(7 ފެބްރުއަރީ 2021 އާ ގުޅޭ)
ކައިވެންޏެއް ކުރަން އުޅޭއިރު ދަރީންނަށް އެކަން އެނގެން ޖެހޭނެކަން އަސްލަން ގަބޫލު ކުރެއެވެ. ނަމަވެސް އެ ކުދީންނާ އެ ވާހަކަ ދައްކާނީ ކިހިނެއް ކަމެއް އަސްލަން އަކަށް ނުވިސްނެ އެވެ. ކައިވެންޏަށް ފަހު ނޯޔާ އޭނާއާއެކު ދިރިއުޅެން ފެށީމާ އެކަމާ އެކުދީން ސުވާލު އުފެދޭނެކަން ޔަގީނެވެ. އެކުދީން ނޯޔާއާ ގަޔާވާނޭ ކަމެއް ވެސް އަދި ނޭނގެ އެވެ. ހުރިހާ ކަމެއް އެ ކުދީންނަށް ކިޔާ ދިނުމަކީ އަސްލަންގެ ޒިންމާއެކެވެ. އެހެންވިޔަސް އޭނާއަށްވުރެ މަންމައަށް އެ ކުދީންނަށް ވިސްނައިދޭން ފަސޭހަވާނޭ އަސްލަން ހިތަށް އެރިއެވެ. އެފަދަ ވާހަކައެއް ދަރީން ގާތު ފަށާނޭ ގޮތެއް ވެސް ސިކުނޑިއަށް އަސްލަންގެ ނާދެ އެވެ.
މަލްސާގެ ވާހަކަތަކާއެކު ނަސީބަކުން ސާރާ ފެށި ވާހަކަ ހުއްޓިއްޖެ އެވެ. ބައެއް ކުދީންނަކީ މަޑުމަޑުން ތިއްބަސް އެމީހުންގެ ވަށައިގެންވާ މާހައުލުގައި ހިނގާ ކަންކަން ބަލައި ދެނެގަންނަން މަސައްކަތް ކުރާ ކުދީންނެވެ. ސާރާއަކީ އެކަހަލަ ކުއްޖެކެވެ. އަސްލަންގެ އާންމު ދިރިއުޅުމާ ޚިލާފުވާ ކަމަކަށް ނޯޔާމެންގެއަށް ދިއުމާއި އޭނާއާ ވާހަކަ ދެއްކުންވީ އެވެ. އެ ބަދަލު ސާރާއަށް ނުހަނު އަވަހަށް ފާހަގަ ވެއްޖެ އެވެ.
ރޭގަނޑު ކައިގެން މަންމަގެ ބައިން ނުކުތުމުގެ ކުރީން އަސްލަން މަޑުކޮށްލި އެވެ. މަންމަގެ ލަފާއެއް އަހާލަން ބޭނުންވެފައި ހުރީމަ އެވެ. އަސްލަންގެ ކުޑަދަރިފުޅު ނިންދަވައި ދޭން ސޯފާގައި ރިދާން އިނެވެ. އޭނާގެ ގާތަށް ސާރާއާއި މަލްސާ ދިޔަ އެވެ. އެވަގުތުގެ ބޭނުން އަސްލަން ހިފި އެވެ. މަންމަ ގާތު ސާރާގެ ވާހަކަ ހުރި ގޮތް ބުންޏެވެ. އެ ކުދީންނާ ވާހަކަ ދައްކަން އަސްލަން އެދުނީ މަންމަގެ ގާތުންނެވެ.
"އެކަމަކު އަސްލަން ވެސް އެ ވާހަކަ އެކުދީންނާ ދައްކަންވާނެ، އެއީ ރަނގަޅު ގޮތަކީ." ސަބީނާގެ ޚިޔާލު ފާޅުކުރި އެވެ.
އަދި ދުވަސްކޮޅެއް އޮތްކަމުގައި އަސްލަން ޤަބޫލުކުރި އެވެ. ކުދީން ގާތު ވާހަކަ ދައްކާނޭ ގޮތަކާމެދު އޭނާއަށް ވިސްނާލާނޭ ފުރުޞަތު އެބައޮތެވެ. މަންމަގެ ބައިން ނުކުތް އަސްލަން ކުދީން ގޮވައިގެން އޭނާ ދިރިއުޅޭ ގޭގެ ހަތްވަނަ ފަންގިފިލާއަށް އައެވެ. މުޅި އެޕާޓްމެންޓް ހިމޭންވީ ތިން ދަރީންނަށް ވެސް ނިދުނީމަ އެވެ. އަސްލަން ކޮޓަރިން ނުކުމެގެން އައިސް ސޯފާގައި އިށީނެވެ. ފޯނު ބަލާލާނޭ ފުރުޞަތު ލިބުނީ އަދިކިރިޔާ އެވެ.
"ލޫނާ..." ފޯނަށް އައިސްފައި އޮތް މެސެޖު ހުޅުވާލުމާއެކު އަސްލަންއަށް މަޑުމަޑުން ބުނެލެވުނެވެ. ލޫނާ މެސެޖުގައި ލިޔެފައި އޮތީ ވަގުތުވީމާއި އޭނާއަށް އަސްލަން ގުޅާލައި ދިނުމަށެވެ. ކިތަންމެ ލަސްވެފައި ހުއްޓަސް އޭނާ ފޯނުކޯލު ނަގާނޭ ބުނެފައި އޮތެވެ.
އަސްލަން ދެ ލޯ މަރާލައި ހަށިގަނޑުގެ ވާގި ސޯފާއަށް ދޫކޮށްލަމުން ފުން ނޭވާއެއް ލިއެވެ. ލޫނާ ދައްކަން އުޅޭ ވާހަކައެއް އަޑުއެހުމުގެ ޝައުގުވެރިކަމެއް އަސްލަންގެ ނެތެވެ. އެކަމަކު އެއީ އެކުގައި މަސައްކަތްކުރާ ދުވަސްވީ ގާތް ރަޙުމަތްތެރި އެކެވެ. އެހެންވެ ނުގުޅައެއް ވެސް ނުވާނޭ އަސްލަންގެ ހިތަށް އެރިއެވެ. ލޫނާއަކީ މައިރާއަށް ވެސް ކަމުދާ އެކުވެރި އެކެވެ. އެ ދެމީހުން އެކުގައި ބޭރަށް ދިއުމަކީ އާންމު ކަމެކެވެ. އަސްލަންގެ ފަރާތުން އެކުވެރިވީ ނަމަވެސް މައިރާއާ ދެމީހުން މާ ގާތްހެން ހީވެއެވެ. ޚިޔާލުތަކުގެ ތެރެއިން އަނެއްކާވެސް އަސްލަން ފުންނޭވާއެއް ދޫކޮށްލި އެވެ. އަސްލަން ލޯ ހުޅުވާލީ ފޯނަށް "ނޮޓިފިކޭޝަން" އެއް އައި އަޑު އިވިގެންނެވެ. އަނެއްކާ ވެސް ލޫނާ މެސެޖު ކުރީބާއޭ އޭނާ ހިތަށް އެރިއެވެ. އެކަމަކު އެއީ ލޫނާއެއް ނޫނެވެ. އާއިލާ ގުރޫޕެއް ވައިބާގަ ހަދައި އެ ގުރޫޕަށް އަސްލަން ވެއްދީ އެވެ.
ދެ އާއިލާ ގުޅެން އުޅޭއިރު އެންމެންނާ ވާހަކަދައްކާ ގުޅުން ބަދަހި ކުރެވޭނެހެން ވައިބާރ ގުރޫޕެއް ހަދަން ނެހާއަށް ޚިޔާލު ދިނީ ރިދާނެވެ. އޭނާ ގުރޫޕެއް ހުޅުވައި ފުރަތަމަ އެ ގުރޫޕަށް ވެއްދީ ވެސް ނެހާ އެވެ. ދެން އަސްލަން އެވެ. ނޯޔާ ވެއްދީ ނެހާ އެވެ. ރިދާންގެ ޚިޔާލަށެވެ. ނަމަވެސް ރިދާންއަށް ކަމުނުދިޔައީ އައްޔޫބާއި ރޫމާގެ އިތުރުން ސަބީނާ ވެސް އެ ގުރޫޕަށް ނެހާ "އެޑް" ކުރީމަ އެވެ. ރިދާން ބޭނުންވީ ހަމައެކަނި އޭނާއާއި އަސްލަންގެ އިތުރުން ނެހާއާއި ނޯޔާ އެ ގުރޫޕަށް ވެއްދުމަށެވެ. ފޮރުވިފައި އޮތް ހަގީގަތަކީ ނޯޔާއާ ވާހަކަ ދައްކާލާނޭ ފުރުސަތެއް ރިދާން ހޯދުމެވެ. މައިންބަފައިންގެ ކުރިމަތީ ބޭނުންހާ ވާހަކައެއް ދައްކާނީ ކިހިނެއް ހެއްޔެވެ.
* * * * *
ނޯޔާގެ ފޯނަށް އައި ދަޢުވަތު ޤަބޫލުކު ރަން ހިތް އެދުނަސް އެފަދައިން ކަންތައް ނުކުރެވިފައި ފޯނަށް ބަލަން އޮތެވެ. ވާހަކަ ދައްކާލަން ބޭނުންވާކަން ބުނެފައި އޮތްއިރު އެއީ ކާކުކަން އައިޑީއަށް ލާފައި ހުރި ފޮޓޯއިން ނޯޔާއަށް ފެނެވެ. އެ ދަޢުވަތު ޤަބޫލު ކުރެވެން ނެތީ އެހެންވެއެވެ. ރިދާނަށްވީމަ އެވެ. ފޯނުގައި އިނގިލި ހިންގާލާފައި ވެސް ނޯޔާ ނިކަން އަވަހަށް އިސްކުރީނު ނިއްވާލައިފި އެވެ. ވައިބާއަށް ރިދާން ލާފައި އިން ފޮޓޯ ބޮޑުކޮށްލައި ބަލާލާ ހިތް ނޯޔާވީ އެވެ. ނަމަވެސް އެކަމުން ނުކުމެދާނޭ ނަތީޖާ ގޯސް ވެދާނޭކަން ވިސްނުނީ އެވެ. ރިދާންގެ ފޮޓޯއަށް ބަލަން އެއަށް ގެއްލިފައި އޮތުމަކީ ނޯޔާ ކޮށްގެންވާނޭ ކަމެއް ނޫންކަން އޭނާގެ ޒަމީރު ބުނެއެވެ. އެގޮތަށް ހިލޭ ފިރިހެނެއްގެ ފޮޓޯއަށް ބަލަން އޮންނަންވެއްޖެނަމަ ހިތް ކަސިޔާރު ވެދާނެ އެވެ. ވަސްވާސްތަކަށް ހެއްލެން މަގުފަހިވެދާނެ އެވެ. ހީނުވިޔަސް އެހާ ކުޑަކުޑަ ކަމަކުން ވެސް ފާފައަކަށް އަރައިގަނެވިދާނެއެވެ.
"އަ..ސް..ލަ..ން!" ނޯޔާގެ ދެތުންފަތް ހަރަކާތް ކޮށްލުމާއެކު އެ ނަން ކިޔާލީ ލަސްކޮށެވެ. ސިކުނޑިން ހިތަށް ވިސްނައި ދޭން ނޯޔާ ބޭނުންވީ އަސްލަންއާ އިންނަން ރަން ކިޔައިފި ކަމެވެ. ނަމަވެސް އެ ޚިޔާލުން އޭނާގެ ދެ ލޯ ފެންކަޅި ވިއެވެ. އޭނާ ހަނދާން ވިއެވެ. ރަންކިޔަން އޮތް ދުވަހާ ކުރިމަތިލާން ޖެހިލުންވީ ވަރުން އޭނާއަށް ވަރަށް ރޮވުނެވެ. މަންމަ ރޫމާ އެރޭ އޭނާ މަސަލަސް ކުރިއެވެ. އެދުވަހު ރޯދައަށް ހުރުމަށް ބުނީ މަންމަ އެވެ. އަސުރު ނަމާދުން ފައިބާ ކާމިޔާބާއި ސާބިތުކަން ދެއްވުން އެދި ދެ ރަކުޢަތުގެ ނަމާދެއް ކުރުމަށް ބުނީ ވެސް މަންމައެވެ. ނުތަނަވަސްކަމާއި ޖެހިލުން ވުން ފިލައިގެން ނުދިޔަ ނަމަވެސް ބަޔާން ކުރަން ނޭނގޭ ފިނިކަމެއް ނޯޔާގެ ހިތަށް ވެރިވިއެވެ. ނަފްސަށް ސާބިތުކަން ލިބުނެވެ. ލޮލަށް ނުފެންނަ ރައްކާތެރިކަމުގެ ފަށަލައެއްގެ ތެރޭގައި އޭނާއަށް ހުރެވުނު ކަހަލައެވެ. ލުއިލުއި ވައިރޯޅިތައް ހަށިގަނޑުގައި ބީހިލުމުން ލިބޭފަދަ ހިތްފަސޭހަކަމެއް އެކަމުގައި ވާ ފަދައެވެ. މަންމަގެ އަތުގައި ހިފާލުމުން ހިތުގައިވި ހުރިހާ ބިރެއް އެހިނދުކޮޅަށް ފިލައިގެން ދިޔަކަން ގައިމެވެ.
ދެ ލޯ ފުހެލަމުން ރަޖާ ރަނގަޅު ކޮށްލާފައި ނޯޔާ ލޯ މަރާލި އެވެ. އެނދުގައި އިތުރަށް ހަމަޖެހިލި އެވެ. ނިދަން ގަސްދު ކޮށްގެނެވެ.
* * * * *
ދަސްވެނިވި ކަމުގެ ރަސްމިއްޔާތުގައި ބައިވެރިވާން ދާން ޖެހޭ ދުވަސް ކައިރިވަމުން އައެވެ. ކުރިއަށް ދެން އޮތީ އެންމެ ހަފުތާއެކެވެ. އަސްލަންގެ ގާތުގައި ނޯޔާވަނީ އެ ވާހަކަ ދައްކާފަ އެވެ. ނަމަވެސް އެކަމާ ގުޅުވައި އޭނާ ވަކިއެއްޗެއް ނުބުންޏެވެ. އެ ރަސްމިއްޔާތުގައި ބައިވެރި ނުވެ ކައިވެނި ކުރަންވީ ހެއްޔެވެ. އެއީ މި ހުރިހާ ދުވަހު ނޯޔާ ކުރި ބުރަ މަސައްކަތެވެ. އޭނާ ދުށް ފޮނި ހުވަފެންތަކެވެ. ދެއަތްފޮޅާލާފައި އެ ހުރިހާ ކަމެއްގެ މަތިން ހަނދާން ނައްތާލަންވީ ހެއްޔެވެ. އޭނާ ހުރީ އެ ރަސްމިއްޔާތުގައި ބައިވެރިވާން ނުހަނު ބޭނުންވެފަ އެވެ. އޭނާ ކުރި ބުރަ މަސައްކަތުގެ ނަތީޖާ ހާސިލު ވެއްޖެ ކަމުގެ އިޙްސާސް ކުރެވޭނީ އޭރުން ކަމުގައި ނޯޔާއަށް ޤަބޫލު ކުރެވޭތީ އެވެ. ނަމަވެސް އެކަކުވެސް އެކަން ހަނދާން ހުރިހެން ހިޔެއް ނުވެއެވެ. އެންމެން ވެސް ކައިވެނީގެ ކަންކަމުގައި ހޭބޯނާރާ ތެޅިފޮޅެނީ އެވެ.
ރިންގުވާން ފެށި ނޯޔާގެ ފޯނު ސޯފާ މަތިން ދިއްކޮށްލީ އިޔާނެވެ. ފޯނަށް ބަލާލި ހިނދުން ފެށިގެން އެ ތުންފަތުގައިވަނީ ލާނެތް ހިނިތުންވުމެކެވެ. ނެހާގެ ނަޒަރު ފިރިމީހާއަށް ހުއްޓެން ފަޅި ސުކުންތެއް ވެސް ނުނެގިއެވެ. އޭނާ ލޮލުން ކާކުތޯ އަންގާލިއެވެ. އިޔާން ދިއްކޮށްލި ފޯނު ނިކަން އަވަހަށް އަތުލިއެވެ.
"އޯ..." ރާގުލައި ނެގާއަށް ބުނެލެވުނެވެ. ކުޑަކުޑަ ނޫމާ އުރާލައިގެން ޚިޔާލުތަކަށް ގެއްލިފައި އިން ނޯޔާ ބަލާލިއެވެ.
"ޔަޝާތަ؟" ނޯޔާއަށް ގުޅަން ހަމައެކަނި ހުންނާނެ މީހަކީ އެއީކަން އެނގޭތީ އަހާލެވުނެވެ.
"ވާން އުޅޭ ފިރިކަލުން." ހިނިއައިސްފައި ހުރި ނެހާގެ އަޑުގައި ހުރީ ދިމާ ކުރުމުގެ ރާގެވެ. ނޯޔާއަށް ލިބުނީ ހައިރާން ކަމެވެ. އޭނާއަށް އަސްލަން ގުޅަން ޖެހުނު ސަބަބެއް ހޯދުމަށް ވަގުތުން ސިކުނޑިއަށް ބާރު ލެވުނެވެ. ފޯނު ބޭނުން ވެގެން ނޯޔާ އަތްދިއްކޮށްލި އެވެ. ނުދޭންވެގެން ނެހާ ވައްތަރެއް ޖައްސާލުމާއެކު ދުރަށް ޖެހިލިއެވެ. އެގޮތް އިޔާނަށް ކަމަކު ނުދިޔައެވެ.
"ނެހާ... މުހިންމު ކަމަކު ކަންނޭނގެ އަސްލަން އެގުޅަނީ، ކޯލު ކެނޑުމުގެ ކުރީން ތި ފޯނު ނޯޔަށް ދީ." އަނބިމީހާގެ ފުރަގަހުން ދުރަށް ދިޔަ ނުދޭން އިޔާން ހިފަހައްޓާލި އެވެ. ނޫމާ އުރާލައިގެން ތެދުވި ނޯޔާއަށް ފޯނު ލިބުނެވެ. އެހިނދު ކޮއްކޮގެ އަތުން ނެހާ ދަރިފުޅު އުރާލިއެވެ. ފޯނު ހިފައިގެން ނޯޔާ ނުކުތީ ބެލްކަންޏަށެވެ.
ފޯނުކޯލުގައި ހުރި ނޯޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ބޭއިޚްތިޔާރުގަ އެވެ. ކުރު އެ ފޯނުކޯލުން ނޯޔާއަށް ލިބުނު ނުތަނަވަސްކަން ފިލައިފިއެވެ. މަންމައާ ބައްދަލު ކުރަން ނޯޔާ ވަގުތުން ބޭނުންވި އެވެ. ނެހާ ގޮވާލުމުން މަންމަގެ ގާތަށް ދާންޖެހިއްޖެކަމުގައި ނޯޔާ ބުނެ އެޕާޓްމެންޓިން ނުކުތެވެ. ސިޑިން ފައިބައިގެން އައިއިރު އިހުނަށްވުރެ ނޯޔާގެ ހިނިތުންވުން ފުޅާވެލައިފި އެވެ.
ދޮރުން ވަދެގެން އައި ނޯޔާއަށް ކާމޭޒު ކައިރީ ހެދިކާ ބައްދަން އިން ރޫމާ ފެނުނެވެ. ދެމައިންނަށް ބަލާލެވުނީ އެކުއެކީއެވެ. އެހިނދު ރޫމާއަށް ވެސް ހިނިތުންވެވުނެވެ.
"މަންމައަށް އަސްލަން ގުޅި." ނޯޔާގެ ހިނިތުންވުން ދެނެގަންނަމުން ރޫމާ ބުންޏެވެ.
"އެހެންވީމަ އެންމެން ދާނެ ދޯ." ނޯޔާއަށް އަހާލެވުނެވެ.
"ބައްޕަ ކައިރީ ވެސް ބުނެފިން، ވެއްޖެ ކޮޓަރީގަ... ޓިކެޓު ހަމަޖައްސަން." ހިނިއައިސްފައި އިނދެ ރޫމާ ބުނެލިއެވެ. ނޯޔާ އައިސް މަންމަގެ ގައިގާ ބައްދާލެވުނެވެ.
"ދަރިފުޅު ހީކުރީ ނުދެވޭނެ ކަމައްތަ؟ އެހެނެއް ދެން ނުވާނެއެއްނު." ނޯޔާގެ ހިތް އެނގިގެން ކަހަލަ ގޮތަކަށް ރޫމާ ބުންޏެވެ.
"އަސްލަން ގުޅީތަ؟" ރޫމާ އަހާލިއެވެ. އެއާއެކު ނިކަން އަވަހަށް ނޯޔާ ބޯޖަހާލި އެވެ. އޭނާ ހީކޮށްގެން ހުރީ އަސްލަންއަށް މުހިންމު ކަމަކަށް ނުވާތީ ހަނދާންނައްތާލީ ކަމަށެވެ. ނަމަވެސް އަސްލަންގެ ފޯނުކޯލު އައި ހިނދުން ފެށިގެން ނޯޔާގެ ހިތަށް ގޮތެއް ވެއްޖެ އެވެ. ހީކުރެވުނު ކަހަލަ މީހަކަށް އަސްލަން ނުވެޔޭ ނޯޔާގެ ހިތަށް އެރީ އެވެ.
"ނޯޔާގެ ހެދުން ނިމިގެން އެތަނުން ގުޅި، އެކަން ވެސް އެ ނިމުނީ... ގާތްގަނޑަކަށް ހުރިހާ ކަމެއް މިހާރު ހުރީ ނިމިފަ، އަހަރެމެން އެކޮޅަށް ގޮސްފައި އަންނަންވާއިރަށް ދެން ހުރި ކަންތައްތައް ސަބީއާ އެގޭ ކުދީން ވެގެން ނިންމާނެ، އޭރަށް ވެސް އަދި އޮންނާނެ ހަފްތާއެއް." ރޫމާ މަސައްކަތް ހުއްޓާނުލާ ވާހަކަ ދެއްކި އެވެ. މަންމަގެ ވާހަކަ އަޑުއަހަން ނޯޔާ އިނީ ބަހެއް ނުކިޔަ އެވެ. އޭނާ ދޭނޭ ޚިޔާލެއް އެކަމުގައި ނެތީމައެވެ. މަންމައާއި ބައްޕައާ ޢާއިލާގެ މީހުން ނިންމާނީ އެންމެ ފުރިހަމައަށް ކަމަށް އޭނާ ޤަބޫލުކުރާތީ އެވެ.
* * * * *
ނޯޔާއާއި އޭނާގެ އާއިލާ މެލޭޝިއާއަށް ފުރައިގެން ހިނގައްޖެ އެވެ. ދެ ދުވަހެއް ތެރޭ އެމީހުން އެނބުރި އަންނާނެ އެވެ. ދަޢުވަތު ލިސްޓުގައި ތިބި އެންމެންނާ ކާޑު ހަވާލުކޮށް ނިންމައިފި އެވެ. އެކަން ކުރީ ރިދާނާއި ސަބީނާއާ ވެގެންނެވެ. ކައިވެނި ކުރާއިރު އެކަން އަސްލަންގެ އޮފީސް މީހަކަށް ނާންގަ އެވެ. އޭނާ ގާތު ސަބީނާ ކިޔާކިޔާ ވެސް އެއްބަހެއް ނުވިއެވެ. ލޫނާއާއި ހުސެންއަށް ވެސް ދަޢުވަތެއް ނުދިނެވެ. އެހެންވެ އަސްލަންގެ އެއްވެސް ރައްޓެއްސަކު ކައިވެނީގެ ޙަފުލާގައި ބައިވެރި ނުވާނެ އެވެ. ގޭދޮށުން ސަބީނާއާއި ރޫމާއާ ގާތް ގުޅުމެއް އޮންނަ ހުރިހާ އަވަށްޓެރީންނަށް ސަބީނާ ދަޢުވަތު ކާޑު ބެހިއެވެ. ދުރުގައި ތިބި ތިމާގެ މީހުންނަށް ވެސް އެވެ. އަރީން އެދުނު ވަރަށް އޭނާއަށް ކާޑު ދިނެވެ. ރިދާންގެ ގާތް ދެތިން ރަޙުމަތްތެރިންނަށް ދަޢުވަތު ދިނެވެ. އެހެންނޫނީ އެ ޙަފުލާގައި އޭނާ މާބޮޑަށް އެކަނިވެދާނޭ ހީވާތީ އެވެ.
ރޫމާގެ ދެމަފިރިން އެނބުރި ރާއްޖެ އައިއިރު އެމީހުން ކުރާނޭ އެއްކަމެއް ވެސް ނެތެވެ. ކައިވެނީގެ ޙަފުލާ ބޭއްވުމަށް ހަމަޖެހިފައި އޮތީ ރޯޝަނީ ވިލާ ގޭގެ ޓެރެސްގަ އެވެ. ކައިވެނީގެ ޙަފުލާ އޮންނާނީ މުޙައްރަމް މަހުގެ އަށާރަވާ ބުރާސްފަތި ދުވަހުގެ އިޝާ ނަމާދުގެ ފަހުންނެވެ. ކައިވެނި ކޮށްދޭން މީހުން ގޮވައިގެން އަންނަން ހަމަޖެހިފައި އޮތީ ޒާހިދެވެ. ޓެރެސްގައި ހުރި ގަސްމުށިތަކުން ބައެއް ބެލްކަނިތަކަށް ނެރުމުގައި ސަބީނާގެ ފިރިހެން ދަރީން އުޅެއެވެ. އެރެއަށް އަންނަ މީހުން ތިބޭނޭ ޖާގަ ތަނަވަސްކުރަން ޖެހޭތީ އެވެ.
ފަހު ފަހަރަށް ހެދުން ހެޔޮވަރު ކުރުމަށްފަހު ނޯޔާ ހެދުން ބޭލިއެވެ. އޭނާގެ ކައިވެނި ހެދުން ފެހުވީ މާލޭގެ ނަން މަޝްހޫރު ފެހުންތެރިއެއް ލައްވައެވެ. ހެދުމާމެދު ނެހާއާއި ރޫމާ ވެސް ހުރީ ހިތްހަމަޖެހިފަ އެވެ. އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަމެއް ނެތެވެ. އެހެންވެ ހެދުން ހިފައިގެން އެ ތިންމައިން ޓެކްސީގައި ގެއަށް އައެވެ. އައްޔޫބާއި އިޔާނަށް ނޯޔާގެ ކައިވެނި ހެދުން ފެނުނީ ދެނެވެ.
* * * * *
ބުރާސްފަތި ދުވަހު ހެނދުނެވެ. ސައިބޮއެ ނިމުނު ގޮތަށް ދަރިފުޅު ގޮވައިގެން ނެހާ އައީ ނޯޔާގެ ކޮޓަރިއަށެވެ. ނެހާގެ މަޢުޟޫއަކަށްވީ ފޭޝަލް ހެދުމެވެ. މޭކަޕްކުރަންދާން ނޯޔާ ޤަބޫލެއް ނުވިއެވެ. އޭނާ ބޭނުން ވަނީ އަމިއްލައަށް އާންމުކޮށް ކުރާ ފަދަ ލުއި މޭކަޕެއްގައި ހުންނާށެވެ. ނޯޔާގެ ހާސްކަން އިތުރުވެދާނެ އެއްވެސް ކަމެއް ނެހާ ކުރާކަށް ބޭނުމެއްނޫނެވެ. އަމިއްލައަށް ގޭގައި ފޭޝަލްއެއް ތައްޔާރު ކުރުމަށް ނެހާ ޚިޔާލު ދިނީ ވެސް އެހެންވެއެވެ.
ފޭސްމާސްކާއެކު ލޮލުގައި ކިއުކަމްބާ ކޮޅެއް ބާއްވާލައިގެން އެނދުގައި ދެބެން ތިއްބެވެ. އެހެން އޮވެ ނެހާ ވާހަކަ ދެއްކިއެވެ. ކައިވެންޏާ ބެހޭ ގޮތުންނެވެ. އަސްލަންއާ ބެހޭ ގޮތުންނެވެ.
"އޭނާގެ ވަރަށް އެކްސްޕީރެންސް ހުންނާނެ..." ނެހާއަށް ބުނެލެވުނެވެ. އެއާއެކު ނޯޔާ ފުންމައިގެން ތެދުވި އެވެ. ދެ ލޮލުން ކިއުކަމްބާކޮޅު ނަގައި ދައްތައަށް ބަލާލި އެވެ.
"ތާތިގަނޑު... ތިކަހަލަ ވާހަކަ ނުދައްކަފާނަންތަ." ނޯޔާއަށް ވީގޮތް ފެނި ނެހާއަށް ހީނގަނެވުނެވެ.
"އައި މީން... ޑާޓީ ގޮތަކަށް ނޫން، މެރީ ކުރަން އުޅޭއިރު ކޮއްކޮ ވެސް ޖެހޭނެ ރިސާޗު ހަދާލަން، އޭނާއަށް ތާޓީ ތްރީ އިޔާޒް، ނުވަ އަހަރު ނޯޔަށްވުރެ ބޮޑު... ނޯ ހީކުރަނީ ފަސްޓްނައިޓްގަ ދެފައިދަމާފަ ނިދާނީ ކަމައްތަ؟ ޔޫ ހޭވް ޓު ލާން." ކުރުއަތް މައްޗަށް ތެދުވެލި ނެހާ ބުނެލިއެވެ.
"ޕްލީޒް ތާތި..." ނޯޔާ ކަންފަތުގައި ދެއަތް އެޅިއެވެ. އަޑު ނާހަން ވެގެންނެވެ. ނެހާ ދައްކާ ވާހަކައިން ނޯޔާ ލަދުން ގޮސް މީހާ ރަތްވެއްޖެ އެވެ. ދައްތައާ އޮންނަ ގާތްކަމާއި މިޒާޖު އެނގުނަސް އެފަދަ ވާހަކަތަކަކީ ނޯޔާ އިންތިހާއަށް ލަދުގަންނަ ވާހަކަތަކެވެ. ތަޖުރިބާ ކުރެވިފައި ނެތަސް އަންހެނަކާއި ފިރިހެނެއްގެ ދެމެދުގައި ހިނގާނޭ ގުޅުންތައް ނޯޔާއަށް އެނގެ އެވެ. އެހެންވިޔަސް އެއީ އެންމެންގެ ތެރޭ ދައްކާ ކަހަލަ ވާހަކައެއް ނޫނޭ ނޯޔާ ޤަބޫލު ކުރެއެވެ. ހަމަގައިމުވެސް އޭނާއަށް ލާހިކެއް ނޫނެވެ.
"އޯކޭ... ދެން އަތް ނަގާ... ނުދައްކާނަމޭ..." ނެގާ ތެދުވެ ނޯޔާގެ އަތަށް ދަމާލިއެވެ.
"އަސްލަން ނުގުޅާތަ؟" ނޯޔާ ކަންފަތުން އަތް ނެގުމުން ނެހާ އަހާލި އެވެ. އެހިނދު ނޯޔާ ބޯޖަހާލީ އާނއެކޭ ބުނާށެވެ.
"ކަމެއް ބޭނުންވެއްޖެއްޔާ ނޯޔާ ގުޅައްޗޭ، ބައްޕަ ބުނީ އެގޭގައޭ ނޯޔާ އުޅޭނީ، އަސްލަން ވެސް ބޭނުންވަނީ އެގޮތޭ... މެރީ ކުރިޔަސް އަންނައްޗޭ ކޮންމެ ދުވަހު." ނޯޔާގެ އަތްތިލައިގަ ހިފަހައްޓާލައިގެން އިނދެ ނެހާ ބުންޏެވެ.
"ތާތި ވެސް އަންނައްޗޭ، މަންމަ ގޮވައިގެން އަންނާނީ އިނގޭ." ކޮއްކޮގެ މަޢުޞޫމްކަން ނެހާއަށް ފެނުނެވެ. އޯގާތެރިކަމާއި ލޯބި އެކުލެވިގެންވީ ހިނިތުންވުމަކާއެކު ނެހާ ބޯޖަހާލިއެވެ.
"ކޮންއިރަކުން ޔަޝާ އަންނަނީ." ނެހާގެ ހިތަށް ވެރިވި ނުތަވަސްކަން ފޮރުވާލަމުން އަހާލިއެވެ.
"ހަވީރު، މިގޭންނޯ ތައްޔާރު ވާނީ." ބޯހާސްވެފައި އިން ކަހަލަ ގޮތަކަށް ނޯޔާ ބުނެލިއެވެ. އޭނާ ކަންބޮޑުވަނީ ޔަޝާއަށް ހުރިހާ ހަޤީޤަތެއް ކިޔާނުދެވި އޮތީމައެވެ.
* * * * *
"އަންނާތި... އޭރުން ފެންނާނީ، މަށެއް ވެސް ނުދެކެން... އެދުވަހު ލަސްވީމަ ތިގެއަށް ދިޔަކަން އެނިގެން ވަރަށް އެއްޗެހި ކީ، މަންމަ އުޅޭ ގޮތުން ހީވަނީ އަލަށޭ ދޮންބެ ކައިވެނި ކުރަން އެ އުޅެނީ... ބޯ ހަލާކު." ފޯނުގައި ހުރި އަރީން ވާހަކަ ދެއްކީ ޝެހެނާޒާއެވެ. އެކުވެރީންގެ ތެރެއިން އެންމެ ގާތް މީހާއެވެ.
"ކައިވެނިކޮށްގެން ކިހާވަރަކުން ދާނެބާ." ޝެހެނާޒު ބުނެލިއެވެ. އަރީން ހީނގަތެވެ.
ބެލްކަންޏަށް ނުކުންނަން އައި ފަވާޒަށް އަރީންގެ އަޑު އިވުނެވެ. އޭނާ އެ އައީ އަރީން ގާތު މަންމައަށް އެހީވެލަން ދާށޭ ބުނަންވެގެންނެވެ. އެގޭތެރެ ތައްޔާރު ކުރުމުގައި އެންމެން އަވަދިނެތި އުޅޭއިރު އެކަން އަރީނަށް ފާހަގަ ނުވާ ކަހަލައެވެ. އެކަމަކު އެއީ މުޅިން ތެދެއް ނޫނެވެ. އޭނާއަށް ފާހަގަ ނުވާނަމަ ރައްޓެހިންނަށް ގުޅައިގެން އެކަމުގެ ތަފްސީލު ދޭކަށް ނޭނގުނީހެވެ. ފަވާދު ހިތްހަމަނުޖެހުނެވެ. އަސްލަންއަކީ އަރީންގެ އެއްބަނޑުއެއްބަފާ ބޭބެއެވެ. އެކަމަކު މަންމައާއި އަސްލަންއަށް ކަމެއްކޮށްދޭނޭ ވަގުތު އަރީނަށް ވާކަމަކަށްނުވެއެވެ.
"އޭތް! މަ ހަނދާންނެތުނީ، މިދުހަތު އަތުވެއްޖެ، ނަމްޒާމެންގޭ މަތީބައިގަ ހުންނަނީ." ޝެހެނާޒު ބުންޏެވެ. އެއާއެކު އަރީން ބަސް ހުއްޓުނެވެ. ދެ ލޯ ބޮޑުކޮށްލެވިފައި ހުރިއިރު މާނަވީ ހިނިތުންވުމެއް ތުންފަތަށް ވެރިވެއްޖެއެވެ. ޗޮކުލެޓު ކުލައިގެ ދެ ކަޅިން ތަފާތު ވިދުމެއް ފާޅުވެލިއެވެ.
"އަރީން..." ފަހަތުން ފަވާދުގެ އަޑު އިވުނު ހިނދު އަރީންގެ މޫނު ހުދުވިއެވެ. ހިނދުކޮޅަކަށް ފާޅުވެލި ހުރިހާ އަސަރެއް އޭނާ ފަރުދާކޮށްލީ ނުހަނު އަވަހަށެވެ. (ނުނިމޭ)