ލައިފްސްޓައިލް

ބަލިވެއިނދެ ނުވިހަނީސް އަނެއްކާ ބަލިވެއިނދެފި!

ވަރަށް މަދުން ނޫނީ މާބަނޑު މީހުންނަށް ދިމާނުވާ ހާލަތެއް މެދުވެރިވެ އަންހެނަކު ދެ ފަހަރަށް ބަލިވެ އިނދެއްޖެ އެވެ. މިފަދަ "ޑަބަލް ޕްރެގްނަންސީ" އަށް ޑޮކްޓަރީ ބަހުން ކިޔަނީ ސުޕަފީޓޭޝަން އެވެ. މި އަންހެންމީހާ ފިރިހެން ކުއްޖަކަށް ބަލިވެ އިނދެ ދުވަސްކޮޅެއް ވީފަހުން އަންހެން ކުއްޖަކަށް ބަލިވެ އިނީ އެވެ.

ރެބެކާ ރޮބަޓް، 39، ވިހޭ އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އަންހެންދަރިފުޅު ރޯސަލީ އާއި ފިރިހެން ދަރިފުޅު ނޯހް ގަރުބަގަނެފައި ވަނީ އެއް ކުއްޖަކު ގަރުބަގަންތާ ތިން ހަފުތާ ފަހުން އަނެއް ކުއްޖެކެވެ.

އެ ކުދިންގެ ސައިޒަށް ބަލާލުމުން އެއީ އެއްމާބަނޑު ދެ ކުދިން ކަމަށް ގަބޫލު ކުރަން ވެސް ދައްޗެވެ. ދެ ކުދިންގެ މެދުގައި ހުރީ އެންމެ ތިން ހަފުތާގެ ފަރަގު ނަމަވެސް ކުދިންގެ ސައިޒުން މި ފަރަގު ވަރަށް ބޮޑަށް ހާމަވާން ހުރީމަ އެވެ.

ސުޕަފިޓޭޝަން ފެނޯމިނަން އަކީ ދުނިޔޭގައި ވަރަށް މަދުން ނޫނީ މީހުންނަށް ދިމާވެފައި ނުވާ ހާލަތެކެވެ. މުޅި ދުނިޔޭން ވެސް "ޑަބަލް ޕްރެގްނަންސީ"ގެ ގޮތުގައި ރެކޯޑް ކުރެވިފައި ވަނީ ޑަޒަނެއްހާ ކޭހެވެ.

އިންގްލެންޑްގެ ވިލްޓްޝަޔާގައި ދިރިއުޅޭ ރެބެކާ އަށް އޭނާއަށް ލިބެނީ އެއްމާބަނޑު ދެކުދިންކަން އެނގުމުން ލިބުނީ ވަރަށް ބޮޑު ޝޮކެކެވެ. ސަބަބަކީ ބަލިވެ އިންކަން އެނގުމުން އޭނާ ހެދި ފުރަތަމަ ދެ ސްކޭނުން ވެސް ދެ ވަނަ ކުއްޖެއްގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާތީ އެވެ.

އިނގިރޭސި ވިލާތުގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ރެބެކާ ބުނީ އެއްފަހަރު ބަލިވެ އިނދެ ބަނޑަށް އެތައް ދުވަހެއް ވާފަހުން އަނެއްކާ އެހެން ކުއްޖަކަށް ބަލިވެ އިނދެދާނެ ފަދަ ހާލަތު ވެސް ހުންނަ ކަން އޭނާ މީގެ ކުރިން އަޑުއަހާފައެއް ވެސް ނެތެވެ.

ރެބެކާގެ ބަނޑަށް 33 ހަފުތާގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އޭނާ ވިއްސާފައިވަނީ ސިޒޭރިއަން ހަދައިގެންނެވެ.

ވިހޭއިރު ރޯސަލީގެ އެއްމާބަނޑު ފިރިހެންކުއްޖާގެ ބަރުދަނުގައި ހަތަރު ޕައުންޑު 10 އައުންސް ހުރިއިރު ރޯސަލީގެ ބަރުދަނުގައި ހުރީ އެންމެ ދެ ޕައުންޑް ހަތް އައުންސެވެ. އެހެންކަމުން ރޯސަލީ އަށް ދެ މަހާ ބައި ވަންދެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ. ވިހޭތާ މާ ގިނަ ދުވަހެއް ނުވެ އޭނާގެ ބޭބެ ވަނީ ގެއަށް ފޮނުވާލާފަ އެވެ.
ރެބެކާ އާއި އޭނާގެ ފިރިމީހާ ރީސް ވީވާ، 43، ގެ ސަމާ ކިޔާ 14 އަހަރުގެ އަންހެންކުއްޖެއް ހުރެ އެވެ.

މިގޮތަށް ބަލިވެ އިނުމުން އެއްވެސް ކަހަލަ ޖެނެޓިކް މައްސަލައެއް ކުދިންނަށް ދިމާވިތޯ ބަލަން އެމީހުން ވަރަށް ގިނަ ޓެސްޓުތައް ހެދި އެވެ. ނަމަވެސް އެފަދަ އެއްވެސް މައްސަލައެއް މި ކުދިންގެ ކިބައިން ފާޙަގަ ކުރެވިފައެއް ނެތެވެ.
ރެބެކާ އަށް ފަރުވާ ދިން ޑޮކްޓަރުން ބުނީ "ޑަބަލް ޕްރެގްނަންސީ" ދިމާވީ ދަރިއަކު ނުލިބިގެން ރެބެކާ ބޭނުން ކުރަމުންދިޔަ ފާޓިލިޓީ ބޭހަކުން ކަމަށް ވެދާނެ ކަމަށެވެ. އެއްފަހަރު ބަލިވެ އިންދާ ދެ ވަނަ ފަހަރަށް ބިހެއް ރިލީޒްވެ އެ ބިހުގައި ވެސް ކުއްޖެއް ގަރުބަ ގަތީ އޭނާ ބޭނުންކުރަމުން ދިޔަ ބޭހުގެ އަސަރުން ކަމަށް ޑޮކްޓަރުން ލަފާ ކުރެ އެވެ.

ސުޕަފީޓޭޝަން ތިއަރީ އަކީ އަދިވެސް ބައެއް ތަޖުރިބާކާރުންގެ މެދުގައި ޚިޔާލު ތަފާތު ވެފައިވާ އަދި ބައެއް މީހުންނަށް ގަބޫލުކުރަން އުނދަގޫ ތިއަރީ އެކެވެ.