ކުޅިވަރު

އަލްއަހްލީ ބަލިކޮށް ބަޔާން ފައިނަލަށް

ސެމީ ފައިނަލުގައި، މިސްރުގެ އަލް އަހްލީގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ފީފާ ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ބަޔާން މިޔުނިކް ދަތުރު ކޮށްފި އެވެ.

ގަތަރުގެ އަލް ރަޔާންގެ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި އެފްރީކާގެ ޗެމްޕިއަންގެ މައްޗަށް ޔޫރަޕްގެ ޗެމްޕިއަން ބަޔާން މޮޅު ކޮށްދިނީ، ރޮބަޓް ލެވަންޑޮސްކީ ކާމިޔާބު ކުރި ދެ ލަނޑުންނެވެ.

މެޗު ފެށިގެން ކޮންޓްރޯލް ކުރީ ބަޔާން އެވެ. މެޗުގެ 17 ވަނަ މިނެޓްގައި ލެވެންޑޮސްކީ ވަނީ ސާޖް ނެބްރީ ތަނަވަސް ކޮށްދިން ފުރުސަތަކުން ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ލިރޮއީ ސަނޭ ހުރަސް ކުރި ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެން ދެ ވަނަ ލަނޑު ކާމިޔާބު ކުރި އެވެ.

ކުލަބު ވޯލްޑް ކަޕްގައި ވާދަ ކުރަން ގަތަރަށް ފުރުމުގެ ކުރިން، ފުލައިޓް ނުފުރި ނުވަ ގަޑިއިރު ފުލައިޓް ތެރޭގައި ހޭދަ ކުރި ބަޔާން ފައިނަލުގައި ނުކުންނާނީ، އުތުރު އެމެރިކާގެ ޗެމްޕިއަން މެކްސިކޯގެ ޓައިގާސް އާ ދެކޮޅަށެވެ. އެ ޓީމު ފައިނަލަށް ދަތުރު ކުރީ، ދެކުނު އެމެރިކާގެ ޗެމްޕިއަން ޕަލަމިރޭސް ބަލި ކުރުމަށް ފަހު އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ ފައިނަލު މެޗު އޮންނާނީ ރާއްޖޭގަޑިން ރޭގަނޑު 11 ޖަހާއިރު އެވެ. އޭގެ ކުރިން ތިން ވަނަ ހޮވާ މެޗުގައި އަލް އަހްލީ ނުކުންނާނީ ޕަލަމިރޭސް އާ ދެކޮޅަށެވެ.