ލައިފްސްޓައިލް

ނިދީގައި އެއާޕޮޑް ދިރުވާލެވޭ މައްސަލަތައް!

އިންގްލެންޑްގެ ވޮސްޓާގައި ދިރިއުޅޭ ބްރެޑް ގައުތިއާއަށް އެއް ދުވަހަކު ހެނދުނު ހޭލެވުނުއިރު ގޭގެ ބޭރަށް ވަރަށް ގިނައިން ސްނޯ ފައިބައި ހުއްޓެވެ. އެހެންވެ އަވަހަށް ތެދުވެގެން ގޮސް ގަޑިއެއްހާއިރު ވަންދެން ސްނޯތައް ކަހައި އެއްފަރާތް ކުރުމުގައި އޭނާ އުޅުނެވެ. އަލުން އޭނާ ގޭތެރެއަށް އެނބުރި އައީ ފެންތައްޓެއް ބޯން ވެގެންނެވެ.

ނަމަވެސް އޭނާ ފެން ބޯން އުޅެ އުޅެ އެއްގޮތަކަށް ވެސް ފެންފޮދު އަރުތެރެއިން އެތެރެއަށް ދާ ގޮތެއް ނުވި އެވެ.

ކަރު ވަރަށް ބޮޑަށް މައްޗަށް ޖަހައިގެން އެތައް އިރަކު އޮވެގެން ފެންފޮދު އެތެރެ ވީ ނަމަވެސް ކާއެއްޗެތި ދަތުރުކުރާ ހޮޅީގެ މަތީ ބައިގައި ޕްލާސްޓިކް އެއްޗެއް ތާށިވެފައި އިން ހެން އޭނާއަށް ހީވި އެވެ. ނަމަވެސް ވެގެން އުޅޭ ގޮތެއް އޭރުވެސް އޭނާއަކަށް ވިސްނާލާކަށް ނޭނގުނެވެ.

ދެން ގައުތިޔާއަށް އެހެން ކަމެއް ފާހަގަ ކުރެވުނެވެ. އޭނާ ގެންގުޅޭ ވަޔަލެސް ދެ އިޔާބަޑްސްގެ ތެރެއިން އެކަތި ނެތް ކަމެވެ. އެއީ އޭނާ ނިދާއިރު އާންމުކޮށް ބޭނުންކުރާ އެއްޗެކެވެ.

ގައުތިޔާ އިއާބަޑް ހޯދާތަން ފެނިގެން އޭނާގެ ކަރުގައި ތާށިވެގެން އުޅެނީ އަނެއްކާ އެ ނޫންބާއޭ އޭނާގެ ދަރިފުޅު ބުންޏެވެ. ނިދީގައި އެ ދިރުވާލެވުނީހެން ގައުތިޔާ އަށް ވެސް ހީވީ އެހިސާބުންނެވެ.

ވަގުތުން ހޮސްޕިޓަލުގެ އިމަޖެންސީއަށް ގޮސް އެކްސްރޭ ނަގައި ބެލިއިރު ޕްލާސްޓިކް ޑިވައިސް އެއް ކާއެއްޗެތި ދަތުރުކުރާ ހޮޅީގެ މަތީ ބައިގައި ތާށިވެފައި އިންދާ ވަނީ ފެނިފަ އެވެ.

އެންބީސީއަށް ގައުތިޔާ ދިން އިންޓަވިއު އެއްގައި ބުނީ އޭނާގެ ވާހަކަ ދުނިޔޭގެ އެންމެންނަށް އެނގެން ބޭނުންވީ ހެޑްފޯނު އަޅައިގެން ނުނިދުމަށް އެހެން މީހުން ހޭލުންތެރިކުރުވުމުގެ ބޭނުމުގަ އެވެ.

ގައުތިޔާ ހެޑް ފޯނު ޖަހައިގެން ނިދާފައި އޮއްވާ ކޮންމެވެސް ގޮތަކުން އޭތި އަނގައިގެ ތެރެއަށް ގޮސް ދިރުނީ އެވެ.
ތައިވާން މީހަކަށް ވެސް މީގެ ދުވަސް ކޮޅެއް ކުރިން ހަމަ މިފަދަ ހާދިސާއެއް ކުރިމަތިވި އެވެ. އޭނާ ގެންގުޅުނު އެއާޕޮޑް ދިރުވާލެވިފައިވާކަން އެމީހާއަށް އެނގުނީ ބަނޑުން އަޑު ގޮވަން ފެށީމަ އެވެ.

ބެން ހުސޫ ނަމަކަށް ކިޔާ ތައިވާނުގެ މިމީހާއަށް ނިދުނީ އޭނާ ގެންގުޅޭ އެޕަލް ވަޔަލެސް އިއާބަޑްސް ކަންފަތުގައި ޖަހައިގެން އޮއްވަ އެވެ. ހޭލައިގެން ހޯދާހޯދާ އެއް ހެޑްފޯނު ނުފެނުނެވެ. އެ ދިރުވާލެވިއްޖެކަން އެނގުނީ ބަނޑު ތެރެއިން އަޑު ގޮވަން ފެށީމަ އެވެ. އެންމެ ފަހުން ހޮސްޕިޓަލަށް ގޮސް އެކްސްރޭ ނަގައި ބެލިއިރު އިއާޕޮޑް އިނީ ހަޖަމުކުރާ ނިޒާމުން ނުކުންނަން ތައްޔާރުވެފަ އެވެ. އަދި އޭނާ ބޮޑުކަމުދިޔައިރު އެ އިއާޕޮޑް ވަނީ ނަޖިހަކާއެކު ބޭރުވެފަ އެވެ.

ރަނގަޅަށް ދޮވެ ސާފުކުރުމުން އަނެއްކާވެސް އެ އިއާޕޮޑް ބަރާބަރަށް މަސައްކަތްކުރާ ކަމަށް އެމީހާ ބުންޏެވެ.