޗެލެންޖިން ޕްރޮޖެކްޓެއް. ވަރަށް ޗެލެންޖިން ޓާސްކެއް. ނަމަވެސް އިރާދަކުރެއްވިއްޔާ އެކަން މި ގާތްގަނޑަކަށް ނިމުނީ.އަޅުގަނޑަށް ހީވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި މިހެން ހިނގި ފުރަތަމަ މަޝްރޫއުހެން މިއީ،" ޝަހީރު ވިދާޅުވި އެވެ.

ބޭސް ފިހާރަތަކުން އުފެދުނު 500 ވަޒީފާގައި ދިވެހިން

އެސްޓީއޯ އިން މި މަޝްރޫއު ފެށުމާއެކު ސަރުކާރުން ވަނީ ފާމަސިސްޓުން ތަމްރީން ކުރުމުގެ މަސައްކަތް ވެސް ފަށާފަ އެވެ. ބޭނުމަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސް ކޮށްދިނުމެވެ. މި މަޝްރޫއުގެ ދަށުން ބޭސް ފިހާރަ ހުޅުވި 186 ރަށުގައި 500 އެއްހާ ވަޒީފާ ވަނީ އުފެދިފަ އެވެ. މި ވަޒީފާތަކުގައި ތިބީ ތަމްރީން ވެފައި ތިބި ދިވެހިންނެވެ. އެގޮތުން ގިނައީ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންނެވެ.

އެމްޑީ ޝަހީރު ވިދާޅުވީ ފާމަސީތަކުން ގިނަ އަދަދެއްގެ ވަޒީފާ އުފެދިގެން ގޮސްފައިވާ ކަމަށެވެ.

"ވަރަށް ގިނަ ވަޒީފާގެ ފުރުސަތުތަކެއް މިވަނީ އުފެދިގެން ގޮސްފައި،" ޝަހީރު ވިދާޅުވި އެވެ.

ބޭސް ފިހާރަ ހުޅުވުމަކުން ނުުނިމޭ؟

ރާއްޖެ ސިއްހީ ނިޒާމުގައި ބޭނުންވާ ބޭސް ނުލިބުމަކީ ބޮޑު ބައްޔެވެ. މި "ބަލި" އެސްޓީއޯއިން ރަށްރަށުގައި ހުޅުވި ބޭސް ފިހާރަތަކަށްވެސް ބޮޑުވާނެ ކަމަށް ބެލެވެ އެވެ. މިކަން ވެގެންދާނީ އެ ކުންފުންޏަށް އެންމެ ބޮޑު ގޮންޖެހުމަކަށެވެ. ސަބަބަކީ ރާއްޖޭގައި ދަތުރު ފަތުރުގެ ދަތިކަން ހުރި ގޮތުން 186 ރަށަށް ބޭސް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުމެވެ.

އެމްޑީ ޝަހީރު ވިދާޅުވި ގޮތުގައި ފިހާރަތަކުން ބޭސް ހުސްވިޔަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ އެވެ.

"މިހަމަ ހުޅުވީ. ދެން ޖެހޭނީ ހަމަޔަކަށް އަޅުވަން. މިއީ ކުޑަ ކަމެއް ނޫން. އަޅުގަނޑުމެންގެ އިންނާނެ އިންޓަގްރޭޑެޑް ސޮފްޓްވެއާއެއް. ބޭސް ހުސްވިޔަ ނުދީ ބަލަމުން ދާނެ. އެކަމަށް ބޮޑު ޓީމެއް އޮންނާނެ. ބޭސް ސަޕްލައި ކުރާނެ ވަސީލަތް ވެސް ގާއިމް ވެއްޖެ. މިކަމަށް އިތުރު ގޯޑައުންވެސް ހެދިފައިވަނީ،" ޝަހީރު ވިދާޅުވި އެވެ.

ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވުމާއެކު ބޭސް ހޯދަން ކުރިން އުޅުނު ދަތިކަމަށް މިވަނީ ނިމުން އައިސްފަ އެވެ. އެކަމަށް މިވަނީ "ފަރުވާ" ލިބިފަ އެވެ. ނަމަވެސް މިކަމުގެ އެންމެ ބޮޑު އުފަލެއް ލިބޭނީ ރަށްރަށުން ބޭސް ހުސްނުވެ ލިބޭނެނަމަ އެވެ.