ލައިފްސްޓައިލް

ތުުރުކީ މީހެއްގެ 37 އަހަރުވީ އެކުވެރިޔަކީ ރާދަ އާސްދޫންޏެއް

ބައެއް މީހުންނަށް ވަރަށް އާދަޔާހިލާފު އެކުވެރިން ލިބެ އެވެ. ތުރުކީގެ މި މީހާގެ އެކުވެރިޔާ ވެސް ވަރަށް ތަފާތެވެ. ރިޖެޕް މިރްޒާން ނަމަކަށް ކިޔާ މި މީހާއަކީ ޕޯސްޓްމޭނެއްގެ ގޮތުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކޮށް ރިޓަޔާ ވެފައިވާ މީހެކެވެ. އޭނާއަށް ގަރިޕް ނަމަކަށް ކިޔާ ރާދަ އަސްދޫނި (ސްވޯން) އާ ބައްދަލުވީ މީގެ 37 އަހަރު ކުރިންނެވެ. އެއީ ތުރުކީގެ އެޑާނޭ ޕްރޮވިންސަށް މިރްޒާން އާއި އޭނާގެ އެކުވެރިންތަކެއް ކާރުގައި ކުރި ދަތުރެއްގަ އެވެ.

އެމީހުން ކާރުގައި ޝޯޓްކަޓެއް ނަގައިގެން ދަނޑެއްގެ ތެރެއިން ލާފައި ދަނިކޮށް ދަނޑުތެރެއަށް ވެއްޓީފައި އޮތް ރާދަ އަސްދޫންޏެއް ފެނުނެވެ. އޭރު އެސޮރު އޮތީ ފިޔަގަނޑު ބިނދި ވަރަށް ބޮޑަށް ޒަހަމް ވެފަ އެވެ.

މިރްޒާން ކާރުން ފައިބައިގެން ވަގުތުން ގޮސް އެ ރާދަ އަސްދޫނި ނަގައިގެން ގެނެސް ކާރަށް ލިއެވެ. އެއީ ޖަނަވާރެއްގެ ޝިކާރައަކަށް އެ އަސްދޫނި ވެދާނެ ކަމުގެ ބިރު އޮތީމަ އެވެ.

އެތައް ގަޑިއިރަކު އެ އަސްދޫނި ކާރުތެރޭގައި އޮތެވެ. އެންމެ ފަހުން މިރްޒާން އޭނާގެ ގެޔަށް އަސްދޫނި ގެންގޮސް އެސޮރަށް ފަރުވާކޮށް އޭގެ ފިޔަގަނޑު ވެސް މުޅިން ފަސޭހަވި އެވެ.

އޭގެ ފަހުން ގަރިޕް ދިރިއުޅެމުންދަނީ ގްރީސްގެ ބޯޑަރުގައި އޮންނަ ގަރާޖަކް ރީޖަންގައި އޮންނަ މިރްޒާންގެ ދަނޑެއްގައި އޭނާއާއެކުގަ އެވެ.
ގަރިޕްގެ ކޮށިން އޭނާ ނެރެ ދޫކޮށްލާފައި ހުންނަ ހުރިވާ ވަގުތެއްގައި ގަރިޕް މިރްޒާން ފަހަތުން ނުނައްޓަ އެވެ. އޭނާ ދާހާ ތާކަށް ފަހަތުން ގޮސް ކޮންމެ މަސައްކަތެއް ކުރިޔަސް އެ މަސައްކަތެއް ކުރާ ތަނެއްގައި އެ ސޮރު އިނދެ އެވެ. އަދި ހަވީރު ފިނި ޖެހުމުން މިރްޒާން އާއެކު ގަރިޕް ހިނގާލަން ވެސް ގޮސް އުޅެ އެވެ.

މިރްޒާން ބުނި ގޮތުގައި އޭނައަކީ ޖަނަވާރު ދެކެ ވަރަށް ލޯބިވާ މީހެކެވެ. އެހެންވެ މި ރާދަ އަސްދޫނިވެސް ފިޔަބިންދައިގެން ގޮސް ވެއްޓިފައި އޮއްވާ ފެނުމުން ދޫކޮށްލާފައި އަންނަން ނުކެރިގެން ގެއަށް ގެނައީ އެވެ. އެތާ އެ ސޮރު އޮތްގޮތަށް އޮތްނަމަ ހިޔަޅެއް ފަދަ ޖަނަވާރެއް އެސޮރު ޝިކާރަކުރާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް މިރްޒާން ބުންޏެވެ.

މިރްޒާން ބުނި ގޮތުގައި މިހާރު އޭނާ އާއި ގަރިޕް ވަނީ އެކަކު އަނެކަކަށް އާދަވެފަ އެވެ. ގަރިޕް ސަލާމަތްކޮށްގެން ގެނައި ފަހުން މިފާއިތުވީ 37 އަހަރު ތެރޭގައި އޭނާއާއި ގަރިޕް ދުވަހަކުވެސް ވަކިވެފައި ނުވާ ކަމަށް ވެސް މިރްޒާން ބުންޏެވެ.

ގަރިޕް މި ނަމަކީ ވެސް މިރްޒާން ދިން ނަމަކެވެ. ތުރުކީ ބަހުން ގަރިޕްގެ މާނައަކީ "އަޖައިބު" އެވެ. އަދި ނަސީބު ދެރަ މީހުންނަށް ވެސް މި ބަސް ބޭނުންކުރާ ކަމަށް މިރްޒާން ބުންޏެވެ.

އެ ހިސާބުގައި އުޅޭ ބުޅާތަކާއި ކުއްތާތަކަކީ ވެސް ގަރިޕްގެ އެކުވެރިންނެވެ. ނަމަވެސް ގިނަ ވަގުތު ގަރިޕް ހޭދަކުރަނީ އޭނާއަށް ތައްޔާރުކޮށްފައިވާ ކޮށީގެ ތެރޭގަ އެވެ. ކޮންމެހެން އެތަނުން ފިލައިގެން ދާކަށް ގަރިޕް އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

އަނބިމީހާ މަރުވެ އަދި ދަރިއެއްވެސް ދުވަހަކުވެސް ލިބިފައި ނެތް 63 އަހަރުގެ މިރްޒާން ބުނި ގޮތުގައި ގަރިޕް އަކީ އޭނާއަށް ވަރަށް ވަފާތެރި އެކުވެރިއެކެވެ. ދުވަހަކުވެސް އޭނާ ދޫކޮށްލާފައި ދިއުމުގެ ވިސްނުމެއް ގަރިޕް ގެންގުޅެފައެއް ނެތެވެ. އެހެންވެ މިރްޒާން ދެކެނީ ގަރިޕް އަކީ އޭނާގެ އަމިއްލަ ދަރިއެއް ކަމަށެވެ.

މިރްޒާން އާއެކު ދިރިއުޅުމުގެ ފުރުސަތު ލިބުމަކީ ހަގީގަތުގައި ގަރިޕްގެ ސިއްހަތު ރަނގަޅުވެ ގިނަ އެ ސޮރަށް ދުނިޔޭގައި ހުރެވުމަށް ދިމާވި ސަބަބެކެވެ.

އިނގިރޭސި ވިލާތުގައި ހުންނަ ސްވޯން ސެންކްޗުއަރީން ބުނެފައިވާ ގޮތުގައި ޖަންގަލި ތެރޭގައި އުޅޭ ރާދަ އަސްދޫންޏެއްގެ އެވްރެޖް އުމުރަކީ 12 އަހަރެވެ. އަދި ރައްކާތެރި މާހައުލެއްގައި ހިމާޔަތްކޮށްގެން ގެންގުޅޭ މި ވައްތަރު އަސްދޫނި ވެސް 30 ވަރަކަށް އަހަރަށް ވުރެ ގިނަ ދުވަހު ދުނިޔެއަށް ނުތިބޭ ކަމަށް އެ ސެންކްޗުއަރީގެ ރެކޯޑްތަކުން ދައްކަ އެވެ. ނަމަވެސް މިރްޒާން އާއެކު ގަރިޕް ދިރިއުޅޭތީ 37 އަހަރު ވެއްޖެ އެވެ. މިހާ ދިގު އުމުރަކަށް ގަރިޕް އަށް ދުނިޔޭގައި ހުރެވުނީ މިރްޒާންގެ ލޯތްބާއި އޯގާތެރިކަމުން ކަން ޔަގީނެވެ.