ވާހަކަ

ރޮއްވާލައިފަ

(ދެވަނަބައި)

"ކުރިން އެނގުނުތޯ މިކަހަލަ އެއްވެސް ކަމެއް؟" ޑޮކުޓަރު ލަސްލަހުން އަހައިލިއެވެ.

"ނޫން." އަހަރެންގެ އަޑު ކުރެހުނެވެ.

"ޓެސްޓުތަކާއި ސްކޭނުން ޔަގީންވަނީ.." ޑޮކުޓަރު އަނެއްކާ ވެސް ހުއްޓައިލިއެވެ.

ވިޝާމާ އެއް އަތުން އަހަރެންގެ އަތުގައި ހިފައިލިއެވެ. އޭނާ އަތަށް ބާރުކޮށްލިއެވެ. އަހަރެން ބަލައިލީ ސީދާ ޑޮކުޓަރުގެ މޫނަށެވެ. ޑޮކުޓަރު ވެސް އެއް ފަހަރު އަހަންނަށް އަނެއް ފަހަރު ވިޝާމާގެ މޫނަށް ބަލައިލިއެވެ.

"ކޮން ކަމެއްތޯ؟" އަހަންނަށް ކެތެއް ނުކުރެވުނެވެ.

"ލިވާއާ ދިމާގައި ޓިއުމަރެއް އެބައިން. ފެންނަ ފެނުމަށް އެ ގްރޯތު ރޭޓް ވަރަށް ހައި." ޑޮކުޓަރު ހިންދިރުވާލިއެވެ.

އަހަންނަށް ހީވީ ދެފަރާތުން މީހަކު ބޮލުގައި ތަޅަން ފެށިހެންނެވެ. ޑޮކުޓަރުގެ ވާހަކަތައް ކަންފަތުގެ އެތެރޭގައި ތަކުރާރުވާން ފެށިހެންނެވެ. ބޭއިހުތިޔާރުގައި މޫނުގައި އަތްއެޅުނެވެ. ވިޝާމާ އަހަރެންގެ އަތުގައި ހިފައިލިއެވެ. އޭނާގެ ވެސް ތުރުތުރު އަޅަމުން ދިޔައެވެ.

"އަވަހަށް ފަރުވާ ދެވިއްޖެ ނަމަ އިރާދަކުރެއްވިއްޔާ ބޭބީ ސަލާމަތް ކުރެވިދާނެ. ލަސްނުކޮށް އަވަހަށް ފަރުވާ ދެވޭތޯ އުޅެމާ." ކަނޑުވަމުން ދިޔަ އަހަރެންގެ ނަފުސަށް ފަރުވާއަކަށް ޑޮކުޓަރުގެ އެ ދެ ޖުމުލަ ބަދަލުވިއެވެ.

ހީވީ ފެތެމުން ދަނިކޮށް ގޮތް ނޭނގޭ އަތަކުން އަހަރެން މައްޗަށް ހިއްލައިލިހެންނެވެ. ކޮންމެވެސް ވަރެއްގެ އުއްމީދެއް ލިބުމުން ހިތްވަރުކޮށްފައި ޑޮކުޓަރާ ސުވާލު ކުރީމެވެ. ކެންސަރާއި ޓިއުމަރާ ގުޅޭ ސުވާލުތަކެވެ.

ހަށިގަނޑުގައި އަބަދާއަބަދު ވެސް ވަކި އުސޫލުތަކެއް ދަށުން، ވަކި ނިޒާމެއްގެ މަތިން ސެލްތައް އާވެއާލާވަމުންދާނެ ކަމާއި ހަށިގަނޑުގައި ހުންނަ ބައެއް ސެލްތައް ދުވަސްވުމުން ނެތިދާނެ ކަމަށް ޑޮކުޓަރު ކިޔައިދެއްވިއެވެ. ހަމައެއް ލަމައެއް ނެތި ސެލްތައް އިތުރުވާ ސެލްތަކުގެ ފުނިވަރަކީ ޓިއުމަރު ކަމަށް ވެސް ކިޔައިދިނެވެ. ޓިއުމަރެއް އުފެދިއްޖެ ނަމަ ކަންކުރާންވީ ގޮތް ވެސް ހިއްސާކޮށްދެއްވިއެވެ. އަދި ދޭން ޖެހޭ ފަރުވާގެ މައުލޫމާތު ވެސް ބުނެދިނެވެ.

ޑޮކުޓަރުގެ ކޮޓަރިން ނުކުތް ގޮތަށް އެއްތަނުގައި ދެފައި ނުޖެހި އަހަރެން އުޅުނީ ބޭރަށް ދެވޭނެ މަގުތައް ކޮށޭތޯއެވެ. ހީވީ ނަސީބުގެ އޯގާތެރި އަތުން ބުރަކަށީގައި ފިރުމާލިހެންނެވެ. ހުރިހާ މަގުތަކެއް ފަސޭހަކަމާއެކު ކޮށިގެން ދިޔައީ އޮޅައިފައި ދޫކޮށްލި ދޫލައެއް ބިމުގައި ފެތުރިގެން ދިޔަހެންނެވެ. އެހައިވެސް އަމާންކަމާއެކު ހުރިހާ ކަމެއް ތަރުތީބުވެ އެއް ވަޒަނަކަށް މެހިގެން ދިޔައެވެ.

އިންޑިޔާއަށް ގޮސް އަލުންބަލުން ޓެސްޓުތައް ހަދާ ނިމި ޑޮކުޓަރާ ބައްދަލުކުރީމެވެ. ޑޮކުޓަރު ވެސް ދިނީ އެއް ޖަވާބެކެވެ. ޒާންއަށް ޖެހިފައިވަނީ 'ހެޕަޓޯބްލާސްޓޯމާ' ކިޔާ ފުރަމޭގެ ކެންސަރުގެ ބައްޔެވެ. ޑޮކުޓަރު އިތުރަށް އޮޅުންފިލުވާދެމުން ޒާނަށް ދިމާވާ އުނދަގޫތަކުގެ މައުލޫމާތު ހިއްސާކުރިއެވެ.

"އެއްދުވަހުން އަނެއް ދުވަހަށް ދަނީ ޓިއުމަރު ބޮޑުވަމުން. ޓިއުމަރު ބޮޑުވާތީ ޒާންގެ ގޮހޮރު ފިތެމުންދަނީ. އެކަމުގެ ސަބަބުން ޒާންއަށް ތަފާތު އުނދަގޫތަކާ ކުރިމަތިވާނެ. ކެއުމަށް ވެސް ތަފާތު އުނދަގޫތައް ކުރިމަތިވާނެ،" ޑޮކުޓަރު އިނގިރޭސިބަހުން އޮޅުންފިލުވާދިނެވެ. "ކީމޯދީގެން ޓިއުމަރު ކުޑަކޮށްލެވޭ ވަރަކަށް ކޮށްފައި ދެން ޖެހޭނީ ޓިއުމަރު ނަގަން."
އަހަންނަށް ބަލައިލެވުނީ ސީދާ ޑޮކުޓަރުގެ މޫނަށެވެ.

"އެނޫން ގޮތެއް ނެތްތޯ؟" އަހަންނަށް އަހައިލެވުނެވެ.

"ޓިއުމަރު ބޮޑުވަމުންދާ ގޮތުން އަދި މިއީ ބޭބީއަކަށް ވާތީ އެނޫން ގޮތެއް ނެތް. އެކަމަކު މިއީ ވަރަށް ނާޒުކު ކަމެއް."
ޑޮކުޓަރުންގެ ލަފަޔާއެކު އެންމެ ފަހުން ޒާންގެ އޮޕަރޭޝަން ކުރާން ނިންމީމެވެ. އިރާދަފުޅާއެކު އޮޕްރޭޝަން ކާމިޔާބުވިއެވެ. ޓިއުމަރު ނެގުނެވެ. އަހަންނާއި ވިޝާމާއަށް ވެސް ޓިއުމަރު ދެއްކިއެވެ. ބިރުވެރި ގޮތަކަށް އޮތް އެއްޗެކެވެ. ބޮޑެތި މޫތަކެއް ފައިބާފައި އޮތްހެން ހީވިއެވެ. ޓިއުމަރު އޮތް ގޮތުން ޒާންގެ މެއިން ބައެއް ވެސް ކަނޑައިލަން ޖެހުނެވެ. އަހަންނަށް ވިސްނައިލެވުނީ ޒާންގެ ކުޑަކުޑަ ހަށިގަނޑުގައި އަޅާނެ ވޭނެވެ. އެ ނިކަމެތި ދަރިފުޅަށް ވާނެ އުނދަގުލެވެ.

ދުވަސްކޮޅެއް ފަހުން ޒާން ހަމައަކަށް އެޅުނެވެ. ގަވާއިދުން ދޭންޖެހޭ ފަރުވާތަކާއި ބޭސްތަކުގެ ސަބަބުން ޒާންއަށް މާ ބޮޑެތި އުނދަގޫތަކެއް ކުރިމަތި ނުވި ނަމަވެސް ބޮލުގައި ހުރި އިސްތަށިކޮޅާއި ބުމައިގައި ހުރި އިސްތަށިކޮޅު ވެސް އެކުގައި ދިޔައެވެ. ދެ ލޯ ކައިރި ކަޅުވެ އަޑިއަށް ވަނެވެ. ފާޑަކަށް ދޮން ފޫޑުވެފައި އިންނަ ކަހަލަ ގޮތަކަށް ޒާން އިންނަނީ ހުދުކުލައަށް ބަދަލުވެފައެވެ.

ޒާން މަޑުމަޑުން ހަމައަކަށް އެޅުމުން ޑޮކުޓަރުންގެ ލަފަޔާއެކު މާލެ ބަދަލުވީމެވެ. މާލެ ބަދަލުވުމާއެކު ޒާނަށް ދިރުން އަންނަން ފެށިއެވެ. މަޑުމޮޅިވެފައި އޮތް ޒާން ހެލިފެލިވެ އުޅުން އިތުރުވިއެވެ. ހުނުމާއި ސަކަރާތް ޖެހުން އިތުރުވެ މުޅި ގޭތެރެ އެ އަޑުން ގުގުމާލިއެވެ. ޝިޒާގެ މޫނުމަތީގައި ކުރެހިފައި ހުރި މޮޅިވެރިކަން ފިލައިގޮސް އާއިލާގެ ހިނިތުންވުން އަބަދުވެސް ގޭތެރެއިން ފެންނާން ފެށިއެވެ. ގޭތެރެއިން އިވެމުން ދިޔައީ ތުއްތުތުއްތު ޒާންގެ އަޑެވެ. އޭނާގެ ސަކަރާތުގެ އަޑެވެ.

ދޭތެރެ ދޭތެރެއިން ޒާންގެ ލޭގެ ޓެސްޓުތައް ހަދަމުން ދިޔައީމެވެ. ޑޮކުޓަރުން އެގޮތަށް އިރުޝާދު ދީފައިވާތީއެވެ. ދެމަސް ފާއިތުވީއިރު ވެސް އެއްވެސް މައްސަލައެއް ފާހަގައެއް ނުކުރެވެއެވެ. އެހެންވެ އަހަރުމެން ނިންމީ ޒާން އެއްކޮށް ރަނގަޅުވީ ކަމަށެވެ. ރަހުމަތުގެ އަތުން ޒާންގެ ގައިގައި ފިރުމާލީކަމަށެވެ. އެހެންވެ ވިޝާމާގެ މޫނުމަތިން ވެސް ހިނިތުންވުން އަބަދުވެސް ފެންނާން ފެށިއެވެ. ޒާންގެ ހުނުމާ ސަކަރާތުގެ ސަބަބުންނެވެ. އެހެން ކުދިންނާ ހިލާފަށް ދޮޅު އަހަރުވީއިރަށް ޒާން ހުރިހާ އެންމެންގެ ނަންތައް ފަރިތަކަމާއެކު ކިޔާން ފަށައިފިއެވެ. އެ ތުއްތުތުއްތު އަޑުން މީހުންނަށް ގޮވާން ފަށައިފިއެވެ. ބައެއް ލަފުޒުތައް އެއްކޮށްގެން ވާހަކަ ވެސް ދައްކަން ފަށައިފިއެވެ. ބޮޑުމީހެކޭ އެއްފަދައިން ބައެއް ޖުމުލަތައް ވެސް ބޭނުންކުރާން ފަށައިފިއެވެ.

ޒާންގެ މޭމަތީގައިވާ ލަކުނާ މެދު އޭނާ ވިސްނާކަން އެނގުނީ އެއް ދުވަހު ބުނެލި ޖުމުލަ އަކުންނެވެ. ޒާންގެ އެ ޖުމުލަ އިވިގައި އަހަރެން ވެސް ދިޔައީ ތަރިބުރައިގެންނެވެ.

"ކޮއްކޮ މިތަން ނަގަން ޖެހިއްޖެ." ޒާންގެ ތުއްތު އަޑުން ބުނެލިއެވެ.

އަހަންނަށް ބަލައިލެވުނީ ވިޝާމާގެ މޫނަށެވެ. ވިޝާމާ ވެސް ދެލޯ ބޮޑުކޮށްލިއެވެ. އަހަންނަށް ކެތެއް ނުކުރެވުނެވެ. ޒާން ނަގައި އޮޅުލައިގަތީމެވެ. އޭނާގެ ގައިގައި ބައްދަލާވުނެވެ. މޫނާއި ދެ ކޮލަށް ބޮސްދިނީމެވެ.

"ބައްޕަގެ ޒާނަށް އެއްވެސް ކަމެއް ނުވާނެ. ތީ ބައްޕަގެ ފުރާނަ. ބައްޕަގެ ދޫނިގަނޑު." ޒާންގެ ކަނދުރާގައި އަހަރެންގެ ތުނބުޅި ޖައްސާލަމުން އޭނާ ހެއްވާލެވޭތޯ އުޅުނީމެވެ.

އެ ދުވަހުގެ ރެޔެވެ. ޒާނަށް ނޭވާލާން އުނދަގޫވާ ގޮތްވާން ފެށިއެވެ. ލަސްނުކޮށް އަހަރުމެން ހޮސްޕިޓަލަށް ދިޔައީމެވެ. ގޯހެއްވުމުގެ ކުރިން ފަރުވާދެވޭނީ އޭރުން ކަމަށްވާތީއެވެ. ލޭގެ ޓެސްޓުތަކެއް ހެދުމަށްފަހު ލިބުނު ނަތީޖާއިން އަހަރެން މާޔޫސްވާ ގޮތްވިއެވެ. ހާސްވެ ކަންބޮޑުވާ ގޮތްވާން ފެށިއެވެ. ލޭގައި މަދުން ހުންނަންވީ ބައެއް އިތުރުވެފައިވާ ކަމަށް ޑޮކުޓަރުން ބުންޏެވެ.

"މާނައަކީ އަނެއްކާ ވެސް ކޮންމެވެސް ދިމާއަކުން ގްރޯތެއް އެބަ އުޅެޔޭ. ޑައިގުނޯސްކޮށްގެން އެނގޭނީ. އެހެންވީމަ އިތުރު ޓެސްޓުތަކެއް ހަނދަން އެބަޖެހޭ. ބޭނުމިއްޔާ މިކޮޅުން ވެސް ޑައިގުނޯސް ކުރެވިދާނެ." ޑޮކުޓަރު އިތުރަށް ބުނެދިނެވެ.
އަހަންނާއި ވިޝާމަށް ވިސްނުނީ އަނެއްކާ ވެސް އިންޑިޔާއަށް ދާށެވެ. ޒާން ދެއްކި ޑޮކުޓަރާ ބައްދަލުކޮށް ޓެސްޓުތައް ހަދާށެވެ. އިންޑިޔާއަށް ގޮސް ޓެސްޓުތައް ހެދީމެވެ. ލިބުނީ ހަމަ އެއް ޖަވާބެކެވެ. ކުރިން ލިބުނު ޖަވާބަށްވުރެ ހިތްދަތި ޖަވާބެކެވެ.

މީހަކު އަހަރެންގެ ހިތުގައި ފުށްބޮޑު ކީހެއް ދަމާލި ކަހަލަ އިހުސާސެއް ކުރެވުނެވެ. ލަސްލަހުން ހިތް ދެފަޅިވާހެން ހީވަމުން ދިޔައެވެ. އަހަންނަށް ހީވީ ދިރިހުއްޓާ ވަޅުލާން ބުނިހެންނެވެ. އެހެންވެ ހިނދުކޮޅަކަށް މީހާ ހުއްޓުން އެރިއެވެ. ޒާނުގެ ހަށީގައި އަޅާނެ ވޭންތަކާ މެދު ވިސްނުނީމައެވެ. މިހާރުވެސް އެހާ ޅައުމުރުގައި މޭގެ އެއްބައި ނަގައިފައިވާތީ އެ ތުއްތު ތުއްތު ހަށިގަނޑަށް ކުރާނެ އަސަރުތައް ވަޒަންކުރެވުނީމައެވެ.
"މިފަހަރު ޓިއުމަރު އުފެދެން ފަށައިފަ މި ހުރީ ސީދާ ފުއްޕާމޭ ތެރޭގައި،" ޑޮކުޓަރު ލަސްލަހުން ބުނެލިއެވެ. "މި ފަހަރު ވަރަށް ކޮންޕްލެކްސްވާނެ. ބޭބީއަށް ވަރަށް އުނދަގޫވާނެ. ދެވޭނެ މާބޮޑު ފަރުވާއެއް ވެސް ނޯންނާނެ."

"ހަމަ އެއްވެސް ގޮތެއް ނޯންނާނެތޯ؟" އަހަންނަށް ރޮވޭގޮތް ވިއެވެ.

"އާދެ، ފުއްޕާމޭވީމަ،" ޑޮކުޓަރު ފުން ނޭވާއެއް ދޫކޮށްލިއެވެ. "އެހާ ކުޑަކުޑަ ބޭބީއެއްވީމަ ކީމޯ ދިނީމަ މާ ކޮންޕްލެސްވާނެ. އެހެން ކަންކަން ދިމާވާނެ. ވަރަށް ވޭން އަޅާނެ. ވަރަށް ހާލު ބޮޑުވެދާނެ."

"ކިހިނެއްތޯ ހަދަންވީ؟" އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. (ނުނިމޭ)