ކޮވިޑް ވެކްސިން

ވެކްސިން ޓޫރިޒަމް ތައާރަފްކުރުމުގެ ވިސްނުން އެބަހުރި: މައުސޫމް

ރާއްޖޭގައި ވެކްސިން ޓޫރިޒަމް ތައާރަފްކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޓުރީޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގައި މައުސޫމަށް އަމާޒު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ކޮރޯނާގެ ވަބާ ފެށުނު ފަހުން " ވޯކް އެންޑް ވެކޭޝަން" ގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރާ ގޮތަށް ވެކްސިންދޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް "ވިޒިޓް، ވެކްސިން، ވެކޭޝަން" ގެ ޓެގްލައިންއެއް ބޭނުންކޮށްގެން ރާއްޖެ ޕްރޮމޯޓް ކުރުމުގެ ވިސްނުން އެބަހުރި ކަމަށެވެ.

ކޮވިޑަށް ދޭ ވެކްސިންގެ ދެ ޑޯޒެއް ފުރިހަަމަކުރަން ޖެހެ އެވެ. ދެވަނަ ޑޯޒް ފުރިހަމަ ކުރަން ޖެހެނީ ފުރަތަމަ ޑޯޒް ޖަހާތާ ތިނެއް ނުވަތަ ހަތަރު ހަފްތާ ފަހުން ނެެވެ. އެހެން ކަމުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރަން ގިނަ ދުވަސްތަކެއް ހޭދަ ކުރަން ޖެހެ އެވެެ. އެގޮތަށް ދިގު މުއްދަތަކަށް ރާއްޖޭގައި ފަތުރުވެރިން ތިބެން ފަށައިފިނަމަ ރާއްޖެއަށް އޭގެން ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަން މައުސޫމް ފާހަގަ ކުރެއްވި އެވެ.

ޓޫރިސްޓުން މިވަގުތު ރާއްޖޭގައި ގިނަވެގެން ތިބެވެނީ ތިން މަސް ދުވަހުއެވެ. ނަމަވެސް ހާއްސަ ހުއްދައެއްގެ ދަށުން ތިބެވެ އެވެ. މައުސޫމް ވިދާޅުވީ މިއަހަރު މަޖިލީހަށް ހުށަހަޅާ ބިލުގައި ތިން މަހަށްވުރެ ގިނަ ދުވަސް ވަންދެން ތިބެވޭނެގޮތަށް ހައްދަވަން ހުށަހަޅާނެ ކަމަށެވެ.

މައުސޫމް ވިދާޅުވީ އާބާދީއަށް އެންމެ ފުރަތަމަ ވެކްސިން ދެވޭ ގައުމަަށް ރާއްޖެ ވެގެން ދާނެ ކަަމަށާއި އެއާއެކު ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލަކަށް ވެގެންދާނެ ކަމަށެވެ.

ރާއްޖޭގައި މިދިޔަ ހަފްތާގައި ވެކްސިން ދޭން ފެށިއިރު ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް ވަނީ ވެކްސިން ދޭން ފަށައިފަ އެެވެ. އެގޮތުން މާލޭ ސަރަަހައްދުގެ ގެސްޓު ހައުސްތަކާއި ރިސޯޓްތަކާއި ސަފާރީގައި މަސައްކަތް ކުރާ މީހުންނާއި އެއާޕޯޓް ރެޕުންނަށް ވަނި ވެކްސިން ދޭން ފަށައިފަ އެވެ. އެގޮތުން ފުރަތަމަ ބުރުގައި ފަތުރުވެރިންނާ އެންމެ ގާތުން ހިދުމަތް ދޭ 10،000 މުވައްޒަފުންނަށް ވެކްސިން ދޭން ވަނީ އަމާޒު ހިފައިފަ އެވެ.

ފަތުރުވެރިންނަށް ވެކްސިން ދިނުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައްވައި މައުސޫމް ވިދާޅުވީ ސަރުކާރުގެ މިވަގުތުގެ ސިޔާސަތަކީ ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ފުރަތަމަ ވެކްސިން ދިނުން ކަމަށެވެ. އަދި ވެކްސިންގެ ސްޓޮކާ ކަންކަމަށ ބެލުމަށްފަހު އެޗްޕީއޭއާ ގުޅިގެން އެކަން ކުރިއަށް ގެންދެވިދާނެކަމަށް ވިދާޅުވި އެވެ.

" ވެކްސިން ދިނުން އެއީ އޭގެ ޒާތުގައި ރާއްޖެ ވިއްކުމަށްވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމެއް. އަދި މުވައްޒަފުން އެކަށީގެންވާ ރައްކާތެރިކަމާ ސަލާމަތްތެރިކަން ހޯދުމުގައި އެކަން ވަރަށް މުހިންމު. އިރާދަކުރެއްވިއްޔާ ރާއްޖެ ވެގެންދާނެ ވެކްސިން ޓޫރިޒަމް ފެށޭ ގައުމެއްގައި " މައުސޫމް ވިދާޅުވިއެވެ.