ޓޫރިސްޓް އެރައިވަލް

މިއަހަރު 1.5 މިލިއަން ފަތުރުވެރިން އަންނާނެކަަމަށް ބެލެވޭ: މައުސޫމް

މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ބެލެވޭކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގައި މައުސޫމަށް އަމާޒު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ކޮވިޑް ވެކްސިނާއެކު މިއަހަރު ރާއްޖެ އަންނާނެކަމަށް ކުރިން އަންދާޒަ ކުރި ފަތުރުވެރިންގެ އަދަދު އަނެއްކާވެސް ރިވައިޒްކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން އަންދާޒާކޮށްފައި އޮތީ މިއަހަރު އެއް މިލިއަން ފަތުރުވެރިން އަންނާނެ ކަަމަށެވެ. ނަމަވެސް މިހާރު 1.5 މިލއިަން ފަތުރުވެރިން މިއަހަރު އަންނާނެކަމަށް އަންދާޒާކުރައްވާކަމަށް މައުސޫމް ވިދާޅުވި އެވެ.

މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ 555,399 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރު ރާއްޖެ އަންނާނެކަމަށް އަންދާޒާކުރި އަދަދަށްވުރެ މާ މަދު އަދަދެކެވެ.

މިއަހަރު ކުރީ ކޮޅު ރާއްޖެ އަންނާނެކަމަށް ކުރިން އަންދާޒާ ކުރި އަދަދަށްވެސް ފަތުރުވެރިން ނާދެ އެވެ. އެކަން އެހެން ވެގެން ދިޔައީ ޔޫރަޕްގައި ކޮރޯނާ ވައިރަސްގެ ހާލަތު ގޯސްވުވާ ގުޅިގެން އެ މާކެޓުން އަންނަ ފަތުރުވެރިން އައުން މަދުވުމުގެ ސަބަބުންކަަން މައުސޫމް ފާހަގަކުރެއްވި އެވެ. ނަމަވެސް ވެކްސިނާއެކު މަންޒަރު އަނެއްކާވެސް ބަދަލުވެގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

" ރާއްޖޭގެ ރައްޔިތުން ވެކްސިނަށް ދޭ ތަރުހީބުގެ އަލީގައި ރާއްޖެ ގުނާލެވިގެންދާނެކަމަށް އެންމެ ފުރަތަމަ މުޅި އާބާދީއަށް ވެކްސިން ދިނުމުގެ ފުރުސަތު ލިބޭ ގައުމަށް. މިހާރުވެސް ބޭރު ދުނިޔޭގެ މީޑީއާތަކުގައި ލިޔަން ފަށައިފި. އޭގެ ޒާތުގައި ރާއްޖެއަކީ މިހާރުވެސް އެންމެ ސަލާމަތީ ރައްކާތެރި މަންޒިލެއް. ދެން ވެކްސިންކަންތައް ފުރިހަމަ ވެގެން ދިޔައިމަ ދުނިޔޭގައިވެސް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ރާއްޖެ ބަދަލުވެގެން ދާނެ. އެ މެސެޖު އަޅުގަނޑުމެންގެ ރައީސް މި ދުނިޔެއަށް ދެއްވީ. " މައުސޫމް ވިދާޅުވި އެވެ.

މިއަހަރު ރާއްޖެ އަންނަ ފަތުރުވެރިން ގުނާއިރު ސީދާ ނަންބަރުން ފަތުރުވެރިން ގުނުމަށްވުރެ "ބެޑް ނައިޓް" އިން ފަތުރުވެރިން ގުނަން ގަސްދުކުރާކަމަށް މައުސޫމް ވިދާޅުވި އެވެ. އެގޮތަށް ނިންމީ "ބެޑް ނައިޓާ" ލިބޭ އާމްދަނީ ގުޅިފައި އޮންނާތީކަަމަށް އޭނާ ވިދާޅުވި އެވެ. މިއަހަރު ބެޑް ނައިޓްސް ލިބޭނެކަމަށް މައުސޫމް އަންދާޒާކުރެއްވީ 10 މިލިއަނެވެ.