ކުޅިވަރު

ބާސްކެޓްގެ ވެޓްރަންސް ހަރަކާތް ފޯރިގަދަ ވަނީ

އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ޖަނަވަރީ ކުރީކޮޅު ބޭއްވި، ވެޓަރަންސް ތްރީ އޮން ތްރީ މުބާރާތުގައި ރާއްޖޭގެ ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އަހްމަދު އާދަމް ކުޅުއްވި އެވެ. އެ މުބާރާތް އިންތިޒާމު ކުރީ ވެޓަރަންސްގެ ހަރާކާތް ފުޅާ ކުރުމުގެ ވިސްނުމުގައި ތިބި ކުރީގެ ކުޅުންތެރިންނެވެ.

ފުޓްބޯޅަ އާއި ވޮލީގައި ވެޓަރަންސް ހަރަކާތް ކުރިއަށް ގެންދިއުމަށް ވަކި ކުލަބުތަކެއް ވަނީ އުފައްދާފަ އެވެ. ބާސްކެޓްގެ ކުރީގެ ކުޅުންތެރިންގެ މި ހަރާކާތުން މިހާރު ވިސްނުން ހުރީ ބާސްކެޓްގެ ވެޓަރަންސްއަށް ހާއްސަ ކުލަބެއް ފޯމް ކުރުމަށެވެ.

ވެޓްރަންސް ހަރަކާތުގެ އެންމެ އިސްކޮށް ތިބީ ކުރީގެ ކުޅުންތެރިންނެވެ. މިހަރާކާތާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށް ދިނުމަށް އަވަސްގެ ޓީމާ ބައްދަލު ކުރި ކުރީގެ ކުޅުންތެރިންގެ ތެރެއިން، ރެޑްވިންގްސް ބާސެކްޓްބޯޅަ ކުލަބުގެ މިހާރުގެ ކޯޗް އަހްމަދު ނަޒީފް، ސްޓާސް އެކެޑެމީގެ ހެޑް ހުސައިން ޒަމީލް (ޒަމްބެ) އާއި ސްޓާސް އެކެޑެމީގެ ސީނިއާ ކޯޗް ހުސައިން ހާދީ (ހާޑީ) އެވެ. ކޮވިޑްގެ ހާލަތު އާންމު މިންގަނޑަކަށް އެޅުމުން، ވެޓްރަންސް މެޗުތަކެއް ކުޅުމަށް ހދ. ކޫލުދުފުއްޓަށް ދަތުރެއް ކުރުމަށް ވެޓްރަންސް މޫވްމެންޓުން ވަނީ ނިންމާފަ އެވެ.

ބާސްކެޓްގެ ވެޓަރަންސްގެ ހަރަކާތްތައް ވައިގައި ހިއްޕާލުމަށް ކުރުމަށް ނިންމި އަނެއް ކަމަކީ، ކުރީގެ މެޗުތަކުގެ ހައިލައިޓްސް ބަލާލެވޭނެ އިންތިޒާމު "ވެޓަރަންސް ބާސްކެޓްބޯލް ކުލަބު މޯލްޑިވްސް" ސޯޝަލް މީޑީއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ހަމަޖެއްސުމެވެ.

ވެޓްރަންސް މުބާރާތާއެކު އެޑަމް ތާރީހްގެ ތެރެއަށް

ބާސްކެޓްގެ ވެޓްރަންސް ހަރަކާތުގެ އެންމެ ބޮޑު ސަޕޯޓަރަކީ، އެމްބީއޭގެ ރައީސް އަހްމަދު އާދަމް (އެޑަމް) ކަން ނަޒީފް ފާހަގަ ކުރި އެވެ. ޖަނަވަރީ މަހު ބޭއްވި ތްރީ އޮން ތްރީ މުބާރާތުގައި ކުޅުއްވައި އެޑަމް ވެގެން ގޮސްފައި ވަނީ ބާސްކެޓްބޯޅަ މުބާރާތެއްގައި ކުޅުއްވި އެމްބީއޭގެ ފުރަތަމަ ރައީސް އަށެވެ.

"އެމްބީިއޭ ރައީސްކަން ކުރެއްވި ބޭފުޅުން މީގެ ކުރިން ނުފެނޭ އަމަލީ ގޮތުން ކުޅުއްވާ ތަނެއް ރައީސްގެ ގޮތުގަައި ހުންނަވާ ބާސްކެޓް ކުޅުއްވަން ކޯޓަށް ނުކުތީ އެޑަމް،" ނަޒީފް ވާހަކަ ދެއްކި އެވެ. "މި މަސައްކަތަށް ބޮޑު ސަޕޯޓެއް އެޑަމް ދެއްވީމަ އެމްބީއޭއިން މިކަމަށް ދޭ އެއްބާރުލުން އެ ފާހަގަ ވަނީ."

ބާސެކްޓެގެ ވެޓްރަންސް ކޮމިޔުނިޓީގެ އަނެއް މަގްސަދަކީ، ބާސްކެޓްގެ ކޮމިޔުނިޓީގެ ބަދަހިކަން އުފެއްދުމެވެ. މި ހަރަކާތަށް ކުލަބެއްގެ ގޮތުގައި ރަޖިސްޓްރީވެ ފުޅާވެގެން ދިއުމުން އެކަންކަމަށް އަމަލީ ސިފައެއް އަންނާނެ ކަމަށް އެ ކޮމިޔުނިޓީން ގަބޫލު ކުރެ އެވެ